ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް 4-0 އިން ބަލިކޮށް ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫން ކޮލިފިކޭޝަން ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުން އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނެ ހަތަރު ޓީމެއް ވަނީ ކަނޑައެޅިފަ އެެވެ. އެ ގޮތުން، އެއް ވަަނަައިގައި އޮތް މާލެ ރީޖަން ލީގުގެ ޗެމްޕިއަން، ބިސް ބުރު ސްޕޯޓްސް އަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބުުނުއިރު، ޓީސީން ފަސް މެޗު ހަމަކުރިއިރު، ލިބުނީ 10 ޕޮއިންޓެވެ. ބިސް ބުރާއި ޓީސީގެ އިތުރުން އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ދެން ވާދަކުރާނީ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދޫ އާއި ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގައްދޫ އެވެ.
ގްރީން ސްޓްރީޓްސް އަތުން ހޯދި މޮޅާ އެކު، ގައްދޫ ތިން ވަަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދިއްދޫން ކޮލިފިކޭޝަން ފަހު މެޗުގައި މާދަމާ ބިސް ބުރު ބަލިކޮށްފިނަމަ އަލުން ތިން ވަނަ އަށް އެރޭނެ އެވެ. މި ވަގުތު ގައްދޫގެ އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުުޅުނު މެޗުގައި، ގައްދޫން ވަނީ ކޮންމެ ހާފެއްގައި ގްރިން ސްޓްރީޓްސް ކޮޅަށް ދެ ލަނޑު ޖަހައިފަ އެވެ. އެ ގޮތުން، ގައްދޫން ލީޑުނެގީ، 42 ވަނަ މިނިޓްގައި ވަަހީބް ތަހުރާ ޖެހި ގޯލުންނެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، އަހުމަދު ރިފްޝާން ވަނީ ލަނޑު ޖަހައި ގައްދޫގެ ލީޑުފުޅާކޮށްދީފަ އެވެ.
ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން، ފަސް މިނިޓް ތެރޭ ވަހީބް ތަހުރާ ވަނީ ގައްދޫގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، ގައްދޫގެ ފަހު ލަނޑު ޖެހީ އަލީ މުހައްމަދު އެވެ.
ކޮލިފިކޭޝަނުގެ ފުލުން ނިންމައި، އަންނަ ސީޒަނުގެ ރިޖަނަލް ލީގުގައި ވާދަކުރަން ޖެހުނު، ސެންޓްރަލް ލީގުގެ ޗެމްޕިއަން، ކ. ހުރާ އާއި ދިވެހި ޕްރިމިއާ ލީގުގެ އަށް ވަނައިގައި ނިންމި ގްރީން ސްޓްރީޓްސް މި ވަނީ ފަހު މެޗުތަކުން ބަލިވެފަ އެވެ. ދެ ޓީމަށް ވެސް ކޮލިފިކޭޝަނުގައި މޮޅެއް ނުލިބެ އެވެ. ގްރީން ސްޓްރީޓްސް އަށް ދެ ޕޮއިންޓް ލިބުނުއިރު، ހުރާ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.
ކޮލިފިކޭޝަން ފަހު މެޗުގައި މާދަމާރޭ ބިސް ބުރާއި ދިއްދޫން ވާދަކުރާނެ އެވެ. މެޗު ފަށާނީ 21:00 ގަ އެވެ.
ގްރީން ސްޓްރީޓްސް ބަލިކޮށް ގައްދޫން ކޮލިފިކޭޝަން ތިން ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ