ވަރުގަދަ އޭދަފުށި ބަލިކޮށް ދިއްދޫ ފެށީ ގަދަކޮށް

ދިވެހި ޕްރިމިއާ ލީގު 26/27 އަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގުގެ ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ދެވަނަ މެޗު އިއްޔެ އޭދަފުށީގެ މައްޗަށް ދިއްދޫ އިން ކުރި ހޯދައިފި އެވެ.
އިއްޔެ ދިއްދޫގައި ކުޅެވުނު މިމެޗު ދިއްދޫ އިން ކާމިޔާބު ކުރީ ޒޯން 2 ގެ ރަނަރަޕް އަދި ފުޓްބޯޅައިގައި މަޝްހޫރު އޭދަފުށި 2 - 1 ން ބަލިކޮށްގެންނެވެ.
މިމެޗުގައި ދެޓީމުން ވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގައި ބޮޑަށް ފެނިގެންދިޔައީ ބިދޭސީ ކުޅުންތެރިންގެ މޮޅު ކުޅުމެކެވެ. މެޗުގައި ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބުނެވެ. މެޗުގައި ފުރަތަަމަ ލަނޑު ޖަހާ ލީޑު ނެގީ ދިއްދޫއިންނެވެ.
ދިއްދޫއާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ: ދިއްދޫ ސްޕޯޓްސް
އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޑީޖޭ މެޗުގެ 7 ވަނަ މިނެޓުގައި ވަނީ ދިއްދޫއަށް ގޯލެއް ކާމިޔާބު ކޮށްދީ ލީޑު ނަގައިދީފަ އެވެ. ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1 - 0 ން ދިއްދޫ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ވެސް މޮޅަށް ކުޅުނީ ދިއްދޫއިންނެވެ. ފެށިގެން މާގިނައިރުތަކެއް ނުވެ ދިއްދޫގެ ބެނާޑް އެޓީމަށް ލީޑު ފުޅާކޮށްދިނެވެ.
މި މެޗުގައި އޭދަފުށިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސޮހޮރަބެވެ.
މެޗުގައި ދިއްދޫއިން ވަނީ އިތުރަށް ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ.
ރީޖަން ލީގުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ޒޯން 1 ގެ ޗެމްޕިއަން ހަނިމާދޫ އާއި ޒޯން 2 ގެ ޗެމްޕިއަން މަނަދޫ ބައްދަލުކުރި މެޗު 5 - 0 ގެ ބޮޑު ތަފާތަކުން ހަނިމާދޫން ވަަނީ ކާމިޔާބު ކޮށްފަ އެވެ. މިލީގުގައި މާދަމާ ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ދިއްދޫ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ