ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ
ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އެ މީހާގެ އަތް ބުރިވެއްޖެއެވެ. ފުލުހުން މިރޭ ހިއްސާކުރި މެސެޖެއްގައި ބުނީ ނ. އަތޮޅުގައި ފީނަން އުޅުނު ބައެއްގެ ތެރެއިން މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އަނިޔާވެފައިވާ މައްސަލަ އިއްޔެރޭގެ 10:30ހާއިރު ފުލުހުންނަށް ލިބިފައި ވާކަމަށެވެ. އެ ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެމީހާގެ ކަނައަތް އުޅަނބޮއްޓާ ހިސާބުން ބުރިވެފައި ވާކަމަށެވެ. އަދި މީގެ އިތުރުން ވެސް އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އިތުރުފަރުވާއަށް އެ މީހާ މިހާރު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މީގެ ކުރީންވެސް ފީނަން ގޮސް އުޅުމުގެ ތެރޭގައި މިފަދަ ނުރައްކާތެރި ހިތާމަވެރި ހާދިސާތައް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ. އަދި އެފަދަ ހާދިސާތަކުގައި މީހުންގެ ފުރާނަ ގެއްލިފައިވެސް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ