ފާއިތުވެދިޔަ ހަފްތާގައި, މިސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ އިބުރާހިމް ފައިސަލް މަގާމުން ވަކިކުރި ފަހުން, މުއިއްޒު ފައިސަލްގެ ބައްޕަ އަބުދުއްރަހީމްގެ ފޯން ކޯލަކަށް އަދި މެސެޖަކަށްވެސް ޖަވާބެއް ނުދެއްވާކަމަށް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިއްޖެއެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން މިސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, ފައިސަލް މަގާމުން ދުރުކުރި ފަހުން, މުއިއްޒުއާއި ވާހަކަ ދެއްކޭތޯ އަބުދުއްރަހީމްވަނީ ތަކުރާރުކޮށް މަސައްކަތް ކުރައްވާފައެވެ. އެގޮތުން ތަކުރާރުކޮށް ފޯނުކޮށް އަދި އަބުދުއްރަހީމް މެސެޖުކުރުމުންވެސް މުއިއްޒު އަބުދުއްރަހީމަށް އެއްވެސް ޖަވާބެއް މިއަދާއި ހަމައަށް ދެއްވާފައި ނުވާކަމަށް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ފައިސަލް މަގާމުން ވަކިކުރެއްވިއިރު އަބުދުއްރަހީމް ހުންނެވީ މެލޭޝިއާގއެވެ. އެހެންނަމަވެސް މެލޭޝިއާއިން މާލެ ވަޑައިގެންނެވުމަށްފަހު އަބުދުއްރަހީމްގެ އަޑު ކެނޑި, އޭނާ ސިޔާސީ މަސްރަހުން ކުއްލިގޮތަކަށް ވަނީ ގެއްލިފައެވެ.
އަބުދުއްރަހީމްގެ ދަރިފުޅު, މިސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ އިބުރާހިމް ފައިސަލް ރައީސް މުއިއްޒު ވަޒީރުކަމުން ވަކި ކުރުމާއިގުޅިގެން, ރައީސް މުއިއްޒުގެ އެ ނިންމުމާމެދު އަބުދުއްރަހީމް އާންމު މީޑިއާގައި ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.
ފައިސަލް މިނިސްޓަރުކަމުން ވަކިކުރުމާއެކު, މެލޭޝިއާގައި ހުންނަވާ މީޑިއާތަކާއި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވެފައިވަނީ ފައިސަލް މަގާމުން ވަކިކޮށްފައިވަނީ ބޭއިންސާފުން ކަމުގައެވެ.
އެނގިފައިވާ ގޮތުގައި އަބުދުއްރަހީމްގެ އިންޓަވިއުއާއި ގުޅިގެން މުއިއްޒުވަނީ ކޯފާ އިސްކުރައްވާފައެވެ. އަދި މެލޭޝިއާއިން އަބުދުއްރަހީމް މާލެ ވަޑައިގަތުމަށްފަހު އަބުދުއްރަހީމް އެއްވެސް މީޑިއާކަށް މައުލޫމާތު ދެއްވުން މުއިއްޒުވަނީ މަނާ ކުރައްވާފައެވެ. އަދި އަބުދުއްރަހީމް މަޖިލިސް ރައީސްކަމުން ވަކިކުރުމަށް މުއިއްޒުވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއަށް އަންގަވާފަވެސްމެއެވެ.
މުއިއްޒުގެ އަނިޔާވެރިކަމާ, އެންމެ ގާތުގައި ހުންނެވި އަބުދުއްރަހީމަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާއިރު, މުއިއްޒުގެ ފަރާތުން މިބީދައިން އަނިޔާ ލިބެމުންދަނީ މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރި ފަރާތްތަކަށެވެ.
އެގޮތުން, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ދައްކައިގެން, ރައީސް ޔާމިނަށް އޮތް ތާއީދުގެ ބޭނުންކޮށް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މުއިއްޒުވަނީ ރައީސް ޔާމިން މިނިވަންކުރާނެކަމަށް ވިދާޅުވެ ވީހާ ވައުދުތަކަށް ޚިޔާނާތްތެރި ވެފައެވެ. އަދި މުއިއްޒުގެ އެންގުމަށް, ކޯޓުތަކުގައި އަދިވެސް ކުރިޔަށްދާ ރައީސް ޔާމިންގެ މައްސަލަތައް މިހާރުވަނީ ބާރު މިނުގައި ކުރިޔަށް ގެންދަންވެސް ފަށާފައެވެ.
މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ފުރިގެންދާއިރު, މުއިއްޒުގެ ފަރާތުން އެންމެ ބޮޑަށް އަނިޔާ ލިބެމުންދަނީ, މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑު ގުރުބާނީއެއްވި ފަރާތްތަކަށެވެ.
މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އަބުދުއްރަހީމްއާމެދު މުއިއްޒު އަމަލުކުރަމުންދާ ގޮތުން މުއިއްޒުއަކީ ޒާތީ ހަސަދައާއި ރުޅިވެރިކަމުން ފޯވެފައިވާ މީހެއްކަން ހާމަވަމުންދާކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ފައިސަލް މަގާމުން ވަކިކުރި ފަހުން, މުއިއްޒު އަބުދުއްރަހީމްގެ ފޯން ކޯލަކަށް އަދި މެސެޖަކަށްވެސް ޖަވާބެއް ނުދެއްވާ! މުއިއްޒުއަކީ ޒާތީ ހަސަދައާއި ރުޅިވެރިކަމުން ފޯވެފައިވާ މީހެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ