ދިއްދޫ ދާއިރާގެ މެމްބަރު ޕީޕީއެމް އިން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދު ޕީޕިއެމް އިން ވަކިވެވަޑައިގެންފިއެވެ.
ލަތީފް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާވަނީ ޕީޕީއެމް އިން ވަކިވިކަން ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ސިޓީއަކުން ދަންނަވާފައެވެ. އަދި އެސިޓީގެ ކޮޕީ އިލެކްޝަންސް ކޮމިޝަނަށާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުއްވާފައިވެއެވެ.  
ލަތީފްގެ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ އަމިއްލަގޮތުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ޕީޕިއެމާ ގުޅުނީ ޤައުމާއި ދާއިރާގެ ރައްޔިތުންނަށް ޚިދުމަތްތަކެއް ކުރުމުގެ ޢަޒުމާއި އުންމީދުގައި ކަމަށެވެ. އެހެންނަމަވެސް ފާއިތުވި ދެތިން އަހަރު ދުވަހުގެ ތެރޭގައި ޕީޕީއެމް އިސްވެ އޮވެ މަޖިލީހުގެ ތެރޭގައި ނިންމާފައިވާ ނިންމުންތަކަކީ ޒުވާނުންނާއި ޤައުމުގެ ހެވާއި ލާބަޔަށް ނިންމާފައިވާ ނިންމުންތަކެއް ނޫންކަމަށް ލަތީފް ސިޓީގައި ވިދާޅުވެފައިވެއެވެ. 
ލަތީފްގެ ސިޓީގައި މިމޭރުމުން ވާހަކަފުޅުދައްކަވާފައިވާއިރު، މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ނިންމި ކޮންމެ ނިންމުމެއްގައި ލަތީފްވަނީ ޕީޕީއެމްގެ ނިންމުމާއެގޮތަށް ވަކާލާތުކުރައްވައި ވޯޓުދެއްވާފައެވެ. އަދި މަޖިލީހުގައި ޕީޕީއެމްގެ ޕާލަމެންޓްރީ  ގްރޫޕުން ނިންމި ނިންމުންތަކާއެކޮޅަށް އެންމެގިނައިން މީޑިއާގައި ވާހަކަފުޅުދެއްކެވި އެއްބޭފުޅަކީވެސް ލަތީފްކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ