ވެލެންސިޔާގެ މައްޗަށް ކުރި ހޯދާ ނިއު އެއްވަނަ މަގާމް ދަމަހައްޓައިފި

0-3 ގެ ނަތީޖާއަކުން ކްލަބް ވެލެންސިޔާގެ މައްޗަށް ކުރި ހޯދާ ނިއުރޭޑިއަންޓް ލީގުގެ އެއްވަނަ މަގާމު ދަމަހައްޓައިފި އެވެ.
މި މޮޅާއެކު ނިއު ލީގުގެ އެއްވަނައިގައި އޮތީ 15 ޕޮއިންޓާއެކީގަ އެވެ. މި މެޗުން ބަލިވި ވެލެންސިޔާ އޮތީ 5 ޕޮއިންޓާއެކީ ލީގުގެ 6 ވަނައިގަ އެވެ.
ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ނިއުއިން ޖެހީ މެޗުގެ 39 ވަނަ މިނެޓްގަ އެވެ. ފާސިރު ދިން ރީތި ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑު މުހައްމަދު އުމެއިރު އެވެ.
ނިއުއިން ރަނގަޅަށް ކުޅުނު މި މެޗުގައި އެޓީމުން ޖެހި ދެވަނަ ގޯލް މެޗުގެ 75 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު (ސެންޓޭ) އެވެ. އަދި އެޓީމުގެ ފަހު ގޯލް މެޗުގެ 86 ވަނަ މިނެޓްގައި ފާސިރު ދިން ޕާހަކުން ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.
މެޗަށްފަހު ވާހަކަދައްކަމުން ނިއުގެ މެނޭޖަރު އިސްމާއިލް ވިޝާމް ވިދާޅުވީ މިދިޔަ މެޗެކޭ އެއްގޮތަށް މި މެޗުގައި ވެސް ފެށުން ދިޔައީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ. ނަމަވެސް ފުރަތަމަ ގޯލް ޖެހުމުން ކުޅުން ރަނގަޅުވެގެންދިޔަ ކަމަށް ވިޝާމް ވިދާޅުވި އެވެ.
އަދި މި މެޗުގައި ނިއުގެ ފޯވާޑް މުހައްމަދު އުމެއިރުގެ ކުޅުން ވިޝާމް ވަނީ ފާހަގަކޮށްފަ އެވެ.
"އުމެއިރު މިހާރު ހުރީ ވަރަށް ރަނގަޅު ފޯމެއްގަ. މިދިޔަ ސީޒަނުގަ އަހަރުމެން ޓީމުގެ ކުރީގައި ހުރީ އަޝްފާގް. މިހާރު އޭނާގެ މަގާމަށް ކުޅެމުންދަނީ އުމެއިރު" ވިޝާމް ވިދާޅުވި އެވެ.
މިރޭގެ މެޗަށްފަހު ވާހަކަދައްކަމުން ވެލެންސިޔާގެ ކޯޗު މުހައްމަދު ޝާހިދު ބުނީ ނިއު ކަހަލަ ޓީމަކާ ދެކޮޅަށް މިރޭ ވެލެންސިޔާ ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ނިއު އިން ގޯލްޖެހީ ވެލެންސިޔާ އިން ރަނގަޅަށް ކުޅެމުން ދަނިކޮށްކަމަށާއި އަދި އެންމެ ބޮޑު މައްސަލައަކީ ވެލެންސިޔާގަ ގޯލް ޖަހާނެ ރަނގަޅު ފޯވާޑެއް ނެތުންކަމަށް ވެސް އޭނާ ބުންޏެވެ.
"ނިއު އަތުން 0-3 ގެ ނަތީޖާއަކުން ބަލިވުމަކީ މައްސަލައެއް ނޫން. މިރޭ މި ކުޅުނު ގޮތަށް އެހެން ޓީމުތަކާ ދެކޮޅަށް ކުޅެފިނަމަ ލީގުގައި ވެލެންސިޔާ އަށް ރަނގަޅު ފައިޓެއް ދެވޭނެ" ޝާހިދު ބުންޏެވެ.
ލީގުގެ މެޗެއް ދެން ކުޅޭނީ މި މަހުގެ 24 ވަނަ ދުވަހުގެ ރެ އެވެ. އެ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ވިކްޓްރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ