ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާގެ ކައިރީ ސިފައިން ތިބެނީ، އެގެއަށް ޒިޔާރަތްކުރާ ބޭފުޅުންގެ ލިސްޓެއް ހޯދުމަށް ކަމަށް އަޑުފެތުރެމުންދާ ކަމަށާއި، އެހެންކަމުން އެތަނުން ސިފައިން ދުރަށް ދިއުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ ކުރީގެ ރައީސް މައުމޫންގެ ހަށިކޮޅަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ބުނެ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ އެމްއެންޑީއެފުން ވަރުގަދަކޮށްފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅު ކައިރީ ސިފައިން ފޯރިމަރަމުން ދަނީ އެގެއަށް ޒިޔާރަތްކުރާ މީހުންގެ ލިސްޓެއް ހޯދުމަށް ކަމަށެވެ. އެހެންކަމުން އެގޭދޮށުގައި ސިފައިން ނުތިބެ އެފަދަ ފިއްތުންތައް ކުރިމަތިކުރުން ހުއްޓާލުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
ގުޅިފައިވާ ޕާޓީ ތަކުގެ ބައެއް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި ރައީސް މައުމޫނަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ބުނެ އެންދެރިމާގޭގައި ސިފައިން ސެކިއުރިޓީ ބަލަހައްޓަން ފެށީ އެގެއަށް ވަދެ ނިކުމެ ހަދާ މީހުން ބެލުމަށެވެ.
ގުޅިފައިވާ ޕާޓީ ތަކުގެ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވީ ރައީސް މައުމޫން ދިރިއުޅުއްވާ ގޭގައި ސިފައިން ފޯރިމެރުމަކީ އެމަނިކުފާނު ގޭގައި ބަންދުކުރުން ކަމަށެވެ.
ކުރީގެ ރައީސް މައުމޫނު ދިރިއުޅުއްވާ، މ. އެންދެރިމާގޭގެ ސެކިއުރިޓީ ވަރުގަދަކޮށް ރެއިން ފެށިގެން ސިފައިން ގެންދަނީ އެގޭގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މައުމޫނު ދިރުއުޅުއްވާ ގެ ކައިރީގައި ސިފައިން ފޯރި މަރާތީ ނަޝީދު ކަންބޮޑުވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ