އޮމާންގެ ސުޕްރީމް ކައުންސިލް ފޮރ ޕްލޭނިންގެ ސެކްރެޓަރީ ޖެނެރަލް އަދި އޮމާންގެ ސުލްތާންގެ ފަރާތްޕުޅުން ދުރުވި ޙާއްޞަ މަންދޫބު، ސުލްޠާން ބިން ސާލިމް އަލް-ހަބްސީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ 20 ފެބުރުވަރީ 1981 ގައި ދެޤައުމުގެ ދެމެދުގައި ޤާއިމްކުރެވުނު ވަރުގަދަ ދާޙީލީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އަދި، ރާއްޖެއާއި އޮމާންއާ ދެޤައުމުގެ ދޭތެރޭ ޤާއިމްކުރެވިފައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ަނީ ވިދާޅުވެފައެވެ.
އޮމާންގެ ސުލްތާންގެ ފަރާތްޕުޅުން ވަޑައިގެންނެވި ޙާއްޞަ މަންދޫބު ވަނީ، ހިޒް މެޖެސްޓީ ސުލްޠާން ޤަބޫސް ބިން ސަޢިދުގެ ފަރާތްޕުޅުން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ތަޙުނިޔާއާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި، އޮމާންގެ ޙާއްޞަ މަންދޫބު ވިދާޅުވީ އޮމާން ސަރުކާރުން ރާއްޖޭގައި ވިޔަފާރީގެ ދާއިރާއިން، ޙާއްޞަކޮށް މަސްވެރިކަމާއި ޓުއަރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިވާކަމުގައެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫންއާއި، ފޮރިން މިނިސްޓްރީގެ އަންޑަރ ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އޮމާންގެ ސުޕްރީމް ކައުންސިލް ފޮރ ޕްލޭނިންގެ ސެކްރެޓަރީ ޖެނެރަލް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ