ރެއާލްގެ ހުށަހެޅުމަށް ޒިދާން ދެކޮޅު، އަމާޒު ހުރީ ފްރާންސްގެ ގައުމީ ޓީމަށް
ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑުގެ ކޯޗުކަމާ ތިންވަނަ ފަހަރަށް ހަވާލުވުމަށް އެ ކްލަބުން ހުށަހެޅި ހުށަހެޅުމަށް، އެ ޓީމުގެ ލެޖެންޑް ޒައިނުއްދީން ޒިދާން ނޫނެކޭ ބުނެފިއެވެ. ސްޕެއިންގެ ނޫހެއް ކަމަށްވާ "އޭއެސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ފަހުކޮޅު ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ 53 އަހަރުގެ ޒިދާނާ ބައްދަލުކޮށް، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާ އެނބުރި އައުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ޒިދާން ވަނީ އެ ހުށަހެޅުން ގަބޫލުނުކޮށް، އޭނާގެ އަމާޒު ހުރީ އެހެން ދިމާލަކަށް ކަމަށް ބުނެފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ޒިދާން މިހާރު ތައްޔާރުވަމުންދަނީ މިއަހަރުގެ ވޯލްޑް ކަޕަށްފަހު ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށެވެ. ޒިދާން އަކީ ރެއާލް މެޑްރިޑުގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ ދެ ދައުރެއްގައި އެ ކްލަބަށް ކޯޗުކޮށްދީ، ތާރީޚީ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެގޮތުން 2016 އިން 2018 އަށް އޭނާ ކުރި ފުރަތަމަ ދައުރުގައި، ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ކުޅުންތެރިއެއްގެ ގޮތުގައި ވެސް އޭނާ ވަނީ ރެއާލް މެޑްރިޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭނާ 2021 ވަނަ އަހަރު ރެއާލްގެ ކޯޗުކަމުން ވަކިވީ ކްލަބުގެ ބޯޑާ މައްސަލަ ޖެހިގެން ކަމަށްވީ ނަމަވެސް، ސަޕޯޓަރުން އަދިވެސް އެދެނީ އޭނާ އެނބުރި އައުމަށެވެ. މިވަގުތު ރެއާލް މެޑްރިޑް އޮތީ ވަރަށް އުނދަގޫ ހާލަތެއްގައެވެ. ކުރީގެ ކޯޗު ޒަބީ އޮލޮންސޯ ވަކިކުރުމަށްފަހު އަލްވާރޯ އާބެލޯއާ ޓީމު ހަވާލުކުރި ނަމަވެސް، ނަތީޖާތަކަށް އެދެވޭ ބަދަލެއް ނާދެއެވެ. ލަލީގާގައި ބާސެލޯނާއާ ދެމެދު 12 ޕޮއިންޓުގެ ފަރަގެއް އޮތްއިރު، ޗެމްޕިއަންސް ލީގުން ވެސް ވަނީ ބަޔާން މިއުނިކް އަތުން ބަލިވެ ކަޓާފައެވެ. މި ހުރިހާ ސަބަބުތަކާ ހުރެ ކްލަބުގެ މެނޭޖްމަންޓުން ޒިދާން ގެންނަން ބޭނުންވި ނަމަވެސް، އޭނާގެ ނިންމުމާއެކު ރެއާލަށް ޖެހޭނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް އަލުން ފަށާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ