ދިވެހިރާއްޖެ ހަމަމަގުން ކައްސާލައި، ދިމުޤްރާޠީ ހަމަތައް ނެތިގެން ދިއުމުގެ އަސްލަކީ ރައްޔިތުންގެ މަޖިލިސް ފާލުން ނެއްޓި، ޤާނޫނުއަސާސީގެ ހަމަތަކަށް އިޙްތިރާމުކުރުމެއްނެތި ހިންގަން ފެށުންކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް މައުމޫން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފުރަތަމަ ފަހަރަށް މަޖިލީހަށް ހުށަހެޅުނުތާ 1 އަހަރު ފުރޭ ފުރުން ފާހަގަކޮށް ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައެވެ.
ފާރިސްގެ ބަޔާނުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެ ހަމަމަގުން ކައްސާލައި، ދިމުޤްރާޠީ ހަމަތައް ނެތިގެން ދިއުމުގެ އަސްލަކީ ރައްޔިތުންގެ މަޖިލިސް ފާލުން ނެއްޓި، ޤާނޫނުއަސާސީގެ ހަމަތަކަށް އިޙްތިރާމުކުރުމެއްނެތި ހިންގަން ފެށުންކަމުގައި ގުޅިފައިވާ ޕާޓީތަކަށް ފެނުމުން، އިސްލާޙީ މަސައްކަތްތަކުގެ ފެށުމެއްގެ ގޮތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައިވެރިންނާއެކު ފެށުނު މަސައްކަތުގެ ބިންގަލެއްކަމުގައި ނިންމީ ރައްޔިތުންގެ މަޖިލިސް ހަމަ މަގަށް އެޅުވުމުގެ މަސައްކަތްކަަމަށެވެ.
26 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ހުށަހެޅުމަކީ ރާއްޖޭގެ ޤާނޫނުއަސާސީއާއި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިމާޔަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސޮއިކުރި ފުރަތަމަ އަހުދުނާމާކަމަށާ ޤާނޫނުއަސާސީއާ ޚިލާފަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފެއިލްކޮށްލި ކަމުގައިވީނަމަވެސް، ދެވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅުނީ 45 މެންބަރުންގެ ސޮޔާއެކުކަމަށް ފާރިސް ވިދާޅުވިއެވެ.
އަދި އެއީ، ޤާނޫނުއަސާސީގެ ހަމަތައް ނެގެހެއްޓުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެމި ތިއްބަވާނޭކަމުގެ ހެއްކެއްކަމަށް ފާރިސްގެ ބަޔާނުގައި ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިފާޢު ކުރެއްވުމުގެ ނަމުގައި ސަރުކާރުން ޤާނޫނާ ޚިލާފަށް ހިންގި ޢަމަލުތަކުގެ ތެރޭގައި ފާރިސްއާއިއެކު އެތައް މެންބަރުންނެއް ހައްޔަރުވެ، ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާކަމަށް ކަނޑައެޅި، މެންބަރުންގެ މާލީ މަސްލަޙަތުތަކަށް ނުފޫޒު ފޯރުވައި، އެތައް މެންބަރުންނަކަށް އެތައް އަނިޔާއެއް މިހާތަނަށް މިސަރުކާރުން ދީފައިވާކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް އިސްލާޙްކުރުމަށް ރައްޔިތުންގެ މެންބަރުން ފެށި އިސްލާޙީ މަސައްކަތްތަކާއެކު އެތައް ކަމެއްގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަވެގެން ގޮސްފައިވާކަމަށާ ޚާއްސަކޮށް ކޯޓުތަކަށް ސަރުކާރުން ފޯރުވަމުން ގެންދިޔަ ނުފޫޒާއި، މިނިވަން މުއައްސަސާތައް ބަނދެވިފައިވާ މިންވަރާއި، އަދި ޢާންމު ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތްކަން ސަރުކާރުގެ ކޮންމެ ދުވަހެއްގެ ޢަމަލުން ދިޔައީ ހާމަވަމުންކަމަށް ފާރިސް ވިދާޅުވިއެވެ.
މިއަދު ސިޔާސީ ގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބެމުންދާ ކާމިޔާބީއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެދުވަހު އެޅުއްވި ހިތްވަރުގަދަ ފިޔަވަޅު ދިވެހިރައްޔިތުން ބަލައިގަނެ، އެ މެންބަރުންނާއެކު ސާބިތުކަމާއެކު ތެދުވުމުގެ ސަބަބުން ލިބިފައިވާ ކާމިޔާބީކަމަށްވެސް ފާރިސްގެ ބަޔާނުގައި ވިދާޅުވިއެވެ.
އަނިޔާވެރިކަމާއި، ފަސާދައާ ދެކޮޅަށް ހިންގާ ހަރަކާތުގައި އެބޭފުޅުންނަށް ކިތަންމެ ގެއްލުންތަކަކާ ކުރިމަތިލާންޖެހުނު ކަމުގައިވީނަމަވެސް، އެމަސައްކަތަށް ހުއްޓުމެއް ނާންނާނެކަމަށާ މިމަސައްކަތުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ ރައްޔިތުން ވަމުންދާ މަތިވެރި ޤުރުބާނީ ފާހަގަކޮށް، ހުރިހާ ފަރާތްތަކަށް އިޚްލާސްތެރި ޝުކުރު އަރިސްކުރާކަމަށް ފާރިސް ވިދާޅުވިއެވެ.
އަދި މާތް الله ގެ އިރާދަފުޅުން، މިއަދު މިތިބީ ނަސްރު ލިބުމާ ދާދި ކައިރީގައިކަން ހުރިހާ ފަރާތްތަކަށް ކަށަވަރުކޮށް އަރުވާކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
ފާރިސްގެ ބަޔާން ނިންމަވާލައްވަމުން ޤާނޫނުއަސާސީގެ ހަމަތަކާއި، ދިވެހި ފަރުދުންގެ ޙައްޤުތަކަށް އިޙްތިރާމުކުރުމަށާއި، އަދި ކުރައްވާފައިވާ ހުވަޔާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ހިތްވަރު ދެއްކުމަށް ދައުލަތުގެ މަޤާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށާއި، ދައުލަތުގެ އެންމެހައި މުވައްޒަފުންނަށް އާދޭހާއެކު ވަނީ އިލްތިމާސްކޮށްފައެވެ.
މިތިބީ ނަސްރު ލިބުމާ ދާދި ކައިރީގައި: ފާރިސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ