އަފްޣާނިސްތާން ސަރުކާރާއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތާލިބާން ޖަމާއަތުގެ ވެރިޔާ މުއްލާ މުހަންމަދު އުމަރު، ތާލިބާން ޖަމާއަތުގެ ސިޔާސީ އޮފީހަށް އަންގައިފިއެވެ.
މުއްލާ އުމަރު މިކަމަށް އެންގީ، ފިތުރު ޢީދާއި ގުޅިގެން ނެރުނު މަރްހަބާގެ މެސެޖެއްގައެވެ. މުއްލާ އުމަރު މިގޮތަށް ބަޔާނެއް ނެރެނީ ވަރަށް ނާދިރު ހާލަތެއްގައެވެ.
މުއްލާ އުމަރުގެ ބަޔާނުގައި ތާލިބާން ޖަމާއަތުގެ ސިޔާސީ އޮފީހަށް އަންގާފައިވަނީ، ސަރުކާރާއި އަދި ބޭރުގެ ފަރާތްތަކާއެކު މަޝްވަރާ ކުރަން ޖެހުނަސް އެކަން ކުރިއަށް ގެންދިއުމަށެވެ. "އިސްލާމީ އުސޫލުތަކާއި އިސްލާމީ ތާރީޚަށް ބަލާއިރުވެސް، ދީނުގެ ދުޝްމަނުންނާއި ސުލްހަވެރިކަމާއެކު ބައްދަލު ކުރުމަކަށް ދީން ހުރަހެއް ނާޅާ، އެއީ ހުއްދަ ކަމެއް" މުއްލާ އުމަރުގެ ބަޔާނުގައި ވެއެވެ.
ތާލިބާން ޖަމާއަތުން ބޭނުންވަނީ ސަރުކާރާއި އަދި ބޭރުގެ ބާރުތަކާއެކުވެސް މަޝްވަރާ ކޮށްގެން، އަފްޣާނިސްތާނުގެ ބިމުގައިތިބި ބޭރުގެ ބާރުތައް ގައުމުން ބާލައި، އަފްޣާނިސްތާނުގައި މިނިވަން އިސްލާމީ ނިޒާމެއް ގައިމް ކުރުމަށް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. ބޭރުގެ ބާރުތައް ކަމަށް ތާލިބާން ލީޑަރު އިޝާރާތް ކުރީ އެމެރިކާ ސިފައިންނަށެވެ.
މިއީ، ފާއިތުވީ 14 އަހަރު ދުވަހުގެ ތެރޭގައި ތާލިބާން ޖަމާއަތުގެ ވެރިޔާ އަފްޣާނިސްތާނު ސަރުކާރާއެކު މަޝްވަރާ ކުރަން ބޭނުންވާކަން ހާމަކުރި ފުރަތަމަ ފަހަރެވެ. 2011 ވަނަ އަހަރުގެ ފަހުން ތާލިބާން ޖަމާއަތުގެ ވެރިޔާ މުއްލާ މުހަންމަދު އުމަރު އާންމުކޮށް ފެނިފައެއް ނުވެއެވެ.
ތާލިބާން ޖަމާއަތުގެ ވެރިޔާ މުއްލާ މުހަންމަދު އުމަރަކީ އެމެރިކާއިން ހައްޔަރުކުރަން ވަރަށް ބޮޑަށް ބޭނުންވެގެން އުޅޭ މީހެކެވެ. އެމެރިކާ ސިފައިންގެ އަތްދަށުން އޭނާ ބައެއް ފަހަރު ސަލާމަތް ވެފައިވަނީ "ހަމަ ކިރިޔާ" ކަމަށް ވެއެވެ. އެމެރިކާއިން ދިން ހަމަލާއެއްގައި މުއްލާ އުމަރުގެ އެއް ލޯވެސް ވަނީ ހަލާކުވެފައެވެ. އެލޮލަކަށް ނުފެނެއެވެ.
އަފްޣާނިސްތާނު ސަރުކާރާއި ތާލިބާން ޖަމާއަތާ ދެމެދު މިމަހުގެ ކުރީކޮޅު ނުރަސްމީ ވާހަކަތަކެއް ޕާކިސްތާނުގައި ބާއްވާފައި ވެއެވެ. މި ވާހަކަތަކުގެ އެއްވެސް ތަފްސީލެއް މީޑިއާއަށް ހާމަކޮށްފައި ނުވިނަމަވެސް، ރޯދަމަސް ނިމުމާއެކު ދެވަނަ ބުރުގެ ވާހަކަތައް ބާއްވަން ވަނީ އެއްބަސް ވެފައެވެ.
ޕާކިސްތާނުގައި ބޭއްވި ނުރަސްމީ ވާހަކަތަކުގެ ސަބަބުން އަފްޣާން – ތާލިބާނާ ދެމެދުގައި ސުލްހައިގެ ރަސްމީ މަޝްވަރާތައް ބޭއްވުމަށް މަގުފަހި ވެގެން ހިނގައިދާނެ ކަމަށް ކުރިންވެސް އަޑުތައް ފެތުރުނެވެ.
ޕާކިސްތާނުގައި ބޭއްވި ވާހަކަތަކަށް އެމެރިކާއާއި ދުނިޔޭގެ ގައުމުތަކުން މަރްހަބާ ކިޔާފައި ވެއެވެ.
ތާލިބާން ޖަމާއަތުން އަފްޣާނިސްތާނުގައި ވެރިކަން ކުރަނިކޮށް އެމެރިކާއިން ސިފައިން ފޮނުވައި ތާލިބާން ވެރިކަން ވައްޓާލީ 2011 ވަނަ އަހަރުއެވެ. އެއީ، ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދެވުނު ހަމަލާއާ ގުޅުވައިގެންނެވެ.
އޭގެފަހުން އަފްޣާނިސްތާނުގެ ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކާ ދެކޮޅަށް ތާލިބާން ހަނގުރާމަވެރިން ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި އަފްޣާނިސްތާނުގެ ބައެއް ސަރަހައްދުތައް މިހާރުވެސް ކޮންޓްރޯލް ކުރަނީ ތާލިބާން ޖަމާއަތުންނެވެ.
ސަރުކާރާއެކު މަޝްވަރާތައް ކުރިއަށް ގެންދަން މުއްލާ އުމަރު ތާލިބާން ޖަމާއަތަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ