މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަޥާއިދުގެ ޑްރާފް ތައްޔާރުކުރަމުންދާކަމަށް އިންފޮރމޭޝަން ކޮމިޝަނަރ އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެއެވެ.
މަގާމާއި ހަވާލްވެވަޑައިގަތުމަށްފަހް ވީ ނިއުސްއަށް މައުލޫމާތު ދެއްވަމުން އަޒީ ވިދާޅުވީ މިހާރު އެ މަސައްކަތް ފަށާފައިވާކަމަށާ ޤަވާއިދު ހެދުމުގެ މަސައްކަތް ކުރަމުން ގެންދަނީ ބަންޑާރަ ނާއިބްގެ ލަފާފުޅާއި އެކުގައިކަމަށެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހަ ގަވާއިދެއް ތިން މަސް ދުވަހުގެ ތެރޭގައި ހެދުމަށްފަހު ގެޒެޓްކުރަންޖެހޭނެކަމަށް ބުނެފައިވާތީ އެކަމާއި ގުޅޭގޮތުން އަޒީ ވިދާޅުވީ އަންނަ ހަފްތާގައި އޮފީސްތައް ހުޅުވުމުން ވީހާވެސް އަވަހަށް ޤަވާއިދުގެ މަސައްކަތް ނިންމާ މުއްދަތުގެ މާކުރިން ގެޒެޓްކުރައްވާނެކަމަށެވެ.
އަދި މިފަދަ ޤަވާއިދެއް ހަދާއިރު ބްރޯޑްކާސްޓަރުންނާއި ހުރިހާ މީޑިޔާތަކާއި، އަދި މުއައްސަސާތަކުގެ މީޑިޔާ އޮފިސަރުންނާއި އާންމުންގެ ޚިޔާލްވެސް ވަރަށް ފުޅާ ދާއިރާއެއްގައި ހޯދުމަށް ވިސްނާފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
އަޒީ ވިދާޅުވީ މިވަގުތަށް ބައެއް ގޮންޖެހުންތައް އެބަހުރިކަމަށާ ފުރަތަމަ ކޮންމެ ކަމެއްވެސް ފަށާއިރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށެވެ. އެގޮތުން އެންމެ ބޮޑު ގޮން ޖެހުމަކީ މުވައްޒަފުން ހަމަޖެހިފައިނެތުމާއި ބަޖެޓެއް ދަތިކަންކަމަށާ ނަމަވެސް ފިނޭސް މިނިސްޓްރީ ވަރަށް އަވަހަށް އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ އިޝާރާތެއް ކުރައްވާފައިވާކަމަށް އަޒީ ވިދާޅުވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ލ. މާވަށު، މާޒީ، އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރު އައްޔަންކުރައްވާފައިވަނީ މިމަހުގެ ބާވީސްވަނަ ދުވަހުއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރަން ފެށީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަހުސެއް ކަމަށް މި ގާނޫނުގެ 43 ވަނަ މާއްދާގައި ބުނެފައިވެއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫންގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ