ޖޭޕީން ވަކިވެވަޑައިގެންނެވި މެމްބަރުން އެނބުރި ވަޑައިގަތުމަށް ގާސިމް ގޮވާލައްވައިފި
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ވަކިވެވަޑައިގެން، ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ ގުޅިވަޑައިގެންނެވި މަޖިލިސް މެމްބަރުން އެނބުރި ވަޑައިގެންފިނަމަ، ގައުމަަށް ހަމަޖެހުން އަންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލި ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ޖޭޕީން ވަކިވެވަޑައިގެންނެވި މަޖިލިސް މެމްބަރުން އެނބުރި އެ ޕާޓީއާ ގުޅުމަށް ޖެހިލުންވެވަޑައި ނުގަތުމަށާއި އަދި ލަދު ނުގަތުމަށެވެ. އަޅުގަނޑު ދަންނަވާނީ އިއްޒަތްތެރި މެމްބަރުންނަށް ތިބޭފުޅުން އެ ނިޝާނަކަށް، އެ ލެޓާ ހެޑެއްގައި ސޮއިކޮށްގެން ހޮވިވަޑައިގެންނެވި ނުވަ މެމްބަރުން މިތަނަށް އަންނާށޭ. އެމްޑީޕީން ވަކިވެގެން ދިޔަ ފަސް މެމްބަރުން އެ ޕާޓީއާ ގުޅޭށޭ. މުޅި ގައުމުގެ ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައީ އެއްފަހަރުން، ގާސިމް އިބްރާހީމް "އަޅުގަނޑު ދަންނަވާނީ އިއްޒަތްތެރި މެމްބަރުންނަށް ތިބޭފުޅުން އެ ނިޝާނަކަށް، އެ ލެޓާ ހެޑެއްގައި ސޮއިކޮށްގެން ހޮވިވަޑައިގެންނެވި ނުވަ މެމްބަރުން މިތަނަށް އަންނާށޭ. އެމްޑީޕީން ވަކިވެގެން ދިޔަ ފަސް މެމްބަރުން އެ ޕާޓީއާ ގުޅޭށޭ. މުޅި ގައުމުގެ ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައީ އެއްފަހަރުން،" ގާސިމް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި 15 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރަކު ވަނީ އެ ޕާޓީ ދޫކުރައްވައި، ޕީޕީއެމާ ގުޅިވަޑައިގެންފައެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި 26 މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ. އެ ހުރިހާ މެމްބަރުން އެނބުރި އެ ޕާޓީތަކާ ގުޅިއްޖެނަމަ ޖޭޕީ އާއި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދު 41އަށް އަރާނެ އެވެ. މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބެނީ 43 މެމްބަރުންގެ އަގުލަބިއްޔަތު ލިބޭ ބަޔަކަށެވެ. ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަޅިއަށް ޖެހިގެން، އެ ބޭފުޅުންނަށް ތާއިދު ކުރައްވާ ކަމަށް ބުނެ، ދައްކާ ވާހަކަތަކަށް ވެސް ގާސިމް މިރޭ ވަނީ ރައްދު ދެއްވާފައެވެ. ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާ ދެކޮޅަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތްޕުޅު ކުރެއްވީ އެމަނިކުފާނަށް އަނިޔާއެއް ލިބެންޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ. ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާއަކީ އެމަނިކުފާނަށް ކުރެވިގެންވާނެ ދައުވާއެއް ނޫން ކަމަށް ވިދާޅުވެ، ނަޝީދުގެ ދިފާއުގައި ގާސިމް މިރޭ ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ޕީޕީއެމްގެ ބާރުތައް ރައީސް މައުމޫންގެ އަތްޕުޅުން ނެންގެވުމުން، އެމަނިކުފާނާއެކު މަސައްކަތްޕުޅު ކުރެއްވީ މައުމޫނަށް އިހްތިރާމް ކުރާތީކަމަށް ގާސިމް ވިދާޅުވި އެވެ. ގާނޫނުއަސާސީއަކީ ވަކި ބަޔަކަށް ވެރިކަން ކުރެވޭ ގޮތަށް ހަދާފައިވާ އެއްޗެއް ނޫން ކަމަށް ބުނެ، މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ ކަންތައްތަކަށް ގާސިމް މިރޭ ވަނީ ފާޑުވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ