ޕީޕީއެމްގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ބާއްވަނީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އެޕާޓީގެ ކޮންގްރެސްގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލުކޮށްފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު މެންދުރުފަހު 12:45 ގައި ތާވަލް ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޕިޕީއެމުން ބޭއްވި ކޮންގްރެސް ބަލައިގަންނަން ހައިކޯޓުން ކުރި ހުކުމް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުމެކެވެ.
ޕީޕީއެމުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުއްލި ގޮތަކަށް އެޕާޓީގެ ކޮންގްރެސް ބާއްވާ ޕާޓީގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިޚާބުކޮށް، ޕާޓީގެ ކައުންސިލަށާއި އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބުކޮށްފަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ނިންމުންތައް ބަލައިނުގަތުމަށް ނިންމާފަ އެވެ.
ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ވިދާޅުވީ ޕީޕީއެމް ކޮންގްރެސްގައި އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ބައިވެރިވި ކަމަށެވެ. އެގޮތުން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްޑީއޭގެ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުން ވެސް ޕީޕީއެމް ކޮންގްރެސްގައި ބައިވެރިވި ކަމަށެވެ.
މިފަދަ ކަންތައްތަކެއް ޕީޕީއެމް ކޮންގްރެސްގައި ހިނގާފައި ވުމުން ކޮންގްރެސް ބާއްވާފައިވަނީ ގާނޫނާ ޚިލާފަށްކަން އެގޭ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ވަނީ ކޮންގްރެސް ބަލައިނުގަތުމަށް ނިންމި ނިންމުން ރަގަޅު ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ