އަބްދުﷲ ޖާބިރުގެ ޕާރސްޕޯޓް އިމްގްރޭޝަނުން ހިފަހައްޓައިފި


ރައްޔިތުން މަޖްލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާރސްޕޯޓް ކޯޓް އަމުރެއްގެ ދަށުން  އިމްގްރޭޝަނުން ހިފަހައްޓައިފިއެވެ.
 
ކްރިމިނަލްކޯޓުން ބުނީ ޖާބިރްގެ ޕާރސްޕޯރޓް ހިފެހެއްޓުމަށް އަމުރުނެރުނީ އޭނާއާއި ދެކޮޅަށް އުފުލާފައިވާ ޖިނާއީ ދެ ދައުވާއެއްގެ ޝަރީޢަތަށް ޗިޓް ރައްދުވެ ހާޒިރުނުވުމުންކަމަށެވެ.
ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ހ.ދ ހޮނޑައިދޫން ފުލުހުން މިއަހަރު ކުރީކޮޅު ހައްޔަރުކުރި ޖާބިރުގެ މައްޗަށް ދައުލަތުން  ތިން ދައުވާއެއް އުފުލާފައިވެއެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާއާއި ކެނަބިހުން މުއާމަލާތުކުރުމުގެ ދައުވާގެ އިތުރުން ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރުމުގެ ދައުވާއެވެ.
 
މި މައްސަލާގައި މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ޖާބިރު ހާޒިރުވެވަޑައިގެންފައެއްނުވެއެވެ.
ހޮނޑައިދޫން ފުލުންހުންގެ ހައްޔަރުކުރި ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރާ ދެކޮޅަށްވެސް ދައުލަތުން އަންނަނީ ދައުވާކުރަމުންނެވެ. އޭނާގެ މައްޗަށްވެސް ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާއާއި ކެނަބިހުން މުޢާމަލާތުކުރުމުގެ ދައުވާގެ އިތުރުން ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރްކުރުމުގެ ދައުވާ ދައުލަތުން އުފުލާފައިވެއެވެ.
 
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިމަހުގެ އެއްވަނަދުވަހު ބޭއްވި ނަމަވެސް މިއަދު ބާއްވަން އޮތް ޝަރީއަތުގެ މަޖިލީހަށް އޭނާ ހާޒިރުވެވަޑައިނުގަތުމުން މިއަދުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ