ނޯވޭ ކޮޅަށް ފުރަތަމަ ހާފްގައި ޑެމްބެލޭ ހެޓްރިކް، އެއްވަނަ ފްރާންސަށް!

ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ނޯވޭ ކޮޅަށް ޑެމްބެލޭ ހެދި ހެޓްރިކާއެކު، ފްރާންސުން ހޯދި ބޮޑު މޮޅާއެކު ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.
ގްރޫޕް އައިގަ ނޯވޭގެ މައްޗަށް ފްރާންސުން ކުރި ހޯދީ 4-1 ނެވެ. އެމްބާޕޭއާއި ހާލަންޑްގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަކުރެވުނު މެޗުގައި ހާލާންޑް ނުކުޅެއެވެ. މެޗުގެ ހަތްވަނަ މިނިޓްގައި ފްރާންސުން ވަނީ ގޯލްތައް ޖަހަން ފަށާފައެވެ. ފުރަތަމަ ގޯލާއި ދެވަނަ ގޯލް 7 ވަނަ މިނިޓާއި 16 ވަނަ މިނިޓްގައި ޑެމްބެލޭ ޖެހީ އެމްބާޕޭ ތަނަވަސްކޮށްދިން ފުރުޞަތުންނެވެ. ހެޓްރިކް ފުރިހަމަ ކުރީ 32 ވަނަ މިނިޓްގައި ޗުއަމެނީ ތަނަވަސްކޮށްދިން ފުރުޞަތުންނެވެ. މިއީ 1994 ވަނަ އަހަރުގެ ފަހުން މުބާރާތުގެ ފުރަތަމަ ހާފްގައި ހެދި ފުރަތަމަ ހެޓްރިކެވެ. އޭގެކުރިން 21 ވަނަ މިނިޓްގައި ނޯވޭގެ ހަމައެކަނި ލަނޑު ޖެހީ އާސްގާޑް އެވެ. ފްރާންސްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ބާކޯލާ ތަނަވަސްކޮށްދިން ފުރުޞަތަކުން ޑުއޭ އެވެ.
ޑެމްބެލޭ ފުރަތަމަ ހާފްގައި ހެދި އަވަސް ހެޓްރިކަކީ މިފަހަރުގެ މުބާރާތުގެ ދެވަނަ ހެޓްރިކެވެ. ފުރަތަމަ ހެޓްރިކް ހެދީ އާޖެންޓީނާގެ ކެޕްޓަން މެސީއެވެ. މިނަތީޖާއާއެކު ތިން މެޗުންވެސް މޮޅުވެ، ގްރޫޕްގެ އެއްވަނަ ހޯދީ ފްރާންސެވެ. ދެ މެޗުން މޮޅުވެ 6 ޕޮއިންޓާއެކު ދެވަނަ ލިބެނީ ނޯވޭއަށެވެ. ފަހު މެޗުގައި ސެނަގާލުން އިރާގުގެ މައްޗަށް 5-0 ގެ މޮޅެއް ހޯދުމުން އެޓީމަށް މުބާރާތުގެ ގްރޫޕް ސްޓޭޖް މޮޅަކުން ނިންމާލެވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ