މަގޫދޫ ފަޅުން ރައްޔިތުން މަސްހިފުމަކީ ކުށެއްތަ!

ފ. މަގޫދޫ ފަޅުތެރޭން 50،000 އަށްވުރެ ގިނަ މުށި މަސް ހިފައި އެކަމުގެ ކާމިޔާބީ ފާހަގަކޮށް ރަށު ކައުންސިލުން ވަނީ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ޕޯސްޓެއް ކޮށްފަ އެވެ. މަގޫދޫ ކައުންސިލުން ބުނެފައި ވަނީ އެއިން ދައްކުވައި ދެނީ އެއްބައިވަންތަކަމާއި އަޚުވަންތަކަން ކަމެވެ.
ރަށުގެ ރައްޔިތުން ނިކުމެ އެއްބައިވަންތަ ކަމާއި އެކު ކުރާ މިފަދަ ކަންކަމުން ދައްކުވައިދެނީ ރައްޔިތުންގެ ގުޅުމާއި އެއްބައިވަންތަ ކަމެވެ. މިފަދަ އެތައްކަމެއް މަގޫދޫ ކައުންސިލުން ދަނީ ރައްޔިތުންނާއި ގުޅިގެން ކުރަމުންނެވެ. އެގޮތުން ރަށުގެ އިސް ރައްވެހިންގެ ދުވަސް ފާހަގަކުރުމާއި، ރަށުގެ އާސާރީ އިމާރާތްތައް ހިމާޔަތްކުރުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ތޮށިލުމާއި، ގޮނޑުދޮށް ސާފުކުރުންފަދަ ކަންކަން ރައްޔިތުން ނިކުމެ އެއްބައިވަންތަ ކަމަާއި އެކު ކުރަމުން ގެންދެ އެވެ.
ނަމަވެސް މަގޫދޫ ރައްޔިތުން ގުޅިގެން ރަށުގެ ފަޅުން 50،000 އަށްވުރެ ގިނަ މުށި މަސް ހިފުމަކީ އާދައިގެ ކަމެއް ނޫނެވެ. ރަށުގެ ފަޅުތެރެއަށް އެކި މޫސުންތަކުގައި ބައިހަދާފައި މުށިމަސް ވަނުމުން ދާޖަހާފައި މަސް ހިފުމަކީ މަގޫދޫގައި އާއްމުކޮށް ކުރާކަމެއް ކަމަށްވެ އެވެ. އެގޮތުން މި ނޮވެންބަރު މަހުގެ 18ވަނަ ދުވަހުވެސް ބައިލައްކަ އަށްވުރެ ގިނަ މަސް ދާޖަހައިގެން ހިފާފައި ވާއިރު މިއީ މިގޮތަށް ރައްޔިތުން ނިކުމެ މުށިމަސް ހިފި ތިންވަނަ ފަހަރުކަމަށްވެ އެވެ.
އެގޮތުން މީގެ ދެތިން މަސް ކުރިންވެސް ރަށުގެ ފަޅުތެރެއަށް ވަން މުށިމަސް އައިނެއް ހިފިކަމަށްވެ އެވެ. އަދި މިގޮތަށް ހިފާ މަސް ބަހަނީ އެކަމުގައި ބައިވެރިވާ މީހުންނަށް ބައިއަޅައި، އަދި ހުރިހާ ގޭބިސީއަކަށްވެސް ލިބޭގޮތަށެވެ. މިކަމުގައި ރަށުގެ ޒުވާނުންނާއި ދުވަސްވީ މީހުންވެސް ބައިވެރިވާއިރު މީގެ ތެރޭގައި ދެޖިންސުގެ މީހުންވެސް ހިމެނެއެވެ.
މަގޫދޫ ކައުންސިލް މެމްބަރު އަބްދުﷲ ވަހީދު އޮންލައިން މިހާރަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި، ރަށުގެ ފަޅުތެރެއަށް ވަންނަ މަސް އައިންތަކަކީ މާތް ﷲ ދެއްވާ ރިޒުގެކެވެ. އަދި އެގޮތަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނިކުމެ، މަސް ހިފުމުގައި ބައިވެރިވުމަކީ އެއްބައިވަންތަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ފ. މަގޫދޫ ފަޅުތެރެއިން ދާޖަހައިގެން މުށިމަސް ހިފަމުންދާއިރު، މިކަމާއި ގުޅޭ ބަހުސްތައް ސޯޝަލް މީޑިޔާގައި ފެށިފައިވަނީ އެކަން ފާހަގަކޮށް މަގޫދޫ ކައުންސިލުން ކުރި ޕޯސްޓަށްފަހުގަ އެވެ. އަދި އެކަމަކީ ރައްޔިތުންގެ އެއްބައިވަންތަކަމާއި އަޚުވަންތަކަން ދައްކުވައިދޭ ކަމެއްކަމަށް ކައުންސިލުން ބުނިނަމަވެސް އެކަމަކީ ރަނގަޅުކަމެއް ނޫންކަމާއި، ރާއްޖޭގެ މަސްވެރިކަމަށް ގެއްލުންވާނެ ކަމެއްކަމަށްބުނެ ބައެއް މީހުން ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. އަދި އެކަމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދުގެ ދަށުން މުޅިން މަނާކަމެއްކަމަށް ބުނެ، އެކަން ނުކުރުމަށް އެދިވެސް ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަދާފައިވާ މަސްވެރިކަމުގެ ގަވާއިދުގައި ފަޅުފަޅުން މަސްވެރިކަން ކުރުމުގައި އަމަލުކުރާނެ ގޮތް ވަނީ ބަޔާންކޮށްފަ އެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދުގެ 2 ވަނަ މާއްދާގައި މަސްވެރިކަން ކުރުމުގައި މަނާ ކަންތައް ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން އެ މާއްދާގެ (އ) ގައި ބުނެފައި ވަނީ، ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގެ ފަޅަށް ވަދެފައި އޮންނަ މުށިމަސްގަނޑުގައި ދައު އެޅުމަކީ މަނާކަމެއް ކަމަށެވެ. އަދި މި ޤަވައިދުގެ(ވ) ގައި ބުނެފައި ވަނީ، ރާއްޖޭގެ ރަށްރަށުގެ ފަޅަށް ވަދެފައި އޮންނަ މުށިމަސްގަނޑުގަނޑަށް ޖަސްތު ޖަހައި ބުޅިފަތި އަޅުވައި ދިރޭ އެމާއި މުޅަކޮށްފައި ހުންނަ އެން އުކައިގެން މަސް ބޭނުމަކީވެސް މަނާކަމެއް ކަމަށެވެ.
މީގެ އިތުރަށްވެސް މަސްވެރިކަން ކުރުމުގައި މަނާ ކަންތަކުގެ ތެރޭގައި، އާންމުކޮށް ދިވެހިން މަސްވެރިކަންކުރާ ހިސާބުތަކުގައި ދޮށީގެ މަސްވެރިކަންކުރަން ތިބިބަޔަކަށް ދަތިވާ ގޮތަށް، ވަދު ދަމައިގެން ލޭނު އަޅައިގެން ނުވަތަ ފައްތައިގެން މަސްވެރިކަންކުރުމާއި، ދިވެހިރާއްޖޭގެ ކަނޑުތަކުން އޮއިވާލި އެތިގަނޑު ނެގުމާއި، މަސް ހިފުމަށް ނުވަތަ މަސް މެރުމަށް، ޑައިނަމައިޓް ނުވަތަ އެނޫންވެސް ގޮވާ އެއްޗެއް ބޭނުން ކުރުމަކީ މަނާކަމެކެވެ.
އަދި މަސްހިފުމަށް ނުވަތަ މަސް މެރުމަށް އެއްވެސް ބާވަތެއްގެ ބަޑިއެއް ބޭނުން ކުރުމާއި، މަސްހިފުމަށް، ނުވަތަ މަސް މެރުމަށް އެއްވެސް ބާވަތެއްގެ ވިހައެއް ބޭނުންކުރުމާއި، ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ އާއި އިހި ނެގުމާއި، ހުކުރު ނަމާދަށް ހާޒިރު ނުވެވޭފަދަ ގޮތަކަށް އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުމަށްޓަކައި ހުކުރު ދުވަހު ފުރައިގެން ރަށުން ބޭރަށް ދިއުމަކީވެސް މި ޤަވައިދުގެ ދަށުން މަނާކަމެކެވެ.
ފ. މަގޫދޫ ފަޅުތެރޭން ބައިލައްކަ އަށްވުރެ ގިނަ މުށި މަސް ދާޖަހައިގެން ހިފި މައްސަލަ ފެންމަތިވެފައި ވާއިރު ވީނިއުސްއަށް މައުލޫމާތުދެއްވަމުން އެންވަޔަރުމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ މިކަމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަން ފިޝަރީޒް މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް ރަސްމީކޮށް ސިޓީއަކުން ހުސްވިހަފްތާގައި އަންގާފައިވާނެ ކަމަށެވެ.
ނައީމް ވިދާޅުވީ ހުރިހާ ފަރާތްތަކުންވެސް މަސްވެރިކަން ކުރުމުގައިވެސް ރާއްޖޭގައި ހެދިފައި ހުންނަ ޤާނޫނުތަކާއި ޤައިދުތަކަށް އަމަލުކުރުން މުހިންމު ކަމަށެވެ. ނައީމް ވިދާޅުވީ މިފަދަ ޤަވައިދުތައް ހެދިފައި ހުންނަނީ ހުރިހާ ދިވެހިރައްޔިތުންނަށް ފައިދާއަކަށް ކަމަށެވެ. އަދި އެގޮތަށް ފަޅުފަޅަށް ވަންނަ މަސްއައިންތައް ދާޖަހައިގެން ހިފުމުން މަސްވެރިކަމަށް ގެއްލުންވާނެ ކަމަށާއި، އެހެންކަމުން އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
ނަމަވެސް މަގޫދޫ ރައްޔިތުން ދެކޭގޮތުގައި އެމީހުނަށް ލިބޭ ރޯއްޖެއްގެ ބޭނުން މުޅި ރައްޔިތުން ޝާމިލްވާގޮތަށް އެމީހުން ކުރަނީ ކުށެއް ކުރުމުގެ ނިޔަތުގައެއް ނޫންނެވެ. އެކަމަކު އެެއްބައިވަންތަކަން އާލާކުރުމަށް ކަންކަން ރާވާ ހިންގުމުގައި ރާއްޖޭގެ ހެދިފައި ހުންނަ ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުމަކީ ރަށު ކައުންސިލްގެވެސް އަދި އާއްމު ފަރުދުންގެވެސް ޒިންމާ އެކެވެ. އަދި ރަށުފަޅުތެރެއަށް ވަންނަ މުށިމަސް އައިން ގިނަބަޔަކު ނިކުމެ ދާޖަހައިގެން ހިފުމަކީ މަސްވެރިކަމުގެ ޤަވައިދުގައި މަނާކަމެއް ކަމުން އެކަން އެގޮތަށް ނުކުރުމަށްވެސް ގިނަބަޔަކު ދަނީ އެދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ