އެފްއޭއެމް ލީގު ކަޕް: މަހިބަދޫ ހަތް ގޯލުން ބަލިކޮށް މާޒިޔާ ލީގު ބުރުގެ އެއް ވަނައާ ދިމާލަށް އެފްއޭއެމް ލީގު ކަޕް: މަހިބަދޫ ހަތް ގޯލުން ބަލިކޮށް މާޒިޔާ ލީގު ބުރުގެ އެއް ވަނައާ ދިމާލަށް

މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން 7-0 އިން ތަފާތު ބޮޑު މޮޅެއް ހޯދައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެފްއޭއެމް ލީގު ކަޕްގެ ލީގު ބުރުގެ އެއް ވަނަ ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ފަސް ޓީމުގެ މެދުގައި ކުރިއަށްދާ ލީގު ކަޕްގެ ގަދަ ހަތަރެއް ސެމީ ފައިނަލަށް ދަތުރުކުރާއިރު، މާޒިޔާ އިން މި މެޗަށް ނުކުތްއިރު ވެސް ވަނީ ގަދަ ހަތަރެއް ކަށަވަރުކޮށް ސެމީ ޔަގީންކޮށްފަ އެވެ. މާޒިޔާ އިން ލީގު ކަޕްގައި ކުޅުނު ފުރަތަމަ މެޗުން، 5-1 އިން ނިއު ރޭޑިއަަންޓް ބަލިކުރިއިރު، ދެ ވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން ވަނީ 2-0 އިން މޮޅުވެފަ އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗަށް ވެސް މާޒިޔާ އިން ނުކުތީ ގިނަ ބަދަލުތަކަކާ އެކު އެވެ. މިދިޔަ ދެ މެޗުގައި ބަދަލަކަށް ކުޅެން އަރައި ގޯލު ޖެހި، 16 އަހަރުގެ މުހައްމަދު އިލާން އިމްރާން ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. މެޗުގެ ފުރަތަމަ ހަމަލާ ވެސް ފޮނުވާލީ އިލާން އެވެ. އިލާން ފޮނުވާލި ބޯޅަ މަހިބަދޫގެ ކީޕަރު، އަބްދުﷲ ޔާމީން ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، މާޒިޔާގެ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ ވެސް ހުއްޓުވީ ކީޕަރު ޔާމީން އެވެ.
ފުލުފުލުގައި މާޒިޔާގެ އެޓޭކްތައް ފެންނަމުންދިޔައިރު، ސެންޓޭ އާއި އަހުމަދު އައިހަމް (ފަތޯ) ފޮނުވާލި ބޯޅަތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މާޒިޔާ އިން ލީޑުނެގީ 18 ވަަނަ މިނިޓްގައި ސެންޓޭ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ، މާޒިޔާގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އޭގެ 10 މިނިޓް ފަހުން، މާޒިޔާގެ ލީޑުފުޅާކޮށްދިނީ ހަންނަ އެވެ. މިއީ، ނާއިޒު ހަސަން (ދާދު) ނަގައިދިން ހުރަހެއް ކީޕަރު، ޔާމީން އަތުގައި ޖެހިފައި ނުކުތް ވަގުތު، ހަންނަ ޖެހި ގޯލެކެވެ.
މާޒިޔާ އިން ދެން ޖެހި ތިން ގޯލަށް ވެސް ފުރުސަތު ތަަަނަވަސްކޮށްދިނީ އަައިހަމް އެެެވެ. އެ ގޮތުން، މެޗުގެ 38 ވަނަ މިނިޓްގައި ދާދު، މާޒިޔާގެ ތިން ވަނަ ގޯލު ޖެހީ އައިހަމް ނެގި ހުރަހަކުން ބޮލުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، މާޒިޔާގެ ހަތަރު ވަނަ ގޯލު، ހަންނަ ޖެހީ، އައިހަމްގެ ހުރަހަކުންނެވެ. އަދި، ދެ ވަނަ ހާފުގެ ފުރަތަމަ މިިނިޓްގައި، ސެންޓޭ، މާޒިޔާގެ ފަސް ވަނަ ގޯލު ޖެހީ އައިހަމް ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ.
މެޗުގެ 66 ވަނަ މިނިޓްގައި މާޒިޔާގެ ހަ ވަނަ ގޯލު ޖެހީ ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި، އަބްުދުﷲ ލޫތު އިބްރާހިމް (ސާނޭ) އެވެ. މިއީ، އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ސާނޭ ޖެހި ގޯލެކެވެ. މާޒިޔާގެ ހަތް ވަނަ ގޯލު ޖެހީ ވެސް ބަދަލަކަށް ކުޅެން އެރި ކުޅުންތެރިއެކެވެ. މިއީ، އައިހަމް ދިން ބޯޅައަކުން، މުހައްމަދު ޒީކް އަހުމަދު އެވެ. މިއީ، ޒީކް، 17، މާޒިޔާގެ ސީނިއާ ޓީމަށް ކުޅުނު ފުރަތަަމަ މެޗެވެ.
ލީގު ކަޕްގެ ސެމީ ފައިނަލުގައި، ލީގު ބުރުގެ އެއް ވަނަ ކުޅޭނީ ހަތަރު ވަނައާ އެވެ. ލީގު ބުރުގައި މާޒިޔާ އިން ކުޅޭ ފަހު މެޗުގައި، މި މަހު 21 ވަނަ ދުވަހު، އޮޑި ސްޕޯޓްސް ކްލަބް އަތުން ޕޮއިންޓެއް ހޯދައިގެން ވެސް އެއް ވަނަ ޔަގީންކުރެވޭނެ އެވެ.
އެފްއޭއެމް ލީގު ކަޕްގެ މެޗުތައް ދެން އެންމެ އަވަހަށް އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ހަވީރު، ޓީސީން މަހިބަދޫއާ ކުޅޭއިރު، އެ ރޭ ކުޅޭ މެޗުގައި އޮޑި ސްޕޯޓްސް ކްލަބުން ބައްދަލުކުރާނީ ނިއުއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ