ދިގުރަށުގެ އާ އިންޖީނުގެ ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި

ސްޓެލްކޯއިން އދ. ދިގުރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެ މިއަދު ރަސްމީކޮށް ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ. އދ. ދިގުރަށުގައި ފުރަތަމަ ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައިވަނީ އެރަށު ރައްޔިތުންގެ ޚަރަދުގައި އަޅާފައިވާ އިންޖީނު ގެއަކުންނެވެ. ނަމަވެސް މި އިންޖީނުގެއާ ސްޓެލްކޯއިން ހަވާލުމަށްފަހު ހަރުދަނާ ނިޒާމެއްގެ ތެރެއިން އެރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން މީގެކުރިން އަޅާފައިވާ އިންޖީނުގޭގެ ބަދަލުގައި، ރަނގަޅު ފެންވަރުގެ އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ސްޓެލްކޯއިން ވަނީ ފަށާފައެވެ.އާ އިންޖީނުގޭގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ދިޔަގޮތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ފަރާތުން މި މަސައްކަތާއި ހަވާލުވެ ހުންނެވި ޓެކްނިކަލް އިންޗާރޖް މުޙައްމަދު ޝާން ވިދާޅުވީ އަލަށް ހުޅުވި އިންޖީނުގޭގައި ޖުމްލަ ހަތަރު އިންޖީނުން ކަރަންޓު ދެމުން ދާނެކަމަށެވެ. އެހެންކަމުން ދޭތެރެ ދޭތެރެއިން ރައްޔިތުންނަށް ދިމާވަމުންދިޔަ ކަރަންޓްކެނޑުމުގެ މަސައްލައަށް ހައްލު ގެނެވި، ސައުވީސް ގަޑިއިރު، ކަރަންޓް ޔަގީންވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.  އދ. ދިގުރަށުގެ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ އަލީ ޝަމީމް ވިދާޅުވީ އދ. ދިގުރަށަކީ ލޯކަލް ޓުއަރިޒަމް ވަރަށް ފުޅާ ދާއިރާއެއްގައި ތަރައްގީވަމުން އަންނަ ރަށެއްކަމުން 24 ގަޑިއިރު، ކަރަންޓު ބޭނުންވާކަމަށެވެ. އަދި ކުރިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދެމުންދިޔަ ބާ އިންޖީނުގޭގައި އެ ކެޕޭސިޓީ ނެތްނަމަވެސް، މިއަދު ކަރަންޓު ނުކެނޑޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށެވެ. އެހެންކަމުން އާ އިންޖީނުގެ ހުޅުވިގެން ދިއުމުން ރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތުވެސް ވަރަށް ބޮޑުތަން ރަނގަޅުވެގެން ދާނެކަމަށް ޝަމީމް ވިދާޅުވިއެވެ.  600 އަށް ވުރެ ގިނަމީހުން ދިރިއުޅެމުންދާ ދިގުރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިން ބާ އިންޖީނުގެ ޤާއިމް ކޮށްފައިވަނީ ރަށުގެ މެދުތެރޭގައި ކަމަށެވެ. އެކަމުގެ ސަބަބުން ގިނަ ބަޔަކަށް އުނދަގޫތަކާއި ކުރިމަތިވަމުން ދާކަމަށް އެރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.  އިންޖީނުގެއާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ގެތަކުގައި އަޑުގަދަ ވުމުގެ ސަބަބުން ގޭތެރޭގައި މީހުންނަށް ވާހަކަ ދައްކަން އުނދަގޫވުމާއި ގޯތިތެރޭގައި އިންދާފައިވާ ރުއްގަސް އިންޖީނުގެއިން އަރާދުމުގެ ސަބަބުން އަނދަމުންދާކަން އެރަށުގެ ރައްޔިތުން ފާހަގަ ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ