ސުނާމީ ކާރިސާއާ ގުޅިގެން ރައްޔިތުން ނަގާފައިވާ ލޯނުތައް މާފުކޮށްދޭނަން: އިބޫ

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި 2004 ވަނަ އަހަރު ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާއާ ގުޅިގެން ބައެއް ރައްޔިތުންނަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ނެގި ލޯނުތައް މައާފުކޮށްދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
މިމަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އއ. އަތޮޅަށާއި އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އއ. މަތިވެރިއަށް ވަޑައިގަތް ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ، ސުނާމީ ކާރިސާއާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ނެގި ލޯނުތައް ނުދެއްކި އެތައް ދުވަހެއްވުމުން އިންޓުރެސްޓް ބޮޑުވެ، އެ ލޯނުތައް ދެއްކުމުގެ ކުޅަދާނަކަން ނެތް ބައެއް ރައްޔިތުން އެބަ ތިބި ކަމަށެވެ.
"އެ ލޯން ނުދެއްކި އެތައް ދުވަހެއްވެ، އިންޓަރެސްޓް މައްޗަށް އިންޓަރެސްޓް އަރާ ބައެއް ފަރާތްތައް ތިބީ އޭތި ނުދެއްކޭ ހިސާބުގަ. މިއަދު އަޅުގަނޑުމެން މި ނިންމަނީ އަޅުގަނޑުމެންގެ ވެރިކަމުގައި އެ ދޫކުރެވިފައިހުރި ހުރިހާ ލޯނުތަކެއް މައާފުކޮށްދޭނެ ވާހަކަ،" އިބޫ ވިދާޅުވިއެވެ.
ސުނާމީ ކާރިސާއާ ގުޅިގެން އެކި ރަށްރަށަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބައެއް އަތޮޅު ކައުންސިލްތަކުން ވެސް ރައްޔިތުންނަށް ލުއި ލޯނު ދޫކޮށްފައިވެއެވެ. އަދި 2016 ވަނަ އަހަރުގެ ތެރޭގައި ކާރިސާތަކުގައި ގެއްލުންވާ ފަރާތްތަކަށް އެހީވުމަށް ރާއްޖޭގެ މަރުކަޒީ ބޭންކު، ބީއެމްއެލް އިން ވެސް ހާއްސަ ލޯނެއް ތައާރަފްކުރިއެވެ.
މަތިވެރީގައި އިތުރަށް ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ، ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ސިޔާސީ ފިކުރު އެކަހެރިކޮށް ކޯލިޝަނެއްގެ ގޮތުގައި ރިޔާސީ އިންތިހާބަށް މި ނުކުތީ ރާއްޖެއަށް ބޭނުންވާ އިސްލާހީ މަސައްކަތްތައް ކުރަން މަޖުބޫރު ވެއްޖެކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.
އަދި ރައީސް އަބްދުﷲ ޔާމީން މިއަދު އެ ހުންނެވީ ވައްކަމާއި ސަރުކާރުގެ ފައިސާއަށް ހިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް އަމިއްލަފުޅަށް އިއުތިރާފްވެ، ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ބައެއް ބޭފުޅުންގެ އަސާސީ ހައްގުތައް އިސްވެ ހުންނަވައިގެން މަހުރޫމް ކުރެއްވި ކަމަށް އިއުތިރާފް ވެވަޑައިގެން ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
"ރައީސް ނަޝީދަށް ކުރިމަތިނުލެއްވޭ ގޮތް ހެދުމާއި އޮނަރަބަލް ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވޭ ގޮތް ހެދުމާއި ރައީސް މައުމޫން ބަންދުގައި ބޭންދުމާއި ފާރިޝް މައުމޫން ބަންދުގައި ބޭންދުމާއި މިހެން ގޮސް އެތައްބައަކަށް ލިބެމުންދާ އަނިޔާތަކުގެ ވާހަކަ އެމަނިކުފާނު އެގެންދަވަނީ އަމިއްލައަށް އިއުތިރާފްވެވަޑައިގަތް އެކަމުގެ ޒިންމާ ނަންގަވަމުން. މިއީ އަޅުގަނޑުމެން ނުކުންނަންޖެހުނު ސަބަބަކީ،" އިބޫ ވިދާޅުވިއެވެ.
ދިވެހިން ބޭނުންވަނީ މި ރާއްޖެއިން ވައްކަމާއި ކޮރަޕްޝަން މުޅިން ފޮހެލައި އަމާންކަމާއެކު ހަމަޖެހިލައިގެން މިގައުމުގައި އުޅެންކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ، ގުޅިފައިވާ ހަތަރު ޕާޓީގެ ކުރަމުންދާ މަސައްކަތަކީ އެއީ ކަމަށެވެ.
އަދި ރާއްޖޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކަން ބަދަލުކުރަން ރައްޔިތުން ވެސް ބޭނުންވެފައި ތިބި މަންޒަރު ފެންނަމުންދާތީ އުފާކުރައްވާ ކަމަށާއި ރައްޔިތުންގެ ތާއީދާއެކު ބޮޑުތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ