ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް

ރައީސް މުހައްމަދު ނަޝީދު މިނިވަންވާނެކަން އެނގިވަޑައިގަތުމުން ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ ވަރަށް ބިރުން ކަމަށާއި، ރައީސް ނަޝީދު މިނިވަންކުރުމާ ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާކޮށްފައިވާ ކަމަށް ވެސް ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
 
"ލަމަރުކަޒީ ރާއްޖެ" ނަމުގައި އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ރައީސް ޔާމީން ކޮންމެ ޕޯޑިއަމްއެއްގައި ރައީސް ނަޝީދުގެ ވާހަކަ ދައްކަވަނީ، ރައީސް ނަޝީދު މިނިވަންވާނެކަން އެނގިވަޑައިގެން އެކަމާ ބިރުން ކަމަށެވެ.
"އަޅުގަނޑަށް ހަމަ އެނގިހުރެ މި ދަންނަވަނީ، އެނގިހުރެ މި ބުނަނީ، ރައީސް ޔާމީންގެ ކެބިނެޓް މިނިސްޓަރުންގެ ތެރޭގައި މަޝްވަރާކޮށްފި ރައީސް ނަޝީދު ރާއްޖެ ވަޑައިގެން، ރައީސް ނަޝީދަށް މި ސަރުކާރުން ހިމާޔަތްދޭންޖެހޭ ވާހަކަ. އެ މަޝްވަރާކޮށްފި." ނާޒިމް ވިދާޅުވި އެވެ. ނަމަވެސް އެ މަޝްވަރާކުރެވުނީ ކޮން ތާރީހެއްގައި ކަމެއް ނާޒިމް ހާމަކުރައްވާފައެއް ނުވެއެވެ. އަދި ކެބިނެޓުގައި އެފަދަ މަޝްވަރާއެއް ކުރެވިފައިވާކަމެއް ރައީސް އޮފިހުންވެސް ހާމަކުރައްވާފައެއް ނުވެއެވެ.
 
އިތުރަށް ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ނަޝީދަށް އޮތީ އެންމެ ބިރެއް ކަމަށާއި، އެއީ ޕާޓީގެ ޕްރައިމަރީ ކަމަށެވެ. ނަމަވެސް ޕްރައިމަރީގައި ޕާޓީގެ އާންމު މެމްބަރުންގެ ބޮޑު އަޤުލަބިއްޔަތެއް ރައީސް މުހައްމަދު ނަޝިދަށް އާއެކޭ ބުނެ، އެމަނިކުފާނަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ހައްދަވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހިން އަދިވެސް ބޭނުންވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެއް ކަމަށެވެ. ކުރިން ވެސް، ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިތުންނަށް އެތައް ކަންތައްތަކެއް ކޮށްދެއްވާފައިވާކަމަށާއި، އެ ކަންތައްތަކަކީ އެހެން އެއްވެސް ރައީސަކަށް ކޮށްދެވިފައިވާ ކަންތައްތަކެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ރައީސް ނަޝީދަކަށް ނެތް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރުމުގެ ހައްޤެއް. ވާދަކުރަންޖެހޭ. އަޅުގަނޑުމެންގެ ރައްޔިތުންގެ ލޯބި ލިބިފައިވަނީ ރައީސް ނަޝީދަށް." ނާޒިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ