"ޚާރިޖިއްޔާގެ އަންހެން މުވައްޒަފުން ކުރައްވަނީ ގައުމަށް ނުހަނު މުހިންމު މަސައްކަތްތަކެއް"

ރާއްޖޭގެ ޚާރިޖިއްޔާގައި މަސައްކަތްކުރައްވާ އަންހެނުން ކުރައްވަނީ، ގައުމަށް ބޭނުންތެރި، ވަރަށް މުހިންމު މަސައްކަތްތަކެއްކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ޑޭއޮފް ވިމެން އިން ޑިޕްލޮމަސީގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖުގައެވެ.
ދިވެހިރާއްޖެއިން އިސްނަގައިގެން އދ އަށް ހުށަހަޅާފައިވާ ގަރާރު ފާސްވެ 2022ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޖޫންމަހުގެ 24ވަނަ ދުވަސް ފާހަގަކުރަނީ އިންޓަނޭޝަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމަސީގެ ދުވަހުގެ ގޮތުގައެވެ.
މި ދުވަސް ފާހަގަކުރަނީ، ބައިނަލްއަޤްވާމީ އެކި މަޝްރަހުތަކުގައި އަންހެނުން ކުރާ މަސައްކަތްތައް ފާހަގަކޮށް، އެގައުމުތައް ތަމްސީލުކޮށް، ގައުމުތަކަށް މުހިންމުވާ ކަންތައްތަކުގައި ވަކާލާތުކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރާއިރު، ރާއްޖޭގެ ޚާރިޖިއްޔާގައި ތިއްބަވާ އަންހެނުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބައިވައިގެން ރާއްޖެ ތަމްސީލުކުރައްވާ އަންހެނުންނަކީ، ގައުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާ ބައެއްކަމަށެވެ.
އެގޮތުން ދިވެހި ރައްޔިތުންނަށް މުހިންމުވާ އެކި ކަންތައްތަކުގައި ވަކާލާތުކޮށް، ގައުމަށް ރީތި ނަން ހޯދައިދީ، ރާއްޖޭގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ވަކާލާތުކޮށް، ރާއްޖޭގެ ކުރިއެރުމަށް އަންހެނުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގެ ޚާރިޖިއްޔާގައި މަސައްކަތްކުރައްވާ އަންހެނުންގެ ކުރިއެރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ވަޒީރު ވަނީ، ކުރިއަށްއޮތްތަނުގައިވެސް ގުޅުންތައް އިތުރަށް ބަދަހިކޮށް، ރާއްޖެއަށް ރީތި ނަން ހޯދައިދެއްވުމަށް ގޮވާލައްވާފައެވެ.
ވަޒީރުގެ މެސެޖު ނިންމަވާލެއްވީ، މިވަގުތު ރާއްޖޭގެ ޚާރިޖިއްޔާގައި މަސައްކަތްކުރައްވާ އަންހެނުންނަށް ދެއްވާ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދުއަށް ޝުކުރު އަދާކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ