ރައީސް މަރްކޯސްގެ ތަޤުރީރަކާ ދިމާކޮށް ފިލިޕީންސްގައި ބޮމެއް ގޮއްވައިލައިފި

ފިލިޕީންސްގެ ވެރިރަށުގައި ހުންނަ އެ ޤައުމުގެ އިންސާފާބެހޭ ވުޒާރާގެ ކުރިމަތީގައި ބޮމެއް ގޮއްވައިލައިފިއެވެ. މަނީލާގައި ބޮމުގެ ހަމަލާއެއް ދީފައި މި ވަނީ، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ ކުރިމަތީގައި ފޮރުވާފައި އޮތް އިތުރު ބޮމެއް ފެނި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ފިލިޕީންސްގެ ސެނެޓު އިމާރާތް ކައިރިން ބޮމެއް ފެނިފައި މި ވަނީ، ރައީސް ފަރްދިނަންދް މަރްކޯސް ޖޫނިއަރ، އެ ތަނުގައި ރިޔާސީ ބަޔާން އިއްވެވުމަށް ވަޑައިގެންނެވުމުގެ މަދު ގަޑިއިރުތަކެއް ކުރިންނެވެ. އިންސާފާބެހޭ ވުޒާރާގެ ކުރިމަތީގައި ދީފައިވާ ބޮމުގެ ހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައެއް ނުވެއެވެ.
މި ދެ ހާދިސާއާ ގުޅުމެއް އޮތް ކަމަށް ބެލެވޭ ކަމުގައި ފިލިޕީންސްގެ ފުލުހުންގެ ޤައުމީ އިދާރާގެ ވެރިޔާ ވިދާޅުވިއެވެ. ބޮމުގެ ހަމަލާތައް ހުއްޓުވުމުގެ ޤާބިލުކަން ފިލިޕީންސްގެ ފުލުހުންގެ ކިބައިގައި ހުރި ނަމަވެސް، އިންސަފާބެހޭ ވުޒާރާގެ ކުރިމަތީގައި ބޮމެއް ބާއްވާފައިވާ ކަން، އެ އިދާރާގެ ސަމާލުކަަމަށް ކުރިން އައިސްފައި ނުވާ ކަން އޭނާ ޤަބޫލުކުރެއްވިއެވެ. ފަތިހުގެ ވަގުތުގައި ގޮއްވައިލާފައިވާ ބޮމުގެ ކުޑަބޮޑުމިން އަދި ސާފު ނޫން ކަމުގައި މަނީލާގެ ފުލުހުންގެ އިދާރާގެ ތަރުޖަމާނު ވިދާޅުވިއެވެ.
އިންސާފާބެހޭ ވުޒާރާގެ ކުރިމަތީގައި ބޮން ގޮއްވައިލި ހަމަލާގައި، އެ އިމާރާތުގެ ކުރިމަތީގައި ޕާކުކޮށްފައި އޮތް އެއްގަމު އުޅަނދަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެއެވެ. އަދި، ސެނެޓު އިމާރާތުގެ ކުރިމަތިން ފެނިފައި ވަނީ، އައިއީޑީއެއް ނުވަތަ މީހަކު ނުވަތަ ބަޔަކު އަމިއްލައަށް ތައްޔާރު ކޮށްފައިވާ ގޮވާއެއްޗެއް ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރިއެވެ. އަދި، އެ ބޮން ގޮއްވައިލައިގެން ލިބިދާނެ ގެއްލުންތަކަކީ ކޮބައިކަން އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމުގައި ސަރަޙައްދީ ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.
ރައީސް މަރްކޯސް ޖޫނިއަރގެ ރިޔާސީ ބަޔާން އިއްވެވުން ތާވަލުކޮށްފައި މި ވަނީ ފިލިޕީންސްގެ ސިޔާސީ މަސްރަޙު ހޫނުވެ، ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި، ނައިބު ރައީސް ސާރާ ދުތެރްތޭ މަޤާމުން ވަކިކުރުމަށް ޝަރިއަތް ހިނގަމުންދާ ވަގުތެއްގައެވެ. މި ވަގުތު، ފިލިޕީންސްގެ ރައްޔިތުންގެ މެދުގައި އުފެދިފައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ފެންބޮޑުވުމުގެ ހާދިސާތައް ކޮންޓުރޯލު ކުރުމުގެ ނަމުގައި ހިންގި މަޝްރޫޢެއްގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ ކުށްތަކުގެ މައްސަލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ