ޕީޕީއެމްއަކީ ވަރަށް ހަރުދަނާ އުސޫލްތަކެއް ގެންގުޅޭ ޕާޓީއެއް ކަމަށާއި ޕީޕީއެމްއިން އެހެން ބައެއްގެ ހައްގުތަކަށް އަރައިގަންނަން ބޭނުންނުވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއަށް ހެޔޮއެދޭ އަންހެން މެމްބަރުންކޮޅެއް އިންތިޒާމްކޮށްގެން ރޭ ހެދިގޮނޑުދޮށުގައި ބޭއްވި ބޮނޑިބަތް ކެއުމުގެ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީން އުސްފަސްގަނޑުގައި ސިޔާސީ ހަރަކާތްތައް ބާއްވަމުންދާތީ އެކަމަށް އިޝާރާތްކުރައްވާ މައުމޫން ވިދާޅުވީ މިގައުމުގެ އެންމެންނަށް ވެސް އޮންނާނީ ހަމަހަމަގޮތް ކަމަށާއި ވަކިބަޔަކު ބޭނުންވާ ތަނެއް އިހުތިޔާރުކޮށްގެން ތިބެވުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ.
ދިވެހި ރައްޔިތުންގެ ތެރެއިން ވަކިބަޔަކަށް ވަކިތަނެއްގައި ތިބެވޭ ކަމަށް ވާނަމަ ޕީޕީއެމްގެ މެންބަރުންނަށް އެގޮތަށް ތިބެވޭނެ ކަމަށް ވެސް މައުމޫން ރޭ ވަނީ ވިދާޅުވެފައެވެ.
"މިގައުމުގެ އެންމެންނަށް ވެސް އޮންނާނީ ހަމަހަމަގޮތް ވަކިބަޔަކު ބޭނުންވާ ތަނެއް އިހުތިޔާރުކޮށްގެން ތިބެވުމުގެ ހައްގެއް ނޯންނާނެ އެންމެންނަށް ވެސް އޮންނާނީ އެއް ހައްގެއް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ގާނޫނު އަސާސީ އާއި ހެދިފައިވާ ގާނޫނުތަކުގެ ސަބަބުން އެންމެންނަށް ވެސް ލިބެނީ ހަމަހަމަ ފުރުސަތުތަކެއް ކަމަށާއި އެހެން ނަމަވެސް ޕީޕީއެމްއަކީ ވަރަށް ހަރުދަނާ ޕާޓީއެއް ކަމަށާއި އެހެން ބައެއްގެ ހައްގުތަކަށް އުނިކަމެއް ލިބޭ ގޮތަށް ހަރަކާތްތައް ނުހިންގާނެ ކަމަށެވެ.
އެމްޑީޕީގެ މުޒާހަރާތަކުގައި އާއި ޖަލްސާތަކުގައި އާންމުކޮށް ބޭނުންކުރަމުންދާ ބޮނޑިބަތަށް އިޝާރަތްކޮށް މައުމޫން ވިދާޅުވީ ބޮނޑިބަތަކީ ވަކިބަޔަކަށް ހާއްސަ އެއްޗެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ގައުމީ ކެއުމެއް ކަމަށެވެ. އަދި ދިވެހި ރައްޔިތަކު ކަމުގައިވާ ކޮންމެ މީހަކުވެސް ބޮނޑިބަތް ކެއުމަކީ އެމީހެއްގެ އިހުތިޔާރުގައި އޮތްކަމެއް މައުމޫން ވިދާޅުވި އެވެ.
ރޭގެ ހަފުލާގައި ޕީޕީއެމަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބޮނޑިބަތާ ކުޅިމަހުގެ ރަހަ ބަލާލާފައެވެ. އަދި އެމްޑީޕީގެ ހަރަކާތްތައް ބާއްވަމުންދާ އުސްފަސްގަނޑު ނެގުމަށް އެދި ޕެޓިޝަނެއްގައި ސޮއިކުރުމުގެ ހަރަކާތް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
އަޅުގަނޑުމެން ބޭނުމެއް ނުވޭ އެހެން ބައެއްގެ ހައްގުތަކަކަށް އަރައިގަންނާކަށެއް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ