މޫސުން ގޯސްވެ، ބައެއް ޓޫރިސްޓުންނަށް ރިސޯޓުތަކަށް ނުފުރިފައި!

ރާއްޖޭގެ ބައެއް ރިސޯޓުތަކަށާއި ރަށްރަށަށް ޗުއްޓީ ހޭދަ ކުރުމަށް އައި ބައެއް ޓޫރިސްޓުންނަށް، މޫސުން ގޯސްވުމާ ގުޅިގެން އެ ތަންތަނަށް ނުފުރި، މާލެ އާއި ހުޅުމާލޭގެ ގެސްޓްހައުސްތަކުގައި ތާށިވެއްޖެ އެވެ.
ސްރީ ލަންކާ ކައިރީގައި އުފެދުނު ތޫފާން "އޯޗީ"ގެ ބާރު ގަދަ ވެފައިވާ އިރު، ތޫފާނު ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށް ވިޔަސް، ތޫފާނާ ގުޅިގެން އުފެދުނު ބައެއް ވިލާތައް ރާއްޖޭގެ ސަރަހައްދަށް އަރަމުން ދާތީ ކުރިއަށް އޮތް 24 ގަޑިއިރު ބޯކޮށް ވާރޭވެހި، މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
ގިނަ ރަށްރަށެކޭ އެއްގޮތަށް މާލެ އަށް ދޭތެރެދޭތެރެ އިން ދަނީ ވާރޭވެހެމުންނެވެ. އެގޮތުން މިހާރު ވެސް އުޑުމަތި ބަނަކޮށް އޮތް އިރު، ކުރި އަށް ވުރެ ގަދަ އަށް ވައި ޖެހެމުންދާކަން ފާހަގަކޮށްލެވެ އެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ އާއި މިއަދު އުތުރުގެ ބައެއް ރިސޯޓުތަކަށާއި ރަށްރަށަށް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައި ބައެއް ޓޫރިސްޓުންނަށް ކަނޑުމަތީގައި ދަތުރު ކުރެވޭ ވަރަށް ވުރެ، ގަދަވުމުގެ ސަބަބުން ގިނަ ބަޔަކު ތިބެން ޖެހުނީ މާލެ އާއި ހުޅުމާލޭގެ ގެސްޓްހައުސްތަކުގަ އެވެ. އަދި މާލޭގެ ގިނަ ގެސްޓްހައުސްތަކާއި ހުޅުމާލޭގައި ހުރި ހުރިހާ ގެސްޓްހައުސްތަކެއްހެން މިހާރު ފުރިފައިވާ ކަމަށްވެ އެވެ.
ވިލިމާލެ ކައިރިން ދޯންޏެއް ދުއްވާފައި ދަނީ. މާލެއަށް މޫސުން ވަރަށް ބޮޑަށް ގޯސް.---ފޮޓޯ: ނިޝާން އަލީ/މިހާރު
ހުޅުމާލޭގައި ހުންނަ ޕޮއިންޓް އިން އާއި ރިލެކްސް އިން ފަދަ ބައެއް ގެސްޓްހައުސްތަކުން ބުނީ އެ ތަންތަނުގެ ކޮޓަރިތައް އެއްކޮށް ފުލްވެފައިވާ ކަމަށެވެ. އަދި އެންމެ އަވަހަށް ވެސް ކޮޓަރިއެއް ލިބޭނެ ކަމަށް ބެލެވެނީ މާދަމާގެ މެންދުރުގެ ވަގުތެއްގައި ކަމަށް އެ ތަންތަނުން ވާހަކަ ދެއްކި މީހުން ބުންޏެވެ.
ހުޅުމާލޭގައި ހުންނަ ވައިޓް ހާޕް އިން ގެސްޓްހައުސްގައި މަސައްކަތް ކުރާ އިސް މުވައްޒަފަކު ބުނި ގޮތުގައި ހަފުތާ ބަންދުގައި އެ ތަނުން ކޮޓަރި އަށް ލިބޭކަށް ނެތެވެ. އަދި މޫސުން ގޯސްވެގެން ބައެއް ޓޫރިސްޓުން އެ ތަނުގައި މަޑުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އއ. ތޮއްޑު އަށް ލޯންޗުގައި ފުރޭތޯ އުޅުނު ޓޫރިސްޓުންތަކެއް ދެންމެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެ ދިޔައީ. އެ މީހުންނަށް ވެސް ހިޔެއް ނުވޭ ފުރޭނެ ހެން. ކަނޑު ވަރަށް ގަދަ. އެމީހުން އަނބުރާ ގެސްޓްހައުސް އަށް އަންނަން ޖެހޭނެ ކަމަށް ބެލެވެނީ،" ވައިޓްހާޕް އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އޭނާ ބުނީ ކުރިއަށް އޮތް ގަޑިތަކުގައި އިތުރު ޓޫރިސްޓުން ވެސް ތަންތަނަށް ނުފުރިގެން އެ ގެސްޓްހައުސްގައި މަޑު ކުރަން އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
ހުޅުމާލޭގެ އިތުރުން މާލޭގެ ގެސްޓްހައުސްތަކުގައި ވެސް ޓޫރިސްޓުން މަޑު ކުރަން ޖެހިފައިވާ ކަމަށްވެ އެވެ. އޭގެ ތެރޭގައި ގިނައީ ޗައިނާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ޓޫރިސްޓުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެ ޓޫރިސްޓަކު ދަބަސްތަކެއް ހިފައިގެން.-- މިހާރު ފޮޓޯ
މޫސުން ގޯސްވެގެން ހުޅުމާލޭގައި މަޑު ކުރި ޗައިނާގެ ދެމަފިރިއަކު "މިހާރު" އަށް މިއަދު ބުނި ގޮތުގައި އެ މީހުން ރިސޯޓަށް ނުގޮސް، މަޑު ކުރީ އަމިއްލަ އަށް އެދިގެންނެވެ. އެއީ ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވެ، ދަތުރު ކުރުމަށް ރައްކާތެރި ނޫން ކަމަށް ލަފާ ދިނުމުން ކަމަށް ވެސް ދެ މީހުން ބުންޏެވެ.
"ރާއްޖެ މި އާދެވުނީ ރަނގަޅު ދަނޑިވަޅަކު ނޫން. މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ފުރިހަމަ އަށް ނުފެންނާނެ. އެކަމަކު އުންމީދު ކުރަނީ ކުރި އަށް އޮތް ދުވަސްތަކުގައި މޫސުން ރަނގަޅުވެ، ރާއްޖެ އައި ބޭނުން ފުރިހަމަ ވެގެންދާނެ ކަމަށް. އަދި މޫސުން ރަނގަޅުވާނެ." ހައިޑްވޭ ބީޗް ރިސޯޓަށް ޗުއްޓީ ހޭދަ ކުރުމަށް އައި ޗައިނާގެ 45 އަހަރުގެ ޓޫރިސްޓަކު ބުންޏެވެ.
ތޫފާނާ ގުޅިގެން ރާއްޖެ އަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކުގައި ފެން ބޮޑުވެ، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މެޓު އޮފީހުން ބުނި ގޮތުގައި ތޫފާނު މިހާރު އުޅެނީ ރާއްޖޭގެ އުތުރުން 200 މޭލެއްހާ ދުރުގަ އެވެ.
ރާއްޖެއާ ދުރަށް ތޫފާން ދާ އިރު، އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ. މިހާތަނަށް ކަނޑުމަތީގެ 16 ހާދިސާއެއް ހިނގައިގެން ރިޕޯޓް ކުރި އިރު، އޭގެ ތެރޭގައި ދެ ދޯންޏެއް ބަންޑުން ޖަހާލުން ހިމެނެ އެވެ. ރާއްޖޭގެ ކަނޑުތައް ގަދަވެފައިވާތީ މި ވަގުތަށް ދަތުރުފަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް މެޓުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ