ސިވިލް ކޯޓަށް ރައީސް މައުމޫން ހުށައެޅުއްވި މައްސަލަ ބަލައި ނުގަތް

ޕީޕީއެމް ހިންގުމުގެ ބާރު އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމް އާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށައެޅުއްވި މައްސަލަ، ބަލައިނުގަތުމަށް ނިންމައިފިއެވެ.
ސިވިލް ކޯޓުން ބުނިގޮތުގައި މި  މައްސަލަ ރައީސް މައުމޫން ހުށައެޅުއްވީ، އެ ކޯޓުގެ އިދާރީ ޑިވިޝަނަށް މައްސަލަ ހުށަހަޅާ ފޯމުން ކަމަށާއި، ނަމަވެސް އެކޯޓުގެ އިދާރީ މައްސަލަތައް ބަލާ ޑިވިޝަނަށް ހުށަހެޅޭނީ، ދައުލަތުގެ އިދާރާތަކުގެ ތެރެއިން އިދާރާއެއް ހިމެނޭ، އިދާރީ މައްސަލަތައް ކަމަށް، ސުޕްރީމް ކޯޓުގެ ސާކިއުލާގައިވާ ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ޕީޕީއެމްއަކީ ދައުލަތުގެ އިދާރާއަކަށް ނުވާތީ، އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް، ސިވިލް ކޯޓުން ބުންޏެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށައަޅުއްވާފައިވަނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
ޕާޓީގެ ހިންގުން، ރައީސް ޔާމީން އާއި ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް، ހައިކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ. އެގޮތުން ޕީޕިއެމް ހިންގުމުގެ ބާރު ރައީސް ޔާމީނަށް ލިބިވަޑައިގަތުމާއެކު، ޕާޓީ ހިންގުމުގެ ހުރިހާ ކަމެއް ކުރައްވަނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ