ޑީއާރުޕީގެ ލޯގޯ ބޭނުންކުރައްވާ މައްސަލާގައި އުމަރު ފުލުސް އޮފީހަށް ހާޒިރުކޮށްފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލެޓަހެޑާއި ލޯގޯ، އެ ޕާޓީން ވަކިކޮށްފައިވާ އުމަރު ނަސީރު ބޭނުންކުރައްވާ މައްސަލަ ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނުން ފުލުހުންނަށް އެންގުމާ ގުޅިގެން އޭނާ މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަހު ފުލުސް އޮފީސް ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ޑީއާރުޕީގެ ލޯގޯ އާއި ލެޓަހެޑް ބޭނުންކުރައްވަންތޯ ފުލުހުން ސުވާލުކުރުމުން ބޭނުންކުރައްވާ ކަމަށް ވިދާޅުވި ކަމަށެވެ.
އަދި އުމަރު ވިދާޅުވިގޮތުގައި އޭނާ ޑީއާރުޕީން ވަކިކުރި މައްސަލައިގެ ޝަރީއަތް މިހާރު ހިނގަމުންދާ އިރު ކޯޓުން އެކަމާ މެދު ވަކި ގޮތެއް ކަނޑައަޅަންދެން އެ އެއްޗެހި ބޭނުންކުރައްވަމުން ގެންދަވާނެ ކަމަށް ވެސް އޭނާ ވަނީ ފުލުހުންނަށް ވިދާޅުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވަނީ، އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ޑީއާރުޕީގެ ލެޓަހެޑްގައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ސިޓީ ފޮނުވާފައިވާކަމަށް ވިދާޅުވެފައިވާތީ އެކަން ތަހުގީގުކޮށްދެއްވައި ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ޕޮލިސް ސާވިސްގައި ދަންނަވާފައިވާ ކަމަށެވެ. އަދި އެފަދަ އަމަލެއް ނުހިންގުމަށް އުމަރަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އުމަރު ނަސީރާ ގުޅޭ މައްސަލައެއް ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އަންގާފައިވާ ކަމަށެވެ. އަދި އެއީ އުމަރު ނަސީރު މީޑިއާގެ ކުރިމަތީގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކުރައްވާ ކަމަކަށް ވާތީ އެކަން ތަހުގީގުކޮށް އަޅާނެ ފިޔަވަޅަކާ މެދު ދިރާސާކުރާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
ޑީއާރުޕީގެ ހުއްދަ ނެތި ލޯގޯ އާއި ލެޓަހެޑް އުމަރު ނަސީރު ބޭނުންކުރައްވާ މައްސަލަ ޑީއާރުޕީން ވެސް ފުލުހުންނަށް މިދިޔަ އާދީއްތަ ދުވަހު ހުށަހަޅާފައިވެ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހަށް ޑީއާރުޕީން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ޕާޓީގެ ލޯގޯ އާއި ލެޓަހެޑް އަދި ސިއްކަ ބޭނުންކުރުމާ ބެހޭ ގޮތުން ޕާޓީގެ ކައުންސިލްގެ ގަރާރާއި އަދި ގާނޫނީ ނޯޓިސްއާ ހިލާފަށް އަދި ސިޔާސީ ޕާޓީތަކުގެ ގަވާއިދާ ވެސް ހިލާފަށް އަމަލުނުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ސާކިއުލާއަކުން އާންމުކޮށްފައިވީ ނަމަވެސް އެ ކަންކަމަށް ބެލުމެއް ނެތި އުމަރު އެ ތަކެތި ބޭނުންކުރައްވާ ކަމަށެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ފޮނުވި މި ސިޓީގައި ބުނެފައި ވަނީ އެ ޕާޓީގެ ކުރީގެ ޑެޕިއިޓީ ލީޑަރު އުމަރަކީ މިހާރު އެ ޕާޓީގެ ދަފްތަރުގައި ވެސް ނެތް ބޭފުޅެއް ކަމަށާއި ނަމަވެސް އެ ޕާޓީގެ ނަމުގައި ފުލުހުންނަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ވެސް އުމަރު ސިޓީއެއް ފޮނުއްވިކަން އެނގިފައިވާ ކަމަށެވެ.
ޑީއާރުޕީގެ ލެޓާހެޑްގައި އުމަރު ފުލުހުންނަށް ސިޓީއެއް ފޮނުއްވީ ޒުވާނުންގެ ނަމުގައި ކުރި މުޒާހަރާ ފުލުހުން ހުއްޓުވާފައިވާ އިރު މެއި 23 ގައި އެމްޑީޕީގެ އެކްޓިވިސްޓުން ކުރި މުޒާހަރާ ހުއްޓުވަން ފުލުހުން އެއްވެސް ވަރަކަށް މަސައްކަތްކޮށްފައި ނުވަނީ ކީއްވެތޯ ސުވާލުކުރައްވައިފަ އެވެ. އަދި މުޒާހަރާ ކުރުމުގައި ވަކި ޕާޓީއަކަށް ނުވަތަ ވަކި ބަޔަކަށް ތަފާތުކުރުމެއް ނެތި ހަމަހަމަ ފުރުސަތު ދިނުމަށް ވެސް އުމަރުގެ އެސިޓީގައި ފުލުހުންނަށް ގޮވާލައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ