20 މިލިއަންގެ ފޭރުން: ލަންކާގެ ސްޓޭޓް މިނިސްޓަރުގެ ދަރިފުޅު ދޫކޮށްލައިފި

ޗައިނާގެ ރައްޔިތެއްގެ އަތުން 20 މިލިއަން ރުޕީސް (3.2 މިލިއަން ރުފިޔާ) ފޭރުނު މައްސަލައިގައި ހައްޔަރުކުރި ސްރީލަންކާގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝާންތަ ބަންޑާރަގެ ދަރިފުޅު އަނޫދާ ބަންޑާރައާއި އިތުރު ފަސް މީހަކު ކަފާލާތުގެ ދަށުން މިއަދު ދޫކޮށްލައިފިއެވެ. ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޕަސަން އަމަރަސޭނާ މި މީހުން ދޫކޮށްލަން އަމުރުކުރީ ކޮންމެ މީހަކު 500،000 ރުޕީސް (80,563ރ.) ގެ ކަފާލާތެއް ބެހެއްޓުމަށާއި، ގައުމުން ބޭރަށް ފުރައިގެން ދިއުން މަނާކުރުމުގެ ޝަރުތުތަކާއެކުގައެވެ. ނިއުސްވައިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފޭރުމުގެ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން މިއަދު ހެނދުނު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ އަނޫދާ ބަންޑާރަ ހައްޔަރުކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ކޮލުޕިޓިޔާ ފުލުހުންނާ އަމިއްލައަށް ހަވާލުވުމުންނެވެ. އޭނާއާ ސުވާލުކުރުމަށް ފުލުހުންނަށް ދިން 24 ގަޑިއިރުގެ މުއްދަތު ހަމަވުމުން، ކޯޓުން ކުރިން އޮތީ އޭނާގެ ބަންދުގެ މުއްދަތު މިއަދުގެ ނިޔަލަށް އިތުރުކޮށްފައެވެ. ފުލުހުންނާ ހަވާލާދީ ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފޭރުމުގެ ހާދިސާ ހިނގާފައިވަނީ ޖުލައި 13 ވަނަ ދުވަހު ކޮލުޕިޓިޔާގައެވެ. ފުލުހުންގެ ގޮތުގައި ހެދިގެން ތިބި ބަޔަކު ޗައިނާ މީހަކު ދަތުރުކުރަމުންދިޔަ އުޅަނދެއް ހުއްޓުވައި، އޭނާގެ ޕާސްޕޯޓާއި ލިޔެކިޔުންތައް ޗެކްކުރުމަށްފަހު 20 މިލިއަން ރުޕީސް ހުރި ދަބަހެއް ވަނީ ފޭރިގަނެފައެވެ. މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް މި މަންޒަރު ފެނިގެން ވަގުތުން އެކަކު ހައްޔަރުކުރިއެވެ. އަދި އޭނާއާ ސުވާލުކޮށް ފޯނު ރެކޯޑުތައް ބެލުމުން އިތުރު މީހުން މިކަމުގައި ޝާމިލުވާކަން ހާމަވިއެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި، ފޭރުނު ފައިސާ ބެހުމަށް އަނޫދާ ބަންޑާރައާއި އިތުރު ބަޔަކު އެ ސަރަހައްދާ ކައިރީގައި މަޑުކޮށްގެން ތިއްބެވެ. ނަމަވެސް ފުލުހުން މީހަކު ހައްޔަރުކުރިކަން އެނގުމާއެކު އެ މީހުން ވަނީ ފިލާފައެވެ. ލަންކާ ފުލުހުންގެ ތަރުޖަމާނު ބުނި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ސްރީލަންކާގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ ކާފަދަރިއަކު ވެސް ހިމެނެއެވެ. މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އަނޫދާ ބަންޑާރަގެ ފޯނު ކޯލުތަކާއި ބޭންކް އެކައުންޓްތަކުގެ ތަފްސީލުތައް ހޯދާފައެވެ. އަދި ކްރިޕްޓޯކަރަންސީ މެދުވެރިކޮށް މުއާމަލާތްތަކެއް ކޮށްފައިވޭތޯ ވެސް ފުލުހުން ދަނީ ބަލަމުންނެވެ. މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ލަންކާ ފުލުހުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ