ﷲ ތަޢާލާގެ މި 2 ވަޢުދުފުޅަށް އިހްތިރާމްކުރާނަމަ އަހުރެމެން ނިކަމެތި ނުކުރެވޭނެ! އިން ޝާ ﷲ

މުއްމިނުން މިއަދު ބަލިކަށިވަމުން މިދަނީ ﷲ ތަޢާލާގެ މި ދެ ވަޢުދުފުޅު ހަނދާންނައްތައިލުމުންނެވެ! އެއީ ﷲ ތަޢާލާ ވޮޑިގެންވަނީ މުއްމިނުންނާއިކަމަށް އޮތް ﷲ ތަޢާލާގެ ވައުދުބަސްފުޅާއި މުއުމިނުންނަށް އަބަދުވެސް އެހީތެރިވެވޮޑިގަންނަވާނެ ކަމަށް އޮތް ވަޢުދުބަސްފުޅެވެ. 
އަހަރެމެން ބުނަނީ އަހަރެމެންނަކީ މުސްލިމުން ކަމަށެވެ. މިތިބީ ކީރިތި ޤުރްއާނާއި ސުންނަތް ޤަބޫލުކޮށްގެން ކަމަށެވެ. ވާގިއެދެނީ ﷲ ތަޢާލާގެ ޙަޟްރަތުންކަމަށެވެ. އެހެން ބުނެފައި ޢަމަލުކުރަނީ ކާފިރުން ބޭނުންވާ ގޮތަށެވެ. އެހެންކަމަށްވާނަމަ އަހަރެމެންނަށް ބުނެވޭ ބަހާއި ޢަމަލުކުރެވޭ ގޮތް ދިމާވާނީ ކިހިނަކުންހެއްޔެވެ؟ 
"ތިމަން ﷲ ވޮޑިގެންވަނީ މުއްމިނުންނާއެކު"ގައި ކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އޮތުމުން އެހެން ފަރާތެއްގެ ކިބައިން މުއްމިނުން އެއްވެސް އެހީތެރިކަމަކަށް ބޭނުމެއް ނުވާނެއެވެ. ހަމަ އެއާއެކު ރަސޫލް (ﷺ) ވަނީ މިކަން ކަށަވަރުކޮށް ދެއްވަވައިފައެވެ. "ތިއަބައިމީހުން ﷲ ތަޢާލާ އާއިއެކުގައި ވާށެވެ! ﷲ ތަޢާލާ ތިއަބައިމީހުން ހިމާޔަތް ކުރައްވަވާނެއެވެ." 
"ތިއަބައިމީހުން ﷲ ތަޢަލާގެ މަގުގައި ސާބިތުވެ ތިބިނަމަ ތިއަބައިމީހުންގެ ކުރިއަށް ﷲ ތަޢާލާ ވޮޑިގެންވާކަން ތިއަބައިމީހުންނަށް ފެނިގެންދާނެއެވެ." މިހުރިހާ ކަމަކުން އެނގިގެންދަނީ ﷲ ތަޢާލާގެ މަގުގައި އަހަރެމެން ސާބިތުވެ ތިބިނަމަ އަބަދުވެސް ﷲ ތަޢަލާ އަހަރެމެންނާއިއެކު އަބަދުވެސް ވޮޑިގެންވާނެ ކަމެވެ. ﷲ ތަޢާލާ އަހަރެމެންނާއިއެކު ވޮޑިގެންވާނަމަ އަހަރެމެން ދެރަކޮށް ނިކަމެތި ކުރެވޭނެ އަދި އަހަރެމެންނަށް އެއްވެސް ގެއްލުމެއް ދެވޭނެ ބައަކު ނުތިބޭނެއެވެ. 
ދަލީލު: 
"ތިއަބައިމީހުން (އެބަހީ ކާފަރުން) އިންޞާފަށް އެދޭނަމަ، ފަހެ، ހަމަކަށަވަރުން، ތިއަބައި މީހުންނާއި ހަމައަށް ނިޔާ އަތުވެއްޖެއެވެ. އަދި ތިއަ ބައިމީހުން (ޢަދާވާތްތެރިވުން) ހުއްޓައިލާނަމަ، އެގޮތް ތިއަބައި މީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ތިއަބައިމީހުން، އެނބުރި (ޢަދާވާތްތެރިވުމަށް) އަންނަނަމަ، ތިމަން ރަސްކަލާނގެ (މުއްމިނުންނަށް ނަޞްރު ދެއްވެވުމަށް) ވޮޑިގެންވާހުށީމެވެ. އަދި ތިއަބައިމީހުންގެ ބައި ގިނަވެގެންވީ ކަމުގައި ވިއަސް، ތިއަބައިމީހުންނަށްޓަކައި، އެއުރެންނަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، މުއްމިނުންނާއިއެކުގައެވެ." (ސޫރަތުލްއަންފާލް- 19) 
"--- އަދި، އެކަލާނގެ ތިއަބައިމީހުންނަށް ޢަފޫ ކުރެއްވެވިއެވެ. ﷲ އީ، މުއްމިންތަކުންގެ މައްޗަށް ފަޟްލްވަންތަވެރި ރަސްކަލާނގެއެވެ." (އާލްއިމްރާން- 152) 
މިއާޔަތުން އެނގިގެން މިދަނީ މުއްމިނުންނަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގަންނަވާނެކަމެވެ. މަދަދު ފޯރުއްވަވާނެ ކަމެވެ. ﷲ ތަޢަލާގެ ރަޙްމަތްފުޅު ލިބެމުންދާނެކަމެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅު ވަނީ އެއްވެސް އިމެއް ނެތި ފެތުރިގެންނެވެ. އެހެންކަމުން އަހަރެމެންނަށް ޙައްޤު މިންވަރަށްވުރެ މާބޮޑަށް އިތުރަށް ﷲ ތަޢާލާގެ ދީލަތި އެހީތެރިކަން އަހަރެމެންނަށް އަބަދުވެސް މިދަނީ ލިބެމުންނެވެ. ކަމަކަށް އެދި އަހަރެމެން ﷲ ތަޢާލާއަށް ދެންނެވުމުން އަބަދުވެސް މާ ބޮޑުތަން އިތުރަށް ދެއްވަވަމުން ގެންދަވާކަން އެއީ މުއްމިނުންނަށް ދީލަތިވެވޮޑިގަތުމުގައި ﷲ ތަޢާލާގެ އެއްވެސް އިމެއް ނެތްކަމުގެ ހެތްކެކެވެ. 
މި 2 ވަޢުދުފުޅުތަކަށް އިތުބާރުކުރާ ނަމަ މުސްލިމުން އަބަދުވެސް ތިބޭނީ އުފަލުންނެވެ. މުސްލިމުން ބިރުގަންނަން ޖެހޭނެ ބައަކު ނުތިބޭނެއެވެ. 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ