އަފްރާޝީމް އަވަހާރަކޮށްލަން ފަންޑު ކުރަނީ ޖާ އާއި އޭނާގެ ބޭބެ ކަމަށް ހުމާމު ގާތު ވަނީ ބުނެފައި: އުމަރު
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ފަންޑުކުރީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ދަނބިދަރި އަބްދުﷲ ޖާވިދު އާއި އޭނާގެ ބޭބެ ޝަހީން މުހައްމަދު ކަމަށް އެކަމުގެ މަޝްވަރާކުރި މީހުން ހުމާމުގާތު ބުނި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ދިޓީވީގެ ޚަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން ހ. ހިލްޓަން އަޒުލިފް ރައޫފް އާއި މ. ޖަރީމާގޭ އަބްދުﷲ ޖާވިދު (ޖާ) އާއި އޭނާގެ ބޭބެ ޝާހީން މުހައްމަދު އަދި ލ. ގަން، ތުނޑި ނޫއަލި އާދަމް ސަލާހު (ސްޕައި) ހުމާމާ ބައްދަލު ކުރި ކަމަށެވެ. އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގައި އަފްރާޝީމް އަވަހާރަކޮށްލުމުން ހަތަރު މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި އޭގެތެރެއިން އެއްމިލިއަން ރުފިޔާ ހުމާމަށް ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެކަމަށް ފަންޑުކުރަނީ ޖާ އާއި އޭނާގެ ބޭބެ ޝާހީންކަމަށް ވެސް އެ ބައްދަލުވުމުގައި އެމީހުން ހުމާމް ގާތު ބުނެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. "މިމީހުން ބައްދަލުކޮށް ހުމާމް ކައިރީ ބުނި އަފްރާޝީމް މަރާލަން ފައިނޭންސް ކުރަނީ ޖާ އާއި އޭނާގެ ބޭބެ ޝާހީން ކަމަށާއި ހަތަރު މިލިއަން ރުފިޔާ އެކަމުގައި ލިބޭނެ ކަމަށާއި އޭގެތެރެއިން އެއްމިލިއަން ރުފިޔާ ދޭނެކަމަށް ހުމާމަށް،" އުމަރު ވިދާޅުވިއެވެ. ހޯމް މިނިސްޓަރު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރީދުވަހު ހުމާމް ޖާގެ ފޯނަށް ގުޅައި އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭގޮތުން ދެމީހުން ވާހަކަދެއްކި ކަމަށެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ވެސް އެކަމާ ގުޅޭގޮތުން ހުމާމް ޖާއާ ވާހަކަދައްކާފައިވާ ކަމަށް ވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ. "އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރީ ދުވަހު. އެ ދުވަހުގެ 1:40ގައި ހުމާމުގެ ފޯނުން އަބްދުﷲ ޖާވިދުގެ ފޯނަށް ދެ ފަހަރަކު ގުޅި. މިއީ އަޅުގަނޑުމެންނަށް ފޯނު ކޯލް ރިކޯޑިންތަކުން ފެންނަން ހުރި އެއްޗެއްހިން. އެކަމަކު އެ ފޯނު ކޯލަކަށް އަބްދުﷲ ޖާވިދު ޖަވާބެއް ނުދޭ. ހަމަ އެ ދުވަހު. އެއީ އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރީ ދުވަހު މެންދުރު 2:45ގައި އަބްދުﷲ ޖާވިދުގެ ފޯނުން ހުސައިން ހުމާމުގެ ފޯނަށް ގުޅާ ވާހަކަދެއްކި. އެ ވާހަކައިގެ ތެރޭގައި މަރާލުމުގެ ވާހަކަ [އަފްރާޝީމް މަރާލުމުގެ ވާހަކަ] ދެކެވުނު. އަދި އޭގެ އިތުރަށް އެ ދުވަހުގެ ހަވީރު 5:15 ގައި ހުސައިން ހުމާމުގެ ފޯނުން އަބްދުﷲ ޖާވިދުގެ ފޯނަށް މެސެޖު ކުރި. މެސެޖުކޮށްފައި ބުނި. މިއީ ހުމާމު އޭ ޖާއަށް ރިމެމްބަރ ކޮށްލަދޭން މެސެޖު ކޮށްލަނީއޭ،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ