މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެ ފައިސަލް ރަށަށް ބަދަލުވަނީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެ ފައިސަލް ރަށަށް ބަދަލުވަނީ

ޖެނުއަރީ 28، ގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ކުއްލި ގޮތަކަށް ވަކިކުރި އިބްރާހިމް ފައިސަލް ދިރިއުޅުއްވުން އުފަން ރަށް ލ. ފޮނަދޫއަށް ބަދަލުކުރައްވަން ނިންމަވައިފި އެވެ.
ފައިސަލް މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް އެކަމާމެދު ބަހެއް ވިދާޅުވެފައެއް ނުވެ އެވެ. ޓޫރިޒަމް މިނިސްޓަރުކަމަށް އިތުރު ބޭފުޅަކު އައްޔަންކުރުމުގެ ބަދަލުގަ ސަރުކާރުން އިއްޔެ ވަނީ އެ މިނިސްޓްރީ އެންވަރަމެންޓާ އެއްކޮށްލާފަ އެވެ.
ރަށަށް ބަދަލުވާން ނިންމާފައިވާކަން ކަށަވަރުކޮށްދެއްވާ މި ނޫހާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އެއީ މިވަގުތަށް އޭނާ އަދި އާއިލާއަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. މި މަހުގެ ތެރޭ ދިރިއުޅުއްވުން ރަށަށް ބަދަލުކުރައްވާނެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
"ސިޔާސީ ކަންކަމުގަ އަދިވެސް އުޅޭނަން. މިވަގުތު އެއްވެސް ޕާޓީއަކު ނޫން. އަޅުގަނޑު އޮތީ ޕީޕީއެމްގައި. ޕީޕީއެމް އުވުނީމަ އެއްވެސް ޕާޓީއަކު ނޯންނާނެތާ،" ފައިސަލް ވިދާޅުވި އެވެ.
ސަރުކާރާއެކު މިވަގުތު ނެތް ކަމަށާއި ކުރިއަށް އޮތްތަނުގައި ސިޔާސީ ގޮތުން ކުރިއަށްދާނެ ގޮތެއް އަދި ނުނިންމަވާ ކަމަށްވެސް ފޯނުން ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވަކިކުރުމާ ގުޅިގެން އޭނާގެ ބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް މުއިއްޒު އާ ދެމެދު އޮތް ގުޅުން ވެސް ވަނީ ގޯސްވެފަ އެވެ. ރައީސްގެ ނިންމުމަށް ފަހު ރާއްޖޭގެ ނޫހަކާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ދެ ރައީސުންގެ ގުޅުން ރަނގަޅު ނަމަ މިހެން މިކަން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމަނިކުފާނު މަޖިލީހުންގެ ރައީސްކަމުން ވަކިކުރުމުގެ މަޝްވަރާތަކެއް ވެސް ވަނީ ވެރިކަން ހިންގާ ޕީއެންސީ ތެރޭގައި ފަށާފަ އެވެ. މި އަޑުތަކާއެކު އަބްދުއްރަހީމް މެލޭޝިއާއަށް ކުރެއްވި ދަތުރު ކުރުކޮށްލެއްވުމަށް ފަހު ރާއްޖެ ވެސް ވަޑައިގެންނެވި އެވެ.
އެނބުރި ގައުމަށް ވަޑައިގެން، އެއާޕޯޓަށް އެއްވި ނޫސްވެރިންނާ ބައްދަލުނުކުރައްވާ އަބްދުއްރަހީމް "ވަލު ދޮރުއަށިން" ވަޑައިގެންނެވީ ސީދާ އެމަނިކުފާނުގެ ރަސްމީ ގެ މުރައިދޫ އަށެވެ. މިއަދާ ހަމައަށްވެސް އަބްދުއްރަހީމް މިކަމާ ގުޅޭގޮތުން އިތުރު ބަހެއް ވިދާޅެއް ނުވެ އެވެ.
ދެ ރައީސުންގެ ގުޅުން ގޯސްވެ މަޖިލީހުގެ ރައީސްކަމުން އަބްދުއްރަހީމް ދުރުކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ޕީއެންސީގެ ބައެއް މެންބަރުން މި ނޫހަށް ކަށަވަރުކޮށްދީފައިވެ އެވެ. އެ މަސައްކަތް ކުރަމުންދާ ބާރުމިނެއް އަދި ފުޅާމިނެއް ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ