ކޮންމެ ގެއެއްގެ ކަރަންޓު ބިލުގެ 30 ޕަސެންޓް ހަރަދު ވަނީ ދިއްލުމަށް: ސްޓެލްކޯ

ކޮންމެ ގެއެއްގެ ކަރަންޓު ބިލުގެ 30 ޕަސަންޓަކީ ދިއްލުމަށް ހިނގާ ހަރަދު ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ]ސްޓެލްކޯ[ އިން ބުނެފި އެވެ.
"ސައުތު އޭޝިއާ ލައިޓިން ޓްރާންސްފޮމޭޝަން ފޯރަމް" ]އެސްއޭއެލްޓީއެފް[ގައި މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި އިއްޔެ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖަރު މާލިއާ ކުރިކު ރިޒާ ވިދާޅުވީ އާންމުކޮށް ބޭނުންކުރާ ބޮކީގެ ބަދަލުގައި "ލައިޓް އެމިޓިން ޑީއޮޑްސް" ]އެލްއީޑީ[ ބޮކި ބޭނުންކުރާ ނަމަ ކޮންމެ ގެއެއްގެ ވެސް ކަރަންޓުގެ ހަރަދު އެތައް ތަނެއް ކުޑަވެގެން ދާނޭ ކަމަށެވެ. އަދި އެފަދަ ބޮކި ބޭނުން ކުރުމުގެ ފައިދާ އާންމުންގެ އިތުރުން ކަރަންޓު ހިދުމަތްދޭ ފަރާތްތަކަށް ވެސް ލިބިގެންދާނެ ކަމަށް މާލިއާ ވިދާޅުވި އެވެ.
"އެލްއީޑީސް ބޭނުން ކުރުމުން އެންމެ ބޮޑު ފައިދާއެއް ވާނީ އާންމުންނަށް. އެއީ އެމީހުންގެ ކަރަންޓް ބިލުން އެތައް ތަނެއް ކުޑަވެގެން ދިއުން. ނަމަވެސް ކަރަންޓު ހިދުމަތްދޭ ފަރާތަކަށް ވެސް ފަސޭހަތަކެއް ވެގެންދާނެ. މިސާލަކަށް ކަރަންޓު ދިނުމަށް ބޭނުންކުރަން ޖެހޭ ތެލުގެ ހަރަދު އެތައް ތަނެއް ކުޑަވެގެންދާނެ. ރާއްޖޭގައި ވެސް ކޮންމެވެސް ވަރަކަށް މި ބާވަތުގެ ބޮކި މިހާރު ހުރޭ." މާލިއާ ވިދާޅުވި އެވެ.
އިއްޔެ ފެށުނު ފޯރަމުގައި އެންމެ އިސްކަމެއް ދީގެން މައުލޫމާތު ދޭނީ ވެސް ރަނގަޅު ފެންވަރުގެ އެލްއީޑީ ބޮކި ގަންނާނެ ގޮތްތަކާއި އެފަދަ ބޮކިތައް ދެނެގަންނާނެ ގޮތްތައް ދަސްކޮށް ދިނުމަށް ކަމަށް ވެސް މާލިއާ ވިދާޅުވި އެވެ.
އެ ފޯރަމުގައި ސައުތު އޭޝިއާގެ ގައުމުތަކުގައި ދިއްލުމުގެ ހަކަތަ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރާނެ ގޮތެއް އެކުލަވާލުމަށް މަގު ޗާޓެއް ވެސް އެކުލަވާލުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަގުޗާޓަގައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ވޯލްޑުބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ]އޭޑީބީ[ ފަދަ ބޭންކުތަކުން ވެސް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖަރު ވިދަޅުވި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ފޯރަމް ކުރިއަށްދަނީ ސްޓެލްކޯ އިން އެކަމަށް އެދި މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ފޯރަމްތައް ރާއްޖޭގައި ބާއްވަމުންދާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ފޯރަމުގައި ރާއްޖެ އިން ބޭރުގެ 76 ފަރާތަކުންނާއި ރާއްޖޭގެ 20 ފަރާތަކުން ބައިވެރިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ