ވޯލްޑް ކަޕަށް ފަހު ލިބޭ މަރުގެ އިންޒާރުތަކާ ހެދި ކޮލަމްބިއާގެ ކަމްޕާޒަށް ގެއަށް ނުދެވިފައި

ބޮގޯޓާ، ކޮލަމްބިއާ (ޖުލައި 13) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުން ކޮލަމްބިއާ ބަލިވި މެޗުގައި އެ ޓީމުގެ ޖަމިންޓަން ކަމްޕާޒަށް ލިބުނު ފުރުސަތުތައް ގޯލަށް ނުޖެހި، ޕެނަލްޓީގައި ސްވިޒަލެންޑް އަތުން ބަލިވެ، އެ ޓީމު ކެޓުމާ އެކު، ކަމްޕާޒަށް ލިބެމުން އަންނަ މަރުގެ އިންޒާރުތަކާ ހެދި ގެއަށް ނުދެވި ތާށިވެއްޖެ އެވެ. 
އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ކުރިއަށްދާ ފީފާ ވޯލްްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކޮލަމްބިއާ އިން ކުޅުނު ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން 3-1 އިން މޮޅުވިއިރު، 26 އަހަރުގެ ކަމްޕާޒް ވަނީ ބެންޗުން އަރައި ގޯލު ޖަހައިފަ އެވެ. 
ގަދަ 16 ބުރުގައި ސްވިޒަލެންޑާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި، ކޮލަމްބިއާ މޮޅުކޮށްދޭން އެންމެ ރަނގަޅު ފުރުސަތު ލިބުނު އެއް ކުޅުންތެރިއަކީ ކަމްޕާޒް އެވެ. މި މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގެ ތެރޭގައި ލިބުނު ފުރުސަތެއްގައި، ސްވިޒަލެންޑް އޭރިއާތެރެއިން ހުސްކޮށް ހުރެފައި، ކަމްޕާޒް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ޕެނަލްޓީގައި ސްވިޒަލެންޑުން 4-3 އިން މޮޅުވިއިރު، ކަމްޕާޒް، އޭނާ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. 
ކޮލަމްބިއާ، ކެޓުމާ އެކު، ކަމްޕާޒަށް މަރުގެ އިންޒާރުގެ މެސެޖުތައް ވަނި ލިބެން ފަށައިފަ އެވެ. އަދި، ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމްޕާޒަށް އަންނަން ފެށި މެސެޖުތަކުގައި ލިބެމުން ދިޔަ އިންޒާރުތަކުގެ ސީރިއަސްކަމާ އެކު، އޭނާ ވަނީ އެ މެސެޖުތައް، ކޮލަމްބިއާގެ ފުޓްބޯޅަ ފެޑެރޭޝަން އާއި ފުލުހުންނަށް ހިއްސާކޮށްފަ އެވެ. އަދި، ފުލުހުންނާ މަޝްވަރާ ކުރުމަަށް ފަހު، ކަމްޕާޒް ވަނީ މި ވަގުތު އޭނާ ދިރިއުޅޭ ސަރަހައްދާއި ގެއަށް ނުދާން ނިންމައިފަ އެވެ.
ކޮލަމްބިއާގެ ފުޓްބޯޅަ ފެޑެރޭޝަަނުން ވަނީ ކަމްޕާޒަށް ލިބިފައިވާ މަރުގެ އިންޒާރުތަކުގެ މެސެޖުތައް ކުށްވެރިކޮށްފަ އެވެ. އަދި، ގައުމު ތަމްސީލުކުރާ ކޮންމެ ކުޅުންތެރިއަކު ވެސް މަސައްކަތްކުރަނީ ޓީމު މޮޅުކޮށްދޭންކަން ގަބޫލުކުރަން ޖެހޭ ކަމަށް ފެޑެރޭޝަނުގެ ބަޔާނުގައިވެ އެވެ. 
މީގެ ކުރިން، 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި، ކޮލަމްބިއާގެ ޑިފެންޑަރު، އަންދްރެސް އެސްކޮބާ އަތުން ބައިކޮޅަށް ގޯލެއް ވަދެގެން، އެ ފަހަރުގެ ވޯލްޑް ކަޕް ކޮލަމްބިއާ އަށް ނިމުނުއިރު، އެ މުބާެާރާތަށް ފަހު އެނބުރި ގައުމަށް ދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވެ، ބަނޑީގެ ހަމަލާއެއްގެ ޝިކާރަކަށްވެ، އެސްކޮބާ ވަނީ މަރުވެފަ އެވެ. 
އާޖެންޓީނާގެ ކްލަބް، ރޮޒާރިއޯ ސެންޓްރަލް އަށް ކުޅެމުން އަންނަ ކަމްޕާޒް ވަނީ ކޮލަމްބިއާގެ 17 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ