ކުޑަކުދިންނަށް ތައުލީމާއި ތަރުބިއްޔަތު ދިނުމަކީ ގައުމީ ޒިންމާއެއް: ރައީސް

ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތައުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަންޖެހޭ ޤައުމީ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއި މުއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކުޑަކުދިންގެ ދުވަހާ ގުޅިގެން، އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.
ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށާއި ޒިންމާދާރު ބައެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ޤާބިލްކަން ހޯދައިދޭންޖެހޭކަމަށް އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެއްވެސް ކުޑަކުއްޖެއްގެ މައުސޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި އަމަލަކަށްވެސް ޖާގަ ނުދިނުމަކީ އަދާކުރަންޖެހޭ ޒިންމާއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިންޓަނެޓާއި ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަށްޓަކައި، ބެލެނިވެރިންނާއި މުދައްރިސުން އާ ވިސްނުންތަކާއެކު މަސައްކަތްކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ޒަމާނީ ތައުލީމާއި މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކުރުމަށް ކުޑަކުދިންގެ އަތަށްދޭ ވަސީލަތްތަކުގެ ސަބަބުން ބައެއް ކުދިންނަށް އިޢާދަނުކުރެވޭ ބޮޑެތި ނުރައްކާ ކުރިމަތިވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތްކުރުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި ފެންވަރު ރަނގަޅު ތައުލީމް ކަށަވަރުކޮށްދެއްވުމަށް ކަމުގައި، އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރެއްވިއެވެ. ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ސިސްޓަމްގެ ތެރެއިން ފުރުސަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ސަރުކާރުން ދަނީ ކަށަވަރުކުރަމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން، އެމަނިކުފާނު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ، ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި ޢާއިލާތަކަށް ފޮނުއްވާފައެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި ޢާއިލާތަކަށް މި އުފާވެރި ދުވަހުގެ ތަހުނިޔާ ފޮނުއްވައި މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި ވިދާޅުވީ ހެޔޮލަފާ ދަރީންތަކެއް ހެދި ބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްކަމެއް ނެތް ކަމަށެވެ. އަދި ކުޑަކުދީންނަށް އަޅައިލާ، އޯގާތެރިކަމާއެކު ޙިމާޔަތް ދެމުން ދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދު ހަޤީޤަތަކަށް ވަމުންދާނެކަމަށް އެކަމަނާގެ މެސެޖުގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ