ވޯޓާސް ލިސްޓް ތައްޔާރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް: އީސީ

އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވޯޓާސް ލިސްޓް ތައްޔާރުކޮށްފައިވަނީ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ އިންތިހާބާ ބެހޭ ގައިޑްލައިނާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައި މިވަނީ ކައުންސިލް އިންތިހާބަށް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓާސް ލިސްޓްގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ވޯޓާސް ލިސްޓްގައި ސޮއިކުރަން އެމްޑީޕީއާއި ޖޭޕީން ދެކޮޅު ހެދުމުންނެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ ކައުންސިލް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވަނީ އެންމެ ވޯޓާސް ލިސްޓެއް ކަމަށެވެ. އެލިސްޓް ތައްޔާރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ކަން ފާހަަގަކުރައްވަމުން އަކްރަމް ވިދާޅުވީ ވޯޓްލާ ދުވަހު ވޯޓްލާ މަރުކަޒު ތަކުގައި އާންމުކޮށްފައި ހުންނާނީ ވެސް ގައިޑްލައިނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ވޯޓާސް ލިސްޓް ކަމަށެވެ.
އަކްރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އާންމުކުރާ ވޯޓާސް ލިސްޓްގައި ވޯޓްލާ މީހާގެ ނަމާއި، އައިޑީ ނަންބަރާއި، އެޑްރެހާއި އަދި ފޮޓޯވެސް ޖަހާފައި ހުންނާނެ ކަމަށެވެ. އެހެންކަމުން ވޯޓާސް ލިސްޓްގެ ތިން ލިސްޓެއް ކޮމިޝަނުން ގެންގުޅޭ ކަމަށް އެއްވެސް ޕާޓީއަކުން ބުނާނަމަ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.
"ގައިޑްލައިންގައި ނޯންނާނެ ވޯޓާސް ލިސްޓްގައި ވޯޓްލާ މީހާގެ ފޮޓޯ ޖަހާކަށް. އެކަމަކު ފޮޓޯ ވެސް ޖަހައިގެން މި ލިސްޓް ހަދާފައިވާނީ ވެސް. ތިބޭފުޅުން ބަލާލަން ބޭނުންވާނަަމަ ކޮމިޝަނުން އެ ލިސްޓް ދައްކާވެސް ލާނަން،" އަކްރަމް ވިދާޅުވި އެވެ.
ވޯޓްލާ މީހުން ވޯޓްލާން ރަޖިސްޓްރީ ކުރި ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީ ކޮށްފައިވާ މައްސަލަަތަކެއް އެމްޑީޕީން ފާހަގަކޮށްފައިވާތީ އެކަމާ ގުޅިގެން އަކްރަމް ވިދާޅުވީ ކޮމިޝަންގެ އިހްމާލުން ކަމެއް ގޯސްވެފައިވާނަމަ އެކަމެއް ރަނގަޅު ކުރާނެ ކަމަށެެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން މީގެ ކުރިން ހުޅުވާލިކަން ފާހަގަކުރައްވަމުން އަކްރަމް ވިދާޅުވީ އެ ފުރުސަތުގެ ބޭނުން ހިފައި ބައެއް ބޭފުޅުން ޝަކުވާ ހުށަހެޅި ކަމަށެެވެ. އަދި މިހާރު ވޯޓާސް ލިސްޓް ތައްޔާރުކޮށްފައިވަނީ ލިބިފައިވާ ޝަކުވާތައް އިސްލާހުކުރުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންކަމުން އަޅުގަނޑުމެންނަށް ވަރަށް ޔަގީންކުރެވޭ މިލިސްޓްތަކުގައި މައްސަލައެއް ނޫޅޭނެ ކަަމަށް. ކޮމިޝަންގެ އިހްމާލަކުން ކަމެއް ގޯސްކޮށް ހިނގާފައިވާނަމަ އެކަމެއް އަޅުގަނޑުމެން ވާނީ ރަނގަޅުކޮށްދީފައި،" އަކްރަމް ވިދާޅުވި އެވެ.
ވޯޓާސް ލިސްޓްތަކުގައި ހުރި މައްސަލަތައް ފާހަގަކޮށް ކޮމިޝަންގެ ސަމާލުކަމަށް ގެނައި ނަމަވެސް އެކަންކަމަށް ހައްލެއް ހޯދައިދޭން ކޮމިޝަނުން މާބޮޑު އެއްބާރުލުމެއް ނުދޭ ކަމަށް އިދިކޮޅު ބައެއް ޕާޓީ ތަކުން ދަނީ ބުނަމުންނެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ. މިއިންތިހާބުގައި 422 މަރުކަޒެއްގައި ވޯޓްލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ