ކަރަންޓް ބިލް ބޮޑުވުމުން މަކުނުދޫގައި މުޒާހަރާ ކުރަން ފަށައިފި

ހދ. މަކުނުދޫގައި އެހެން މަސްމަހާއި ހިލާފަށް ކަރަންޓު ބިލު ބޮޑުވެފައިވާކަމަށް ބުނެ އެރަށު ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ރަށުގައި ހުންނަ ފެނަކަ އޮފީސް ދޮރުމަތީ މުޒާހަރާ ކުރަމުން އެބަދެއެވެ.
މުޒާހަރާ ކުރަމުން ގެންދާ މީހަކު ބުނީ ރައްޔިތުންގެ ޝަކުވާއަކީ އެހެން މަސްމަހާއި ހިލާފަށް މިމަހުގެ ކަރަންޓު ބިލު ބޮޑުވެފައިވުމެވެ. މިކަމަށް ފެނަކަ އޮފީސް ހިންގުމާއި ހަވާލުވެހުރި ފަރާތުން ޖަވާބުދާރީވުމަށް މުޒާހަރާގެ ބައިވެރިން ދަނީ އެދެމުން ކަމަށް އޭނާ ބުންޏެވެ.
ކޮވިޑް-19 ފެތުރެމުން ދާތީ ކުރިއަށް އޮތް ދެމަހުގެ ފެން ބިލުން 40 އިންސައްތަ އަދި ކަރަންޓް ބިލުން 30 އިންސައްތަ ކުޑަ ކޮށްދޭނެ ކަމަށް ރައީސް ޞާލިހް ވަނީ މާޗް މަހު ވިދާޅުވެފައެވެ.
މަކުނުދޫ މީހުން ބުނާ ގޮތުގައި މިމަހު ކަރަންޓް ބިލް ކުޑަވުމުގެ ބަދަލުގައި ކަރަންޓް ބިލް ވަނީ 100 އިންސައްތަ ބޮޑު ވެފައެވެ. 400 ރުފިޔާ ކުރިން ބިލަށް އަރާ ގެތަކުން މިމަހު 800 ރުފިޔާ އަދި 2000 ރުފިޔާ ކަރަންޓް ބިލަށް އަރާ ގެތަކުން 4000 ރުފިޔާ އަރާފައިވާ ކަމަށް އެރަށު މީހުން ބުނެއެވެ.
މިކަމާއި ގުޅިގެން އަދި ފެނަކަ އިން އެއްވެސް އެއްޗެއް ނުބުނެއެވެ.
މަކުނުދޫގައި މުޒާހަރާ ކުރަމުން ދާއިރު މިހާރު ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން މުޒާހަރާ ކުރުމާއި ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ މަނާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ