ސަރުކާރުގެ ތިން ކުންފުންޏަކުން ހުޅުވި ޑޭ ކެއާ ސެންޓަރުތައް ބަންދުކޮށްފައިވާތީ އެކަމާ ކަންބޮޑުވުންފާޅުކޮށް، އެތަންތަން އަލުން ހުޅުވޭނެތޯ ސާފުކުރުމަށް ރައްޔިތުންގެ މަޖިކީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - އެމްޕީއެލް، އެޗްޑީސީ އަދި ސްޓެލްކޯގައި ހިންގި ޑޭކެއާ ސެންޓަރުތައް ބަންދުކުރުމުގެ ކަންބޮޑުވުން ފާޅުކުރައްވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މި ޑޭކެއާ ސެންޓަރުތަކަކީ ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި ކުދިންނަށް ބޭނުންވާ ނަމާދުކުރުމާއި ކިޔެވުމާއި މުނިފޫހިފިލުވުމުގެ އިންތިޒާމުތަކާ އެކު ހިންގަމުން އައި ތަންތަން ކަމަށެވެ.
ތަފްސީލް - ޑޭކެއާތައް ހުޅުވި ތާރީހާއި ބަންދު ކުރި ތާރީހުތައް ފާހަގަކުރައްވައި، އެ ތަންތަން ބަންދުކުރުމާ ގުޅިގެން ކުންފުނިތަކުގެ މުވައްޒަފުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މެންބަރު ވަނީ ވިދާޅުވެފަ އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު ވިދާޅުވީ ޑޭކެއާ ފަދަ ހިދުމަތްތަކަކީ އެތައް މައިންބަފައިންނަށް ލުއިފަސޭހަތައް ފޯރުކޮށްދެމުންދިޔަ ތަންތަންކަން ފާހަގަ ކުރައްވާ، އާންމުކޮށް އެންގުމެއް ނެތި އެތަންތަން ބަންދުކުރުމުން އޭގެ ދަތިތައް ހިދުމަތް ހޯދި މައިންބަފައިންނަށް ކުރަމުންދާ ކަމަށެވެ.
މެންބަރު ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މަޖިލިސް މެންބަރުންގެ ޒިންމާއަކަށްވާ އިރު، އެ ޑޭކެއާ ސެންޓަރުތައް ބަންދުކުރީ ކީއްވެތޯ އާއި އެތަންތަން ހުޅުވާނެތޯ އަދި ހުޅުވާނަމަ އެ ތާރީހު، މަޖިލިސް މެދުވެރިކޮށް ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
ކުންފުނިތަކުގެ ޑޭކެއާތައް ބަންދުކުރުމުން ގަލޮލު އުތުރު މެންބަރުގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ