މުޅި ކައުނު ނިމުމަކަށް އަންނާނެ ވަގުތެއް އެއްވެސް އިންސާނަކަށް ނޭނގޭނެ: މައުމޫން

އަޅުގަނޑުމެން ދިރިއުޅެމުން މިދާ ބިމާއި އަދި މުޅި ކައުނު ނިމުމަކަށް އަންނާނެ ވަގުތެއް އެއްވެސް އިންސާނަކަށް ނޭނގޭނެ  ކަމަށް މައުމޫން ފައުންޑޭޝަނުގެ ޗެއަރމަން، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް މައުމޫން ފައުންޑޭޝަންގެ ފަރާތުން އިސްލާމީ މަރުކަޒުގައި ބޭއްވި ތިންވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ކަމަށާއި އެކަން ދެނެވޮޑިގެންވާނީ ހަމައެކަނި މާތް ﷲ އަށް ކަމަށާއި ދުނިޔެ ޤިޔާމަތްވާނެ ވަގުތަކީ ހަމައެކަނި ﷲ ދެނެވޮޑިގެންވާ ސިއްރެއް ކަމުގައި ކީރިތި ޤުރްއާނުގައި ވަރަށް ޞަރީޙަކޮށް ބަޔާންކުރައްވާފައިވާ ކަމަށެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުންވެސް މިކަން ޘާބިތުވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ދީނީ ނަޒަރަކުން ބަލާއިރު، މިކަން މިހެން އޮތްނަމަވެސް ދުނިޔެ ނިމިގެންދާނެ ގޮތާ ބެހޭގޮތުން ސައެންޓިސްޓުން ދިރާސާތަކެއް ކުރަމުން ގެންދާ ކަމަށާއި އެމީހުން ބުނާގޮތުގައި އިންސާނުންނާއި އެހެނިހެން ދިރުން ހުރި ތަކެތި ދިރިދެމި ތިބުމަށް ބޭނުންވާ ހުރިހާ ކަމެއް ބިމުގައި ހަމަޖެހިފައިވަނީ އިރުން ލިބޭ އަލިކަމާއި ހޫނުކަމާއި ހަކަތައިގެ ސަބަބުން ކަމަށްވެފައި ކުރިޔަށް އޮތް 3.5 ބިލިޔަން އަހަރު ދުވަހުގެ ތެރޭގައި އެކަންތައްތައް އެގޮތުގެ މަތީގައި ހުންނާނެކަމަށް ދިރާސާތަކުން ދައްކާތީ އެހާދުވަސްވަންދެން އިންސާނުންނާއި ދިރުންހުރި އެހެން ތަކެތި މިބިމުގައި ދިރިއުޅެމުންދާނެ ކަމަށެވެ.
އަދި ސައެންޓިސްޓުން ބުނާގޮތުގައި އެބައިމީހުންގެ ދިރާސާތަކުން މިކަން މިގޮތަށް ދެއްކިނަމަވެސް، އޭގެކުރިންވެސް ބިން ހަލާކުވެ ފަނާވެދާފަދަ ކަމެއް ދިމާވުމަކީ އެކަށީގެންވާކަމެއް ކަމަށާއި އެއީ އެސްޓެރޮއިޑެއް ނުވަތަ ބޮޑު މީޓިއޮރައިޓެއް ވަރަށް ބާރު ދުވެލީގައި އައިސް ޖެހުން ފަދަ ކަމެއް ވުމާއި ނުވަތަ ދުނިޔޭގައި ނިއުކްލިއަރ ހަނގުރާމައެއް ހިނގުމުގެ ސަބަބުން ބިން ހަލާކުވެ ފުނޑުފުނޑުވެގެން ދިޔުން އެކަށީގެންވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ މާތް ﷲ އިރާދަކުރެއްވި ވަގުތަކު ޤިޔާމަތް ވާނީ ހަމަ ކުއްލިއަކަށް ކަމުގައި ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ކަމަށާއި އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އިސްލާމްދީނުގެ ތެދުމަގުގައި އަބަދުވެސް ސާބިތުވެތިބެ މާތް ﷲ އަންގަވާފައިވާ ގޮތުގެ މަތިން ދިރިއުޅެމުން ގެންދިޔުން ކަމަށެވެ.
މައުމޫން ފައުންޑޭޝަނުގެ ފަރާތުން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރެއްވުމުގެ ގޮތުން މިއަހަރު ބާއްވާ ޖަލްސާތަކުގެ ތެރެއިން ހަތަރުވަނަ ޖަލްސާ އޮންނާނީ މި ޖޫން މަހުގެ 29 ވާ ބުދަ ދުވަހުގެ ރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ