ސުޕްރީމް ކޯޓުން އިންތިހާބީ ނިޒާމު ގަނޑުބަޑުކުރަން މަސައްކަތްކުރާ ކަމަށް އެމްޑީޕީން ބުނެފި

ރާއްޖޭގެ ސުޕްރީމް ކޯޓުން ޑިމޮކްރެޓިކް ނިޒާމާއި އިންތިހާބީ ނިޒާމް މުޅިން ގަނޑުބަޑުކޮށް ރައްޔިތުން އެނިޒާމަށް ކުރާ އިތުބާރު ގެއްލުވާލުމަށް މަސައްކަތްކުރާ ކަމަށް ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ.
އެމްޑީޕީން މިހެން ބުނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން އެ ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް އަމިއްލައަށް ދައުވާކޮށް، އެ ކޯޓަށް ހާޒިރުވުމަށް އަމިއްލައަށް އަމުރުކޮށް އެކޯޓުގެ ފަނޑިޔާރުން އަމިއްލައަށް ޝަރީއަތްކުރަމުން ގެންދާ ގެންދިއުމާއި ގުޅިގެން އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި އެވެ.
އެމްޑީޕީގެ ނޫސް ބަޔާނުގައި ވަނީ ކޯޓަށް ހާޒިރުވުމަށް އަމިއްލައަށް އަމުރުކޮށް އެކޯޓުގެ ފަނޑިޔާރުން އަމިއްލައަށް ޝަރީއަތްކުރަމުން ގެންދާ ގެންދިއުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށާއި އެފަދަ ގޮނޑިކޮއްކޮ ޝަރީއަތްތައް ހިންގަނީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި އިންތިހާބީ ނިޒާމް މުޅިން ގަނޑުބަޑުކޮށް ރައްޔިތުން އެނިޒާމަށް ކުރާ އިތުބާރު ގެއްލުވާލުމަށްކަމަށެވެ.
ގާނޫނު އަސާސީން ބާރުލިބިގެން އުފައްދާފައިވާ މިނިވަން މުސްތަގިއްލު އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ބާރުވެރިކަމުގެ ތެރެއަށް ސްޕްރީމް ކޯޓުން ނާޖާއިޒުގޮތަށް ތަކުރާރުކޮށް އަރައިގަންނަމުންދާ ދިއުމާއި، ގާނޫނު އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުގެ އިހުތިޞާސުން ބޭރުން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ މަސައްކަތަށް ހުރަސްއަޅައި، ގާނޫނު އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުން ގަވާއިދުތައް ހަދައި، އަދި މިހާރު އިލެކްޝަންސް ކޮމިޝަނަށް ބިރުދައްކައި އެ ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ސްޕްރީމް ކޯޓުން ދައުވާތައް އުފުލަމުންދާދިއުމާމެދު އިންތިހާއަށް ކަންބޮޑުވާތީ ސްޕްރީމް ކޯޓުގެ އަމަލުތައް އެންމެ ހަރުއަޑުން ކުށްވެރި ކުރާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އިންސާފްވެރި އިންތިހާބެއް ބޭއްވުމަކީ ދިވެހިރާއްޖޭގެ ހަމަޖެހުމަށް މިވަގުތުގައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި މިނިވަން މުވައްސަސާތަކަށް ގާނޫނު އަސާސީން މަތިކޮށްފައިވާ މިފަދަ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މާހައުލެއް ދައުލަތުން ކަށަވަރުކޮށްދޭންޖެހޭ ކަމަށް ވެސް މި ބަޔާނުގައިވެ އެވެ.
އެހެންނަމަވެސް އެމްޑީޕީން ބުނީ އެފަދަ މާހައުލެއް ފަހިކޮށްނުދީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ދައުލަތުގެ ބާރުތަކުން ހުރަސް އަޅަމުން ގެންދާކަމީ ދިވެހިންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ