ޕީޕީއެމްގެ ކޮމެޓީތަކާއި ގުނަވަންތައް ޕާޓީގެ ރައީސްގެ ހުއްދަ ނެތި ނުބާއްވަން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަންގާފައިވާ އެންގުމަށް އަމަލުކުރަން ފަސްކޮށްދިނުމުގެ އަމުރެއް ނެރެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ސިވިލް ކޯޓުން އާދީއްތަ ދުވަހު އެ އަމުރު ނެރެދީފައިނުވާއިރު، ރައީސް މައުމޫނު ވަނީ އެމަނިކުފާނުގެ ހުއްދަނެތި އެ ޕާޓީގެ ކޮމެޓީތައް ނުބޭއްވުމަށް އެންގެވި އެންގުން، ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ކޮމެޓީތައް ބޭއްވުމަށް އެދިވަޑައިގެން މިމަހުގެ 14 ވީ ދުވަހު އަބުރާ ގެންދަވާފައެވެ.
ޕީޕީއެމްގެ ރައީސް މައުމޫނާ ދެކޮޅަށް އެފަދަ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދުނީ އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ.
ސިވިލް ކޯޓުން އެ ބޭފުޅުން އެދުނު އަމުރު ނެރެނުދޭން ނިންމާފައި ވަނީ ޝަރީއަތުގެ ބޭރުން ދެ ފަރާތުން މަޝްވަރާކޮށްގެން ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް މިއަދު އެ ކޯޓުގައި ބޭއްވި ބައްދަލުވުމުގައެވެ.
އެބައްދަލުވުމަށް ޝިޔާމާއި ޝާހިދުގެ ފަރާތުން ގާނޫނީ ވަކީލަކު ހާޒިރުވެފައިވާއިރު، ޕީޕީއެމްގެ ފަރާތުން ހާޒިރުވެވަޑައިގަތީ އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމްއެވެ. އެ މައްސަލައިގެ އިތުރު ބައްދަލުވުމެއް މިމަހުގެ 19 ވަނަ ދުވަހުގެ 1:30 ގައި ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.
ޝިޔާމާއި ޝާހިދު ކުރެއްވި ދައުވާގައި ވަނީ މައުމޫން އެކުލަވާލައްވާފައިވާ މަޝްވަރާ މަޖިލީހަކީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އެކުލަވާލައްވާފައިވާ ކޮމެޓީއެއް ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައެވެ.
ރައީސް މައުމޫންގެ އެންގުމަށް އަމަލުކުރަން ފަސްކޮށްދިނުމުގެ އަމުރެއް ނެރެވެން ނެތް: ސިވިލް ކޯޓުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ