ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސާއި ވަޒީރުންގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރު ކުރާ ގޮތަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ ގައުމުގެ މުޅި ސިސްޓަމް ހައިޖެކް ކުރެވޭ ގޮތަށް ނިންމި ނިންމުމެއް ކަމަށް ކުރީގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިއަދު ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އެ ނިންމުމަކީ ގާނޫނު އަސާސީއާ ވެސް ތަޢާރަޒުވާ ނިންމުމެއް ކަމަށާއި ކަން ހިނގައި ދިޔަ ގޮތަށް ބަލާ އިރު އެ ގެނެވެނީ ގާނޫނު އަސާސީ އަށް އިސްލާހެއް ކަމަށެވެ.
މައުމޫން މިއަދު ވިދާޅުވީ، ގާނޫނު އަސާސީގެ މާއްދާތަކަށް ބަލާ އިރު މަޖިލީހުގެ މެންބަރުންނަށް މައްސަލައެއްގައި ސިއްރު ވޯޓު ދެވޭނެ އޮތީ ދެ ހާލަތެއް ކަމަށާއި އެއީ އެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ނަގާ ވޯޓު އެކަނި ކަމަށެވެ.
"މީ ގާނޫނު އަސާސީގައި ވަރަށް ތަފްސީލުކޮށް އެނގެން އޮތް ކަމެއް. މަޖިލީހުގައި މެންބަރުންނަށް ސިއްރު ވޯޓެއް ދެވޭނީ އެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް އެކަނި. މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ވޯޓު ވެސް ސިއްރު ކުރެވޭނެ ކަމަކަށް ގާނޫނު އަސާސީއަކު ނެތް. އެހެން ކަމުން މިއީ ގާނޫނު އަސާސީއާ ތައާރަޒްވާ ނިންމުމެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާ ގަވައިދުތަކާއި އުސޫލުތައް ހެދުމުގައި ވެސް ޖަވާބުދާރީ ވެވޭނެ ހާމަކަން ބޮޑު ގޮތަކަށް އަދި ރައްޔިތުން ތަމްސީލު ވާނެ ގޮތަކަށް ނޫން ގޮތަކަށް އެކަން ނުކުރެވޭނެކަން ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ހ.ގެ ދެވަނަ މާއްދާއިން އެނގޭ ކަމަށެވެ. އެ މާއްދާގައި ބުނަނީ، "ރައްޔިތުން ފުރިހަމަޔަށް ތަމްސީލު ވާނޭ، އަދި އެބައިމީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނޭ ދިމިގްރާތީ އުސޫލުތައް އެކުލެވޭނެ، ޖަވާބުދާރީވާ، ހާމަކަން ބޮޑު ގޮތަކަށް ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާނޭ ގަވައިދުތަކާއި އުސޫލުތައް އެ މަޖިލީހުން ކަނޑައަޅަން ވާނެ،" ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ މީހަކު އެ މަގާމުން ވަކި ކުރެވޭނެ ގޮތްތައް ވެސް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަ އޮތް ކަމަށާއި އެހެން އޮއްވައި އެ ހުރިހާ ކަމެއް ފޫދުއްވާލައިފައި އެކަން ކުރެވޭނެ އެހެން ގޮތެއް، ގާނޫނުގެ ނަމުގައި އުފަން ކުރުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވައިލުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެއީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ.
މި ނިންމުމަކީ ޑިމޮކްރެސީއެއްގެ އެންމެ މުހިންމު ދެ އަސާސް ކަމަށްވާ ޓްރާންސްޕޭރެންސީ އާއި އެކައުންޓިބިލިޓީއާ ވެސް ދިމާ އިދިކޮޅު ނިންމުމެއް ކަމަށާއި އެ ގޮތުން ދެފުށް ފެންނަ ނިޒާމެއްގެ ގޮތުގައި ޑިމޮކްރެސީވާ އިރު، މެންބަރުން ވޯޓުދޭ ގޮތް ސާފުކޮށް އެނގެން ޖެހޭނެ ކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ. މެންބަރުން ވޯޓުދޭ ގޮތް އެނގުމަކީ އެ މެންބަރަކު ހޮވި ދާއިރާގެ ރައްޔިތުންގެ ވެސް ހައްގެއް ކަމަށާއި އެކަން ނޭނގޭ ނަމަ މެންބަރުން އެކައުންޓެބަލް (ޒިންމާދާރު) ކުރުވޭނެ ގޮތެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޑިމޮކްރެސީގެ އެންމެ މުހިންމު އެއް ދެ އަސާސަކީ ޓްރާންސްޕޭރެންސީ އާއި އެކައުންޓެބިލިޓީ. ކޮންމެ މީހަކު ވެސް އެ މީހަކު ކުރާ ކަމަކަށް ޒިންމާ ވާން ޖެހޭނެ. ސިއްރު ވޯޓު ދިނީމަ ޒިންމާ އުފުލާނެ ގޮތެއް ނެތް، ޒިންމާ ކުރުވޭނެ ގޮތެއް ވެސް ނެތް. އެހެންކަމުން އަޅުގަނޑަށް ދެންނެވޭނީ އިއްޔެ އަކީ އަޅުގަނޑުމެންގެ ޑިމޮކްރެސީގެ ހަޔާތުގައި އަދި ވަރަށް އަނދިރި އަދި ކަޅު ދުވަހެކޭ. ރައްޔިތުންގެ ބުރަ މަސައްކަތުން ތަޢާރަފު ކުރި ދީމިގުރާތީ ނިޒާމު ފަހަތަށް ފިޔަވަޅު އެޅި ދުވަހެކޭ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެހެން ކަންތައް ކުރުމުން ނޭދެވޭ ކަންތައްތަކަށް ވެސް ފުރުސަތު ހުޅުވިގެން ދާނެ ކަމަށާއި މެންބަރުންނަށް ގުޅައިގެން ވޯޓު އަނބުރައިލެވިދާނެ ކަމަށެވެ. އަދި ވަސީލަތްތައް ހުރި މަދު ބައެއްގެ މުށު ތެރެއަށް މުޅި ގައުމު ހިނގައިދާނެ ކަމަށެވެ. އެހެން ކަންތައް ވެއްޖެ ނަމަ އެއްވެސް މިނިވަން މުއައްސަސާއެއް ހަގީގަތުގައި މިނިވަން ނުވާނެ ކަމަށާއި ޖުޑިޝަރީން ވެސް މެންބަރުންގެ މަސަލަހަތު ހުރި ނުވަތަ ނުފޫޒު ހުރި ފަރާތްތަކުގެ މައްސަލަތައް އިންސާފުވެރިކަމާ އެކު ނިންމުމަށް ޖެހިލުންވެ ބިރުގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެން ވެއްޖެ ނަމަ އެއީ އަޅުގަނޑުމެންގެ މި ގައުމަށް ލިބޭނެ ފޫނުބެއްދޭނެ ވަރުގެ ބޮޑު ދެރައަކަށް ވެގެން ދާނެ ކަމަށް ރައީސް މައުމޫން ފާހަގަ ކުރެއްވި އެވެ.
މަޖިލީހުގެ އިއްޔެގެ ނިންމުމަކީ މުޅި ސިސްޓަމް ހައިޖެކް ކުރުން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ