ޑެމްބެލޭގެ ހެޓްރިކާ އެކު ފްރާންސުން ނޯވޭ ބަލިކޮށްފި، ސެނެގާލް އުންމީދުގައި

ބޮސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 27) - އޮސްމާން ޑެމްބެލޭ ފުރަތަަމަ ހާފުގައި ހެދި ހެޓްރިކާ އެކު 4-1 އިން ނޯވޭ ބަލިކޮށް ފްރާންސް އިން ފުރިހަމަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖު ނިންމާލިއިރު، ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު އިރާގު، 5-0 އިން ބަލިކޮށް ސެނެގާލުން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ. 
ފަހު މެޗުތަކަށް ނުކުތްއިރު ވެސް، ގްރޫޕް އައި އިން ފްރާންސާއި ނޯވޭ ވަނީ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފަ އެެވެ. ނޯވޭ ބަލިކޮށް ފްރާންސް އިން ގްރޫޕްގެ އެއް ވަަނަ ހޯދީ ނުވަ ޕޮއިންޓާ އެކު އެެވެ. ފްރާންސަކީ މެކްސިކޯ އަށް ފަހު މި ފަހަރުގެ ވޯލްޑް ކަޕްގައި ގްރޫޕްގެ ތިން މެޗުން މޮޅުވި ދެ ވަނަ ޓީމެވެ. ނޯވޭ އިން، ގްރޫޕް އައިގެ ދެ ވަނަ ހޯދީ ހަ ޕޮއިންޓާ އެކު އެވެ.
ތިން ވަނަ ހޯދި ސެނެގާލަށް ޖުމްލަ އެކު، ތިން ޕޮއިންޓް ލިބުނުއިރު، އެ ޓީމުން އެންމެ ރަނގަޅު ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ޖާގައެއްގައި ގަދަ 32 ގައި ވާދަކުރުމުގެ ފުރުސަތު ހޯދަން އުންމީދުކުރާނެ އެވެ. 
ސާޅީސް އަހަރަށް ފަހު، ވޯލްޑް ކަޕަށް އެނބުރި އައި އިރާގު ކެޓީ ތިން މެޗުން ވެސް ބަލިވެގެންނެވެ. 
ނޯވޭ އިން އާންމުކޮށް ފުރަތަމަ 11 ގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ނުލައި ފެށި މެޗުގައި، ފްރާންސްގެ ކެޕްޓަން، ކީިލިއަން އެމްބާޕޭ ވަނީ 20 ސިކުންތުގެ ތެރޭގައި އޭރިއާތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. އެކަމަކު، މެޗުގެ ހަތް ވަނަ މިނިޓްގައި އެމްބާޕޭ ދިން ބޯޅައަކުން ޑެމްބެލޭ ވަނީ ފްރާންސަށް ލީޑުނަގައިދީފަ އެވެ. އަދި، މެޗުގެ 20 ވަނަ މިނިޓްގައި އެމްބާޕޭ ދިން ބޯޅައަކުން ޑެމްބެލޭ ވަނީ ފްރާންސްގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އެކަމަކު، އެ ލަނޑު ޖެހިތާ، މިނިޓެއް ވެސް ނުހިނގަނީސް ނޯވޭ އިން ލަނޑެއް ޖެހި އެވެ. އޭރިއާތެރެއިން ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ޖެހީ ތެލޯ އަސްގާޑް އެވެ. 
މެޗުގެ 32 ވަނަ މިނިޓްގައި އައުރެލިއަން ޗުއަމަނީ ދިން ބޯޅައަކުން ޑެމްބެލޭ ވަނީ ފްރާންސްގެ ތިން ވަނަ ލަނޑު ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަަކޮށްފަ އެވެ. މިއާ އެކު، ޑެމްބެލޭ ވެފައި ވަނީ، 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕްގައި ކެމަރޫން ކޮޅަށް ރަޝިއާގެ އޮލެގް ސަލެންކޯ ފުރަތަމަ ހާފުގައި ހެދި ހެޓްރިކަށް ފަހު މި މުބާރާތުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކަށެވެ. އަނެއްކޮޅުން، މިއީ ބެލޮންޑިއޯ އެވޯޑް ހޯދި ޑެމްބެލޭ އަށް ބޮޑު މުބާެރާތެއްގައި ފްރާންސަށް ހަދައިދިން ފުރަތަމަ ހެޓްރިކް އެވެ. 
ނޯވޭ އަށް މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަރަގުކުޑަކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ނޯވޭގެ އޮސްކާ ބޮބް އަށް ފްރާންސްގެ އޭރިއާެތެރެއިން އެ ޓީމުގެ ލޫކަސް ހެނާންޑޭޒް ކުރި ފައުލަކަށް ދިން ޕެނަލްޓީ ކާމިޔާބެއްނުވި އެވެ. ނޯވޭގެ ފޯވާޑް، ޖޯގަން ސްޓްރޭންޑް ލާސަން ފޮނުވާލި ޕެނަލްޓީ ފްރާންސްގެ ކީޕަރު މައިކް މައިންނޯން ވަނީ މަތަކޮށްފަ އެވެ. 
އާއިލީ ކަމެއްގައި ޓީމާ ދުރުގައި ހުރި ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބެންޗުގައި ނެތި އެ ޓީމުން ކުޅުނު މި މެޗުގައި ފަސް ވަނަ ލަނޑު ޖެހީ އިތުރު ވަަގުުތުގައި ޑެޒީރޭ ޑޫއޭ އެެވެ. މިއީ، އޭރިއާތެރެއަށް ހުރަސްކުރި ބޯޅައަކުން ޑޫއޭ ބޮލުން ޖެހި ގޯލެކެވެ. 
ގިނަ ލަނޑުތަކަކާ އެކު މޮޅުވުން މަޖުބޫރު މެޗަކަށް ނުކުމެ ސެނެގާލުން ހަތަރު މިނިޓް ތެރޭގައި ލީޑުނެގި އެވެ. މިއީ، ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ހަބީބް ޑިއާރާ ޖެހި ގޯލެކެވެ. 
މެޗުގެ 12 ވަނަ މިނިޓްގައި އިރާގުގެ ޑިފެންޑަރު، ރެބިން ސުލަންކާ އަށް ވަނީ ސީދާ ރަތެއް ދައްކައިފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ސުލަންކާ އަށް ރަތެއް ދެއްކީ ސެނެގާލްގެ ސަޑިއޯ މާނޭ، ގޯލަށް ޖަހަން އުޅެނިކޮށް ފައުލެއް ކުރުމުންނެވެ. 
ފުރަތަމަ ހާފަށް ވުރެން ރަނގަޅަށް ދެ ވަނަ ހާފުގައި ކުޅެން އަރައި، ސެނެގާލުން އިތުރު ލަނޑުތަކެއް ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ގޮތުން، ސެނެގާލުގެ ދެ ވަނަ ލަނޑު އިސްމާއިލާ ސާ ކާމިޔާބުކުރިއިރު، އޭނާ ދިން ބޯޅައަކުން ތިން ވަނަ ލަނޑު ޖެހީ ޕާޕޭ ގޭއި އެވެ. އަދި، އޭގެ ފަހުން، ޕާޕޭ ގޭއި އޭނާގެ ދެ ވަނަ ލަނޑު އަދި ސެނެގާލްގެ ހަތަރު ވަނަ ލަނޑު ޖެހީ އިލިމަން އެންޑިއާއޭ ދިން ބޯޅައަކުންނެވެ.  
ސެނެގާލްގެ ފަސް ވަނަ ލަނޑު ޖެހީ އިލިމަން އެންޑިއާއޭ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ