ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތް މިއަދު ހަވީރު

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް މިއަދު ހަވީރު  ކުރިއަށްގެންދަން ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
ހަވީރު 4:00 ގައި ޖުމްހޫރިީ މައިދާނުގައި މި ހަރަކާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު މިމަހުގެ 4 އަދި 5 ވަނަ ދުވަހު ހުޅުމާލެއާއި ވިލިމާލޭގައި ވެސް މި ހަރަކާތް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ހުޅުމަލޭ އަދި ވިލިމާލޭގައި މިހަރަކާތް ހަވީރު 5:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު މި ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު އާއްމުންނަށް ވަނީ ހުޅުވާލާފައެވެ.
އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭއަކީ އަސްކަރީ ސިފަވަންތަކަމާއި، ސަފުތަކުގެ ބަދަހިކަމާއި އެކުގައި މަސައްކަތްކުރުމުގެ ރޫހު ދައްކުވައިދޭ ހެވިކަމެކެވެ. މިކަމުގައި ކޮމާންޑު ދިނުން ނުހިމެނޭ އިރު، ގެމައިގެ ހުރިހާ ހަރަކާތެއްވެސް ކުރިޔަށް ދަނީ ވަކި ސީކުއެންސެއްގެ ގޮތުގައެވެ.
މި ހަރަކާތްތަކުގެ އިތުރުންވެސް މި ދުވަހުގެ މުނާޞަބަތުގައި ސިފައިންގެ 22 ވަނަ ފޮޓޯ މައުރަޒް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ނަޞްރުގެ ދުވަހު ބާއްވާއިރު ހަރަކާތް ކުރިއަށްދާނީ އދ. މަހިބަދޫގައެވެ.
މި ފޮޓޯ މަޢުރަޒުގައި، 1988 ނޮވެމްބަރު 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާއާ ގުޅުންހުރި ފޮޓޯތަކާއި، ޤުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީޚާއި، ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސިފައިން ކުރި މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، ސިފައިންގެ ޚިދުމަތްތަކާ ގުޅުންހުރި ގިނަ ފޮޓޯތަކެއް ދައްކާލުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި ފޮޓޯ މަޢުރަޒު ހުޅުވާފައި ހުންނާނީ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ