ވޯލްޑްކަޕް ވޯލްޑްކަޕް މުޅި ޓީމު ބަދަލުކޮށްގެން ނުކުތް ނޯވޭ ބަލިކޮށް ފްރާންސަށް އެއްވަނަ

ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕު އައި“ގައި މުޅި ޓީމު ބަދަލުކޮށްގެން ނުކުތް ނޯވޭ އަތުން މޮޅުވެ، ފްރާންސުން ގްރޫޕުގެ އެއްވަނަ ހޯދައިފިއެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗަށް ނޯވޭ އިން ނުކުތީ އާލިން ހާލަންޑާއި ކެޕްޓަން މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ބެންޗަށް ލައިގެން ދިހަ ބަދަލަކާއެކުއެވެ. މި މެޗުން ފްރާންސް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
ވަރުގަދަ ފުރަތަމަ އެގާރައަކާއެކު ނުކުތް ފްރާންސުން ވަނީ ފުރަތަމަ ހާފުގައި ތިން ގޯލު ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ 32 މިނެޓުގެ ތެރޭގައި ފްރާންސްގެ އުސްމާން ޑެމްބެލޭ ހެދި އެ ހެޓްރިކް ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގައި ހެދި ދެވަނައަށް އެންމެ އަވަސް ހެޓްރިކަށެވެ. ފުރަތަމަ ހާފުގައި ނޯވޭގެ ގޯލު ކާމިޔާބުކޮށްދިނީ ތެލޯސް އާސްގާޑް އެވެ.
ދެވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވަނީސް ނޯވޭއަށް ޕެނަލްޓީއެއް ލިބިގެންދިޔަ ނަމަވެސް، ޔޯގެން ސްޓްރޭންޑް ލާސަން ފޮނުވާލި އެ ޕެނަލްޓީ، ފްރާންސް ކީޕަރު މައިކް މިނިއޯ ވަނީ މަތަކޮށްފައެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ފްރާންސްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ޑިޒައިރޭ ޑޫއޭ އެވެ.
މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އިރާގު އަތުން 5-0 ގެ ނަތީޖާއަކުން ސެނެގާލް ވަނީ މޮޅުވެފައެވެ. އިރާގަށް ރަތް ކާޑު ދެއްކީ ރެބިން ސުލާކާ ކުރި ފައުލަކަށް މެޗުގެ 13 ވަނަ މިނެޓުގައެވެ. ސެނެގާލަށް މެޗުގައި ގޯލުތައް ކާމިޔާބުކޮށްދިނީ ހަބީބް ޑިއާރާ، އިސްމާއިލާ ސާ، ޕަޕޭ ގޭ އަދި އިލިމަން އެންޑިއާޔޭ އެވެ. އޭގެ ތެރެއިން ޕެޕޭ ގޭ ދެ ގޯލު ޖެހިއެވެ.
ނުވަ ޕޮއިންޓާއެކު ފްރާންސުން ގްރޫޕުގެ އެއްވަނަ ހޯދި އިރު، ނޯވޭއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ސެނެގާލުން ތިން ޕޮއިންޓާއެކު ނިންމާލީ ތިންވަނައިގައެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރެއިން ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ސެނެގާލަށް އޮންނާނެއެވެ. އިރާގު މުބާރާތް ނިންމާލީ ހުރިހާ މެޗަކުން ބަލިވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ