ދުރާލާ އިންޒާރު ދޭ ނިޒާމު ހެކްކޮށް ރައްޔިތުން ސިއްސުވާލައިފި

އެމެރިކާގެ ސިޓީއެއް ކަމަށްވާ ދަލަސްގައި ގުދުރަތީ ކާރިސާތަކަށް އާއްމުން ތައްޔާރުކުރުމުގެ ގޮތުން ބޭނުންކުރާ ދުރާލާ އިންޒާރު ދޭ ނިޒާމުގައި ހިމެނޭ ސައިރަން ސިސްޓަމުން ކުއްލި ގޮތަކަށް ސައިރަން އަޅައި އާއްމުން ސިއްސުވާލައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ޖީއެމްޓީ ގަޑިން ފަތިހު 4:42ގައި ހިނގި މިހާދިސާއާއި ގުޅިގެން އެ ސަރަހައްދުގެ ސަރަހައްދީ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ ދަލަސްގައި ދުރާލާ އިންޒާރު ދޭ ނިޒާމުގައި ބޭނުންކުރާ ސައިރަން ސިސްޓަމުގެ ތެރެއިން 156 ސިސްޓަމުން ހުކުރު ދުވަހުގެ ރޭ ކުއްލި ގޮތަކަށް ސައިރަން އަޅާފައިވާ ކަމަށެވެ. އެކަމަކާއި ގުޅިގެން ގިނަ ބަޔަކު އެ ދަންވަރު ހޭލަން ވެސް ޖެހުނު ކަމަށް ވިދާޅުވި އެވެ. ސިސްޓަމުން ސައިރަން އަޅާފައިވާއިރު، އެ ސަރަހައްދުގައި ތޫފާނެއް އަދި ނަގޫރޯޅިއެއް އުފެދިފައިވާކަމުގެ ނުރައްކަލެއް މިހާތަނަށް ވެސް މޫސުމާއި ބެހޭ އިދާރާއަކުން ދީފައެއް ނުވެ އެވެ.
އެމެރިކާގެ ވަރަށް ގިނަ ސަރަހައްދުތަކުގައި މިފަދަ ސައިރަން ސިސްޓަމުތައް ބޭނުންކުރާއިރު، ދަލަސްގައި އެކި ހިސާބުތަކުގައި ވެސް މިފަދަ 150އަށް ވުރެ ގިނަ ސިސްޓަމު ބަހައްޓާފައި ހުރެ އެވެ. ތާޅަފިލި ވައްތަރަށް ހުންނަ ލައުޑް ސްޕީކަރު ގުޅާފައި ހުންނަ މި ސިސްޓަމްތައް ކޮންޓްރޯލް ކުރަނީ ދަލަސްގެ އިމަޖެންސީ މެނޭޖްމަންޓު އޮފީހުންނެވެ. އެމެރިކާގައި މި ސިސްޓަމް ބޭނުންކުރަނީ މޫސުން ގޯސްވެ، އެކަމުގެ ސަބަބުން އާއްމު ރައްޔިތުންނަށް ނުރައްކަލެއް ފޯރަފާނެ ފަދަ ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮވެއްޖެނަމަ އެކަން އާއްމުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުންނެވެ. އެގޮތުން ތޫފާންތަކާއި، ނަގޫރޯޅި ހާދިސާތަކާއި ގުޅިގެން ސައިރަން ސިސްޓަމް ބޭނުންކުރެއެވެ.
ދަލަސްގައި ބޭނުންކުރާ ސައިރަން ސިސްޓަމުން ކުއްލި ގޮތަކަށް ސައިރަން އެޅުމާއި ގުޅިގެން އެމަޖެންސީ މެނޭޖްމަންޓު އޮފީހުގެ ޓެކްނީޝަނުންގެ މަސައްކަތުން ވަނީ ސިސްޓަމް ނިއްވާލާފަ އެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުޑަވަރެއްގެ ތަހުގީގެއްކޮށްފައިވާއިރު، އެ އިދާރާއިން ބުނީ ލިބުނު މައުލޫމާތުތަކަށް ބަލާއިރު ސިސްޓަމުން ސައިރަން އަޅަން މެދުވެރިވީ ބަޔަކު ސިސްޓަމް ހެކް ކުރުމުން ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ދަލަސް ސިޓީން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށްވެސް ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ.
ސިސްޓަމް ނިއްވާލެވުނީ އެ ސިސްޓަމުން މެދުނުކެނޑި ސައިރަން އަޅަމުންދާތާ ދޮޅުގަޑިއިރު ފަހުންނެވެ. އިންޓަނެޓުގައި އާއްމުވެފައިވާ ބައެއް ވީޑިއޯތަކުން ވެސް ސައިރަންގެ އަޑު ރީތިކޮށް އިވެ އެވެ.
މިއީ ދަލަސްގެ މިފަދަ ސިސްޓަމެއް ހެކްކޮށްގެން އާއްމުންނަށް އުނދަގުލާއި ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން މިދިޔަ އަހަރުގެ ތެރޭގައި އެ ސަރަހައްދުގެ ޓްރެފިކް މެނޭޖްމަންޓު ސިސްޓަމް ހެކްކޮށްގެން ވެސް އާއްމުންނަށް ވަނީ އުނދަގުލާއި ކުރިމަތިލާން ޖެހިފަ އެވެ. އެކަމަކު މި ދެ ސިސްޓަމު ވެސް ހެކް ކުރި ބައެއް އަދިވެސް ހޯދިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ