މައުމޫން ޕީޕީއެމް އަތުލުމަކީ ޑިމޮކްރަސީއަށް ހުރަސް އެޅުން – މުންދު

ރައީސް މައުމޫނާއި، އެމަނިކުފާނުގެ ބައިވެރިން "ޕީޕީއެމްގެ ނަން ވަގަށް ނެގުމަކީ" ޑިމޮކްރަސީ އަށް ހުރަސް އެޅުން ކަމަށް ދިވެހިރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މިހެން ވިދާޅުވީ މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުންދު ވިދާޅުވީ ޕީޕީއެމްގެ އައިޑެންޓިޓީ ނިގުޅައިގަންނަން ކުރިން ޕާޓީ އިން ވަކިވި ބޭފުޅުންކޮޅެއް މަސައްކަތް އެބަކުރައްވާ ކަމަށާއި އެއީ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ރާއްޖެ އިން ނައްތާލުމަށް ކުރައްވާ މަސައްކަތްޕުޅެއް ކަމަށެވެ.
"ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ. މައިނޯރިޓީގެ އަޑު އުފުލާނެ ބަޔަކު ވެސް ތިބެން ޖެހޭ. ސަރުކާރެއް ޒިންމާދާރު ކުރުވަން އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ. މިއީ ޑިމޮކްރަސީގެ އަސާސްތައް. މިއަސާސްތައް ނައްތާލެވިގެން ދިއުމަކީ ޑިމޮކްރަސީ އަށް ހުރަސް އެޅުން." މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ޕީޕީއެމް އިން ވެރިކަން ދޫކޮށްލާއިރު އިދިކޮޅު ޕާޓީތަކެއް ނޯންނާނެ ކަމަށާއި 17 ނޮވެމްބަރ ގެ ފަހުން އޮންނާނީ އިދިކޮޅު އެންމެ ޕާޓީއެއް ކަމަށެވެ. އެހެންކަމުން އިދިކޮޅު ޕާޓީއަށް އެޕާޓީގެ ދައުރު އަދާކުރަން ފުރުސަތު ދެއްވަން ޖެހޭ ކަމަށް މުންދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މަސައްކަތައް ހުރަސް އަޅަން ކުރާ މަސައްކަތަކީ ޑިމޮކްރަސީ އާއި ދެކޮޅަށް ކުރައްވާ މަސައްކަތެއް. މިޕާޓީގެ އައިޑެންޓިޓީ ވަގަށް ނަގައިފިނަމަ މިރާއްޖޭގައި އޮޕޮޒިޝަނެއް ނޯންނާނެ." މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ހުޅަނގުގެ ޑިމޮކްރަސީގެ އަސާސްތަކަކަށް ވަކާލާތު ކުރާ ސަރުކާރެއް އަންނައިރު އޮޕޮޒިޝަނަށް ހުރަސް އެޅުމަކީ ޑިމޮކްރަސީ އަށް ހުރަސް އެޅުން ކަމަށް ސަރުކާރުން ވެސް ގަބޫލު ކުރައްވަން ވާނެ ކަމަށެވެ.
ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން މިދިޔަ ހަފުތާގައި ބޭއްވި ކޮންގްރެސްއާ ގުޅޭ ކަންބޮޑުވުންތަައް، ފާހަގަކޮށް މައުމޫން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފަށް ސިޓީއެއް ފޮނުއްވާފައެވެ.
ޝަރީފަށް ފޮނުއްވި ސިޓީގައި މައުމޫން ވިދާޅުވީ ޕީޕީއެމުން ކޮންގްރެސް ބާއްވާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ. އެހެންވެ އެ ކޮންގްރެސް އަކީ އަސާސީ ގަވާއިދާއި ޕާޓީގެ އިންތިޚާބުތަކާ ބެހޭ ގަވާއިދުތަކާ ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށް މައުމޫން ވިދާޅުވި އެވެ. މީޑިއާ ނުވައްދައި، ދަރުބާރުގޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ޕާޓީގެ ކޮންގްރެސްގައި ވަނީ ޕީޕީއެމްގެ އިސް މަގާމުތަކަށް މެމްބަރުން އައްޔަންކޮށްފަ އެވެ. އެގޮތުން ޕީޕީއެމްގެ އާ ރައީސަކަށް، އެ ޕާޓީގެ މުސްތަޝާރުގެ މަގާމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ވަނީ އިންތިޚާބުކޮށްފަ އެވެ. އޭގެ އިތުރުން ޕާޓީއަށް ހަތަރު ނައިބު ލީޑަރުން ވެސް އިންތިޚާބުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ