2018 ގައި ވެރިކަމާއި ހަވާލުވާނީ ރައީސް ޔާމީން، އެކަމާއި މެދު ޝައްކެއް ނެތް – މިނިސްޓަރ ސައީދު

2018 ވަނަ އަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތީޚާބު ކާމިޔާބު ކުރައްވާ ރާއްޖޭގެ ވެރިކަމާއި ހަވާލުވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމަށާއި އެކަމާއި ޕީޕީއެމް މެންބަރުން ވެސް އަދި ދިވެހި ރައްޔިތުން ވެސް ޝައްކު ނުކުރައްވާ ކަމަށް އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ކޯލިޝަނުން ސިލްސިލާކޮށް ބާއްވަން ފެށި ޖަލްސާތަކެއްގެ ތެރެއިން ފުރަތަމަ ޖަލްސާގައި މިރޭ ވާހަކަދައްކަމުން މިނިސްޓަރ ސައީދު ވިދާޅުވީ "2018 ވަނަ އަހަރު އަލަށް އިންތިޚާބު ކުރެވޭ ރައީސް އެއްގެ ގޮތުގައި މިގައުމުގެ ވެރިކަމާއި ހަވާލުވާނީ ރައީސް ޔާމީން" ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ވެރިކަމުގެ ދެއަހަރާއި ބައިގެ މުއްދަތަކީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށް ރައީސް ޔާމީން ކުރިން ވެސް ވިދާޅުވެފައިވާ ކަމަށާއި އެއީ ގައުމު 33 ބިލިއަން ރުފިޔާ އިން ދަރަނިވެރި ކޮށްލާފައި އޮތުމުން "އެމަޅިން ސަލާމަތް ވުމަށްޓަކައި"  ހޭދަކުރަން ޖެހޭ އުނދަގޫ ދުވަސްތަކެއް ކަމަށެވެ.
"އެމަޅިން އެބަޖެހޭ ގައުމުގެ ކޮންމެ ޒުވާނެ، ކޮންމެ ރައްޔިތެއް ނެތްޓެން. ގައުމިއްޔަތު އެމަޅިން ނެތްޓެން އެބަޖެހޭ. ރަނގަޅަށް ނަގިލި ލެވެން އެބަޖެހޭ. ދިޔަވަތް ހަމަވާ ގޮތައް އޮޑީގެ ވަތްތައް ވަރުގަދަ ކުރެވެން އެބަޖެހޭ. އޭރުން ޖުން ޖުލައިގައި ވެސް މިދޯނި ދުއްވޭނީ. މިދޯނި 2023 އާއި ހަމައަށް ވެސް ދާނީ ރައީސް ޔާމީންގެ މާލީމީ ކަމުގެ ދަށުގައި." މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ އެންމެ ހީވާގި އެންމެ ކެރޭ، އެންމެ ވިޝަނަރީ ޒައީމްގެ އެވޯޑް ރައީސް ޔާމީން އަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ކަމެއް ހަަމަ ބޮޑުވާއިރު އިސްތިއުފާ ދެއްވި ރައީސް އެއް ފެނިވަޑައިގެންނެވި ކަމަށާއި ނަމަވެސް ރާޅު ކިތަންމެ ބޮޑުވިޔަސް ވަތުގައި ވަރު ހުރިއްޔާ ދީއްލާލައިގެން ނުވާނެ ކަމަށެވެ.
ޕީޕީއެމްގެ ހިންގުމަށް ގެނައި ބަދަލުތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރ މިރޭ ވިދާޅުވީ "ދަނޑެއްގެ ޓާފް ބަދަލުކުރަން ޖެހުނީމަ އެކަން ކުރާނެ." ކަމަށެވެ.
އެއީ ޒަމާނަށް ފެތޭ ބޯޅަތަކަށް ސްޕީޑް ނެގޭނީ ބަދަލު ކުރަން ޖެހޭ ވިނަގަނޑު ބަދަލު ކުރުމުން ކަމަށް ވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ