ޑީއާރުޕީން އާމިރަށް ދޭން ޖެހޭ 4 މިލިއަންގެ މައްސަލަ ކުރިއަަކަށް ނުދިޔަ

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އާމިރަށް ޑީއާރުޕީން ދައްކަން ޖެހޭ 4 މިލިއަން ރުފިޔާގެ މައްސަލައެއް ސިވިލް ކޯޓުގައި ކުރިއަކަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން މިދިޔަ ބުދަ ދުވަހު ހުކުމްކޮށްފި އެވެ.
އެނގުން މުހިންމު - ސިޔާސީ ޕާޓީތަކުގެ ގާނޫނު 2005ގައި ވުޖޫދުވުމާއެކު އެ ގާނޫނުގެ ދަށުން ދެވަނައަށް ރަޖިސްޓްރީކުރި ޑީއާރުޕީ ވަނީ 15 މާޗު 2023ގައި އުވާލައިފަ އެވެ. 
ވީކިހިނެއް؟ - މިއީ އާމިރުގެ ދެ ސްޓޫޑިއޯއަކުން ރިޔާސީ އިންތިހާބު 2008ގައި ޑީއާރުޕީއަށް ފޯރުކޮށްދިން ހިދުމަތްތަކަށް ދޭން ޖެހޭ ފައިސާއެއް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާ ފައިސާއެކެވެ. އާމިރު ސިވިލް ކޯޓަށް އަލުން މައްސަލަ ހުށަހެޅުއްވީ ޑީއާރުޕީން އެ ފައިސާ ނުދެއްކުމުން ހައި ކޯޓުގެ ހުކުމް ތަންފީޒުކުރުމަށް އެދި އެވެ.
ތަފްސީލް - ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ދަރަނި ދެއްކުމުގެ ހުކުމް ތަންފީޒުކުރުމަށް ބެލިއިރު ޑީއާރުޕީގެ ނަމުގައި އެއްވެސް ބޭންކެއްގައި ފައިސާއެއް ނެތެވެ. އަދި ޑީއާރުޕީގެ ނަމުގައި އެއްވެސް ބިމެއް، ފްލެޓެއް، އިމާރާތެއް، ވިޔަފާރިއެއް އަދި އެ ނޫން ވެސް މުދަލެއް ނެތެވެ.
ޕާޓީއެއް އުވާލާފައި ހާލަތުގައި ދަރަންޏަށް ޒިންމާ ވާން ޖެހޭނީ ދަަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތް ކަމަށް ޕާޓީތަކުގެ ގަވާއިދުގައިވެ އެވެ.
ނަމަވެސް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމީ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގެ ތެރެއިން އެހެން ފަރާތެއް ޒިންމާކުރުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުމަކަށް ރިއާޔަތް ކުރުމަށް ފަހުގަ އެވެ.
ފާހަގަކޮށްލެވޭ - ޑީއާރުޕީގެ އެހެން ބައެއް މައްސަލަތައް ވެސް ސިވިލް ކޯޓުން ނިންމީ މި ގޮތަށެވެ. އޭގެ އެއް މައްސަލަ މިހާރު ސުޕްރީމް ކޯޓަށް ވަނީ ގޮސްފަ އެވެ. އެ ގޮތުން:
އެމްޓީސީސީން ޑީއާރުޕީއަށް ދައްކަން ޖެހޭ ފައިސާއަށް ޑީއާރުޕީގެ އޭރުގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ޒިންމާވާން ޖެހޭނެ ކަމަށް ބުނެ ސިވިލް ކޯޓަށް ދިޔަ
ސިވިލް ކޯޓުން މައްސަލަ ނިންމީ އެ މަނިކުފާނު އެ ފައިސާއަށް ޒިންމާ ވާން ޖެހޭ ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް
އެމްޓީސީސީން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން މައްސަލަ ބޭރުކޮށްލުމަށް މައުމޫން އެދިވަޑައިގެންނެވި، ނަމަވެސް ހައި ކޯޓުން ނިންމީ މައްސަލަ ކުރިއަށް ގެންދިއުމަށް
މައުމޫން ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި؛ ސުޕްރީމް ކޯޓުގައި މައްސަލަ ފެށުމަށް އަންނަ މަހަށް ތާވަލުކޮށްފައިވޭ
ފަސްމަންޒަރު - ރާއްޖޭގެ އެންމެ މަގުބޫލު ޕާޓީއެއް ގޮތުގައި އަހަރުތަކެއް ވަން ދެން އޮތް ޑީއާރުޕީގެ މަގުބޫލުކަން ވެއްޓެން ފެށީ އޭރު ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާއި ރައީސް މައުމޫނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން މައުމޫނާއި އެމަނިކުފާނުގެ ސަޕޯޓަރުން ޑީއާރުޕީ ދޫކޮށް ޕީޕީއެމް ނަމުގައި ޕާޓީއެއް އުފެއްދި ހިސާބުންނެވެ.
އޭގެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ޑީއާރުޕީން ވަކިވެ ތަސްމީން ގުޅިވަޑައިގަތީ އެމްޑީޕީއާއެވެ. ދެން ޕާޓީގެ ލީޑަރުގެ ގޮތުގައި 2021އާ ޖެހެންދެން ހުރީ މުހައްމަދު ނަޝީދު (ކާނަލް) އެވެ. ޕާޓީ އުވާލިއިރު ލީޑަރަކީ އަބްދުﷲ ޖާބިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ