ސްވިޒަލެންޑަށް ގްރޫޕްގެ އެއް ވަނަ، ބަލިވިޔަސް ކެނަޑާ ދެ ވަނަ ބުރަށް

ވެންކޫވާ، ކެނަޑާ (ޖޫން 25) - ކެނަޑާ އަތުން 2-1 އިން މޮޅުވެ، ސްވިޒަލެންޑުން ގްރޫޕް ބީގެ އެއް ވަަނައިގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދިއިރު، މި މެޗުން ބަލިވި މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ އެއް ހޯސްޓް ކެނަޑާ އިން ދެ ވަަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދަތުރުކޮށްފި އެވެ. 
މިއާ އެކު، ވޯލްޑް ކަޕް ބާއްވާ ތިން ގައުމު ވެސް މި ވަނީ ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އެއީ، ފުރަތަަމަ ދެ މެޗުގެ ނަތީޖާ އިން އަނެއް ދެ ހޯސްޓުން ކަމަށްވާ އެމެރިކާ އާއި މެކްސިކޯ އިން ވަނީ ގަދަ 32 ޓީމު ކުޅޭ ބުރުން ޖާގަ ހޯދައިފަ އެވެ. މިއީ، ވޯލްޑް ކަޕްގެ ތާރީހުގައި ކެނަޑާ އިން މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ. 
ގްރޫޕް ބީގައި ކުޅުނު އަނެއް މެޗުން ބޮސްނިއާ އިން ވަނީ ގަތަރު 3-1 އިން ބަލިކޮށްފަ އެވެ.
ގްރޫޕް ބީގެ ހުރިހާ މެޗެއް ނިމުނުއިރު، އެއް ވަަނައިގައި ސްވިޒަލެންޑް އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކެނަޑާ އާއި ތިން ވަނަ އަށް ދިޔަ ބޮސްނިއާ އަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ކެނަޑާ އަށް ދެ ވަނަ ލިބުނީ، ހެޑް ޓު ހެޑަށް ބަލާއިރު ލަނޑުގެ ތަަފާތުންނެވެ. ތިން ވަނައިގައި ނިންމި ބޮސްނިއާ އަށް ވެސް އަނެއް ބުރުގެ ފުރުސަތު އެބައޮތެވެ. އެއީ، އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.
ގަތަރު މި ވަނީ އެއް ޕޮއިންޓާ އެކު މި ގްރޫޕްގެ ފުލަށް ގޮސް މުބާރާތުން ކަޓައިފަ އެވެ. އަމިއްލަ ގައުމުގައި މީގެ ހަތަރު އަހަރު ކުރިން ގަތަރުން ހޯސްޓްކުރި ވޯލްޑް ކަޕްގައި ވެސް ގްރޫޕް ސްޓޭޖުން ކެޓި އެެވެ. އެކަމަކު، މި ފަހަރު އެ ޓީމުން ވަނީ ސްވިޒަލެންޑާ އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފަ އެވެ. 
ސްވިޒަލެންޑުން އިން މިރޭގެ މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ ފޯވާޑް ބްރީލް އެމްބޯލޯ ފޮނުވާލި ހަމަލާއެއް ކެނަޑާގެ ކީޕަރު، މެކްސިމް ކްރިޕެއޫ ވަނީ މަތަކޮށްފަ އެވެ. އަދި، ރީބައުންސުން އައި ބޯޅަ ޖޯހަން މަންޒަމްބީ ފޮނުވާލި ނަމަވެސް ވަނީ ބްލޮކްވެފަ އެވެ. ފުރަތަމަ ހާފު ކުރިއަށްދިޔަ ވަރަކަށް ކެނަޑާ އިން ކުޅުން ރަނގަޅު ކުރަމުންދިޔައިރު، އެ ޓީމުގެ ކުރިއަށް ކުޅުނު ޖޮނަތަން ޑޭވިޑް އާއި ކައިލް ލަރީން އަށް ލިބުނު ބޯޅަތަކުގައި ސްވިޒަލެންޑުގެ ކީޕަރު ގްރެގަރީ ކޯބެލް އަށް ނުރައްކާ ކުރެވޭ ގޮތެއްނުވި އެެވެ. 
މެޗުގައި ސްވިޒަލެންޑުން ލީޑުނެގީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 39 ސިކުންތު ތެރޭގަ އެވެ. އެ ގޮތުން، ކުޅުން ފެށި ގޮތަށް އަރިމަތިން ލިބުނު ބޯޅައަކުން މަންޒަމްބީ ނެގި ހުރަހަކަށް ހުސްކޮށް އަރައި ރުބެން ވާގަސް ވަނީ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ސްވިޒަލެންޑަށް ލީޑުނަގައިދީފަ އެވެ. 
ދެ ވަނަ ހާފުގެ 11 ވަނަ މިނިޓްގައި ސްވިޒަލެންޑުން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، އެމްބޯލޯ ތަނަވަސްކޮށްދިން ފުރުސަތަކުން މަންޒަމްބީ ޖެހި ގޯލެކެވެ. މަންޒަމްބީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ކްރިޕެއޫ އަތުގައި ޖެހިފަ އެވެ. 
ކެނަޑާ އިން ކުރިއަށް ޖެހިގެން ކުޅެ، ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ އެވެ. އެ ގޮތުން، އެ ޓީމުގެ ޑޭވިޑް ފޮނުވާލި ރަނގަޅު ހަމަލާއެއް ސްވިޒަލެންޑުގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. ކެނަޑާ އިން ލަނޑެއް ޖެހޭގޮތެއްވީ ހައިޑްރޭޝަން ބްރޭކަށް ފަހު ކުޅެން އެރި ގޮތަށެވެ. އެ ގޮތުން، ބަދަލެއްގެ ގޮތުގައި ކުޅެން އެރި ޕްރޮމިސް ޑޭވިޑް ވަނީ މެޗުގެ 76 ވަނަ މިނިޓްގައި ނޭތަން ޑައިލަން ސަލީބާ ނެގި ހުރަހަކުން ގޯލަަށް ބޯޅަ ފޮނުވާލައިފަ އެވެ. 
ގްރޫޕްގެ އަނެއް މެޗުގައި، ބޮސްނިއާ އިން ވަނީ  ރަނގަޅު ފެށުމަކަށް ފަހު ދެ ގޯލުގެ ލީޑެއް ގަތަރު ކައިރިން ނަގައިފަ އެވެ. އެ ގޮތުން، މެޗުގެ 29 ވަނަ މިނިޓްގައި ބޮސްނިއާ އަށް ލީޑުނަގައިދިން ލަނޑު ޖެހީ 18 އަހަރުގެ ކެރިމް އަލަޖްބެގޮވިޗް އެވެ. މިއީ، މި ފަަހަރުގެ ވޯލްޑް ކަޕްގައި އޭނާގެ ދެ ވަނަ ގޯލެވެ. ލީޑުނެގިތާ ތިން. މިނިޓް ފަހުން، ބޮސްނިއާ އިން ދެ ވަނަ ލަނޑު ޖެހި އެވެ.
މެޗުގެ، 32 ވަނަ މިނިޓްގައި ބޮސްނިއާ އިން ޖެހި ދެ ވަަނަ ލަނޑަކީ އެ ޓީމުގެ އެޓޭކް ހުއްޓުވަން އުޅުމުގެ ތެރޭގައި ގަތަރުގެ ސުލްޓާން އަލް ބްރޭކް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 
ފުރަތަމަ ހާފު ނިމުމުގެ ކުރިން، ގަތަރުގެ ކެޕްޓަން، ހަސަން އަލް ހައިޑޯސް ވަނީ އެ ޓީމުގެ އެޑްމިލްސަން ޖޫނިއާ ދިން ބޯޅައަަކުން ގޯލެއް ޖަހައި، ލީޑުގެ ފަރަގު ކުޑަކޮށްފަ އެވެ. ދެ ވަނަ ހާފުގައި ކުޅެން އަރައި ގަތަރުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ އަކްރަމް އަފީފް އަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. 
ބޮސްނިއާ އިން ތިން ޕޮއިންޓް ޔަގީންކުރި ލަނޑު ޖެހީ މެޗުގެ 80 ވަނަ މިނިޓްގަ އެވެ. މިއީ، ލިބުނު ފުރުސަތެއްގައި އާމިން މަމިޗް ޖެހި ގޯލެކެވެ. މި މޮޅާ އެކު، އެންމެ ރަނގަޅު ނަތީޖާ ހޯދި ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ބޮސްނިއާ އަށް ނޮކައުޓް ބުރުން ފުރުސަތު ލިބުމުގެ ޖާގަ އެބައޮތެވެ. އެ ޓީމަށް ނޮކައުޓުން ފުރުސަތު ލިބިއްޖެނަމަ، މި ވެގެންދާނީ ވޯލްޑް ކަޕްގެ ނޮކައުޓްގައި ބޮސްނިއާ ފެންނާނެ ފުރަތަމަ ފަހަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ