އުމަރު ނަސީރު ޖޭޕީއަށް ސޮއި ކުރައްވައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއި ކުރައްވައިފި އެވެ.
އުމަރު ޖޭޕީއަށް ސޮއި ކުރެއްވީ ޖޭޕީގެ މައި އޮފީސް، މ. ކުނޫޒުގައި މިހާރު ކުރިއަށްދ ރަސްމިއްޔާތެއްގަ އެވެ.
އުމަރު ޖޭޕީއަށް ސޮއި ކުރެއްވުމުން ޖޭޕީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ޕާޓީގެ ނަމުގައި އުމަރަށް މަރުހަބާ ދަންނަވަމެވެ.
ރިޔާޒު ވިދާޅުވީ އުމަރަކީ ސިޔާސީ މައިދާނުގައި ވަރަށް ގާބިލް ބޭފުޅެއް ކަމަށާއި އުމަރުގެ ކަންކަމަށް ސަމާލުކަން ލިބެނީ އެ ސަބަބާ ހުރެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ އުމަރު ނަސީރަކީ ޖުމްހޫރީ ޕާޓީއަށް އާބޭފުޅެއް ނޫން ކަމަށާއި އުމަރު ޖޭޕީގެ މަސައްކަތް ކުރައްވާނީ ޖޭޕީގެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
އުމަރު މިއަދު ޖޭޕީއަށް ސޮއި ކުރެއްވުމުން އޭނާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނުކުރައްވާނެ ކަން އެނގިގެންދާ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައިވާތީ އުމަރުގެ މިނިންމެވުމާ އެކު އެ ހައްގުތައް ހޯދައިދޭން އުމަރު މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި އުމަރު ނަސީރު ވިދާޅުވީ ޖޭޕީއަށް ސޮއިކުރައްވަން ފުރުސަތު ލިބުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. ޖޭޕީގެ ތެރެެއިން ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރުމަށާއި، ދައުލަތުގެ އެންމެ އިސް އެއް މަގާމު ކަމުގައިވާ ހޯމް މިނިސްޓަރު ކަން އޭނާއަށް ލިބިވަޑައިގެންނެވީ ޖޭޕީގެ ތެރެއިން ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީ އަކީ މިދިޔަ ނުވަ ވަރަކަށް އަހަރަށް ބަލާއިރު ރާއްޖޭގައި ތިންވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށެވެ. ނަމަވެސް އެއީ ޖޭޕީ އަބަދު އޮންނަންވީ މަގާމުތޯ އުމަރު ވަނީ ސުވާލު އުފައްދަވާފަ އެވެ.
އުމަރު ވިދާޅުވީ ނިމިގެން ދިޔަ ނުވަ ވަރަކަށް އަހަރު ޖޭޕީން ހުރިހާ އިންތިހާބެއްގައި ވާދަކޮށް، ކާމިޔާބުތަކެއް ވެސް ހޯދައިދީފައިވާ ކަމަށެވެ. ނަމަވެސް ޖޭޕީގެ އެހީތެރިކަމާއެކު ވެރިކަމަށް ގެނައި ސަރުކާރުތަކުން ކަންކުރި ގޮތުން ޖޭޕީއަށް ތަޖުރިބާކުރަން ޖެހުނީ އެހާ ރަނގަޅު ތަޖުރިބާއެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ވަގުތު ގެއްލުވާނުލާ ޖޭޕީން، އެޕާޓީގެ ކުރިއެރުމަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޖޭޕީ އޮތީ ގުޅިފައިވާ ޕާޓީ ތަކެއްގެ ތެރޭގައި ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އެ ޕާޓީ ތަކަށް އެއް ކެންޑިޑޭޓަކު ނުނެރެވި ވަގުތުތައް ފާއިތުވުމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާދަވެރިޔާއަށް ހިލޭ ދެވޭ ވަގުތުތަކެއް ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް އިޝާރާތް ކުރައްވަމުން އުމަރު ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުން އެއް ކެންޑިޑޭޓަކު ކަނޑައަޅަން އާ ފޯމިއުލާއެއް އީޖާދު ކުރަން ނުޖެހޭ ކަމަށާއި ފޯމިއުލާ އޮތީ ފެނިފައި ކަމަށެވެ. އެ ފޯމިއުލާ އަކީ ޓެސްޓް ކުރެވި އިތުބާރު ލިބިފައިވާ ފޯމިއުލާއެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި އެންމެ ބޮޑު ދެ ފިކުރުގެ ތެރޭގައި ނުނިމި ތާށިވެފައި އޮތް ފެހި ގާނޫނު އަސާސީ ވުޖޫދަށް ގެނެސްދެނީ ޓެސްޓް ކުރެވި ތަޖުރިބާ ކުރެވިފައިވާ ފޯމިއުލާ އިން ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
"[އެއް ކެންޑިޑޭޓަކު ނެރުމަށް] އެއްބަސްވުމަކަށް ނާދެވޭ ހާލަތެއްގައިވެސް ގުޅިފައިވާ ކޯލިޝަންއަށް 'ވާނުވާ' ޖަހާފަ، ރިޔާސީ އިންތިހާބު ގައިދަށު ވަންދެން ކޯލިޝަންވެސް އަދި ޖުމްހޫރީ ޕާޓީ ވެސް އޮންނަންވާނެ ކަމަކަށް އަޅުގަނޑު ނުދެކެން. ގޮތެއް ނުނިމި ޕާޓީތައް ވާނުވާގައި އޮންނަ ކޮންމެ ދުވަހަކީ ވާދަވެރިޔާ އަށް ހިލޭ ލިބޭ ވަގުތު. ޖުމްހޫރީ ޕާޓީއާ މެދު ދިވެހި ރައްޔިތުން ކުރާ އުއްމީދެއް އެބައޮތް. ފެހި ގާނޫނު އަސާސީ ރާއްޖެއަށް އައުމަށްފަހު މި އުފެދުނު ހުރިހާ ސަރުކާރުތަކުންވެސް ފެހި ގާނޫނު އަސާސީގެ ބޭރުން އެކި ކަންކަން ކުރައްވާ އަދި އޭގެ ހިތި ނަތީޖާއާ އެފަރާތްތަކަށް ފަހުން ބައްދަލުވެފައިވާތީ ދިވެހި ރައްޔިތުންގެ ވަރަށް ގިނަ ބައެއްގެ އުއްމީދަކީ މިޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ލީޑަޝިޕްގެ ދަށުގައި ގެނެވުނު ފެހި ގާނޫނު އަސާސީގެ މަތީގައި މިޕާޓީ ވެރިކަން ކުރާ ގޮތް ދުށުން. ރައްޔިތުން ވަނީ އަނެއް ދެ ޕާޓީގެ [ޕީޕީއެމް، އެމްޑީޕީ] ވެރިކަން ތަޖުރިބާކޮށްފައި،" އުމަރު ވިދާޅުވި އެވެ.
އުމަރު މިއަދު ޖޭޕީއަށް ސޮއި ކުރެއްވިއިރު ނޫސްވެރިން ތިބީ އުމަރާ ސުވާލުކުރުމަށް ތައްޔާރުވެގެންނެވެ. ނަމަވެސް އެ ފުރުސަތު މިއަދު ނޫސްވެރިންނަށް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ